ކުޑަކުދިންނަށް ޖިންސީ އަނިޔާދޭ މީހުން ދަންޖައްސަން ޖާބިރު މަޖިލީހަށް ހުށަހަޅައިފި

19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް -- ފޮޓޯ/ މަޖިލިސް

ކުޑަކުދިންނަށް ޖިންސީ އަނިޔާދޭ މީހުންގެ މައްޗަށް ކަނޑައަޅާ އަދަބަކީ "ރައްޔިތުންގެ ކުރިމަތީގައި ދަންޖައްސައި މެރުން" ކަމަށް ބަދަލުކުރަން ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު މަޖިލީހަށް ހުށަހަޅުއްވައިފި އެވެ.

ޑީއާރުޕީގެ ލީޑަރުކަން ކުރައްވާ ޖާބިތު މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ ފަހަކަށް އައިސް ރާއްޖޭގައި އެންމެ ގިނައިން ހިނގަމުން އަންނަ އެއް ކަމަކީ ކުޑަކުދިންނަށް ޖިންސީ އަނިޔާކުރުމާއި، ޖިންސީ ފުރައްސާރަ ކުރުމުގެ މައްސަލަތަކެވެ.

ނަމަވެސް އެ އަމަލު ހިންގާ ފަރާތްތައް މުޖުތަމައުއަށް ދޫކޮށްލާފައި ތިބުމުގެ އިތުރުން، އެފަދަ ފަރާތްތަކުގެ މައްޗަށް ޝަރީއަތެއް ހިންގި ކަމުގައިވިޔަސް، ގިނަ ފަހަރަށް އެމީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ވިދާޅުވެ ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.

ކުށް ސާބިތުވާ މީހުންނަށް ގާނޫނުގައި ކަނޑައަޅާފައިވާ އެންމެ ބޮޑު އަދަބަކީ ޖަލަށް ލުން ކަމަށް ވާތީ އެގޮތުގެ މަތިން ކުރެވޭ ހުކުމްތައް ތަންފީޒުކުރުމުގެ ގޮތުން ޖަލުގައި ކުޑަ ދުވަސްކޮޅަކު ބެހެއްޓުމަށްފަހު އެފަދަ ފަރާތްތައް ދޫކޮށްލާ ކަމަށް ވެސް ޖާބިރު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ، އެއިރެއްގައި އޮންނަ ސަރުކާރަކާ ގުޅުންހުރި ފަރާތްތަކަށް މައާފް ދެއްވައި ޖަލުން ދޫކޮށްލަމުން ގެންދާ ކަމީ ދެބަސްވެވެން ނެތް ހަގީގަތެއް ކަމަށެވެ.

އެ ފުރުސަތު ސަރުކާރުތަކަށް ލިބެމުންދަނީ އެފަދަ ފަރާތްތަކާ މެދު އަމަލު ކުރުމަށް އިސްލާމްދީނުގައި އަންގަވާފައި އޮންނަ ގޮތާ ހިލާފަށް ހުކުމް ކުރަމުން ދިއުމުގެ ސަބަބުން ކަމަށް ގަބޫލުކުރައްވާ ކަމަށް ޖާބިރު ވަނީ ވިދާޅުވެފައިވެ އެވެ.

ޖާބިރު ވިދާޅުވީ ކުޑަކުދިން ޖިންސީ ޝިކާރައަކަށް ހަދައި، އެކުދިންނަށް އިއާދަ ނުކުރެވޭ ވަރުގެ ބޮޑެތި ގެއްލުން ދެމުންދާ މީހުންގެ މައްޗަށް އިސްލާމްދީނުގައިވާ މަގުން އަދަބު ކަނޑަނޭޅި ދާނަމަ، ކަނޑުހުޅުދޫގައި ހިނގައިގެން އުޅޭފަދަ ނުރައްކާތެރި އެތައް މައްސަލައެއް ކުރިއަށް އޮތް ތަނުގައި ތަކުރާރުވުމުގެ ފުރުސަތު އޮތް ކަމަށެވެ.

އެހެންކަމުން އެ އަމަލުތައް ހުއްޓުވުމަށްޓަކައި މިހާރުން މިހާރަށް ފިޔަވަޅުތައް އެޅުމަށް، ރައްޔިތުންގެ މަޖިލީހަށާއި، ދިވެހި ދައުލަތަށާއި އަދި ދައުލަތުގެ ކަމާބެހޭ އެންމެހާ ފަރާތްތަކަށް ޖާބިރު ވަނީ ގޮވާލައްވައިފަ އެވެ.

"މިގޮތުން މިކަންކަން ހުއްޓުވެން އޮތީ ދިވެހިރާއްޖޭގެ ގާނޫނު އަސާސީ އަށާއި އަދި މިހާރު ހެދިފައިވާ ގާނޫނުތަކަށް ބަދަލު ގެނެސްގެން ކަމަށް ވީނަމަވެސް، އެކަންކަން ކުރުމުގެ މަސައްކަތް މިހާރުން މިހާރަށް ފަށްޓަވައި، ކުޑަކުދިންނަށް ޖިންސީ އަނިޔާކުރާ ފަރާތްތަކުގެ މައްޗަށް ކަނޑައާޅަ އަދަބަކީ 'ރައްޔިތުންގެ ކުރިމަތީގައި ދަންޖައްސާ މެރުން' ކަމުގައި ހެދުމަށް އަޅުގަނޑު ބޭނުންވާތީ މިކަން މިގޮތަށް ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ އެންމެހާ މެމްބަރުން ތާއީދު ކޮށްދެއްވުމަށް އެބޭފުޅުންގެ އަރިހު އާދޭހާ އެކު އަޅުގަނޑު އެދޭކަމަށާއި، އެގޮތުން ރައްޔިތުންގެ މަޖިލީހުން ނިންމަން ޖެހޭ އެންމެހާ ކަންކަން ނިންމުމަށް މިހިނދުން މިހިނދަށް ރައްޔިތުންގެ މަޖިލިސް ހާއްސަ ޖަލްސާއެއް ބާއްވައި ދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި ރައީސް އަށް ދެނެވީމެވެ." ޖާބިރުގެ ސިޓީގައިވެ އެވެ.

ޖާބިރު ވިދާޅުވީ ރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމް ގައުމަކަށް ވާއިރު، ރާއްޖޭގެ ރައްޔިތުންނަކީ އިސްލާމްދީނުގެ އަންގަވާފައިވާ ރިވެތި އަހްލާގު ހިފަހައްޓަންޖެހޭ ބަޔަކަށް ވާންޖެހޭ ކަމަށެވެ.

ދެ އަހަރު ނުފުރޭ ކުޑަ އަންހެން ކުއްޖަކު އެކުއްޖާގެ ކާފަ އަދި މުނިކާފަ ރޭޕް ކުރި މައްސަލައާއެކު، ރޭޕް ކުރާ މީހުންނަށް މަރުގެ އަދަބު ދިނުމަށް ގޮވާލާ އަޑު ވަނީ ގަދަވެފަ އެވެ.

އެ މައްސަލައާ ގުޅިގެން މުޒާހަރާ ވެސް ކުރަމުން އަންނަ އިރު، މުޒާހަރާގައި ވެސް އެމީހުން މެރުމަށް ގޮވާލައި އަންނަނީ އަޑުއުފުލަމުންނެވެ.

ތުއްތު އަންހެން ކުއްޖަކު ރޭޕްކުރި މައްސަލައިގައި، އެކުއްޖާއަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ކާފަ (62އ) އަދި މުނިކާފަ (82އ) ވަނީ ހައްޔަރުކޮށްފަ އެވެ. އަދި އިހުމާލުގެ ތުހުމަތުގައި ކުއްޖާގެ ބައްޕަ (33އ) ވެސް ވަނީ ހައްޔަރުކޮށްފަ އެވެ. އެ ތިން މީހުންނަށް ވެސް 15 ދުވަހުގެ ބަންދުގެ މުއްދަތެއް ކޯޓުން ވަނީ ދީފަ އެވެ.

comment ކޮމެންޓް