މައްސަލަތައް ލަސް ކުރާ ފަނޑިޔާރުންނާ މެދު ފިޔަވަޅު އަޅަނީ

ޖުޑިޝަލް ސާވިސް ކޮމިޝަނުގެ ބައެއް މެމްބަރުން -- ސަން ފޮޓޯ/ އަހްމަދު އަވްޝަން އިލްޔާސް

އެކަށީގެންވާ ސަބަބެއް ނެތި މައްސަލަތައް ކުރިއަށް ނުގެންގޮސް ލަސް ކުރާ ފަނޑިޔާރުންނާ މެދު ފިޔަވަޅު އަޅަން ނިންމާފައިވާ ކަމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ބުނެފި އެވެ.

ތިން ކޯޓަކަށް ފަނޑިޔާރުން ހުވާ ކުރުމަށް މިއަދު ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)ގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޖޭއެސްސީއަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައި ހުންނަވާ މެމްބަރު އަދި އެ ކޮމިޝަނުގެ ނައިބު ރައީސް މަސްތޫރު ހުސްނީ ވިދާޅުވީ، އެ ކޮމިޝަނަށް އެންމެ ގިނައިން ޝަކުވާ ހުށަހަޅަނީ މައްސަލަތައް ލަސްވެގެން ކަމަށެވެ.

"200 އެއްހާ ޝަކުވާ އަޅުގަނޑުމެންނަށް ލިބިފައިވާ އިރުގައި އޭގެ ތެރެއިން ދެބައިކުޅަ އެއްބައި ޝަކުވާ އަކީ މައްސަލަތައް އާދައާ ހިލާފަށް ލަސްވުން،" މަސްތޫރު ވިދާޅުވި އެވެ.

މަސްތޫރު ވިދާޅުވީ، ބައެއް ހާލަތްތަކުގައި މައްސަލަތައް ކުރިއަށް ނުގެންގޮސް ދެތިން އަހަރު ވާއިރު ދައުވާ ލިބޭ މީހާ ޖަލުގައި އޮންނަން ޖެހޭ ކަމަށެވެ. އޭނާ ވިދާޅުވީ، އަދުލު އިންސާފު ލަސްވުމަކީ އަދުލު އިންސާފު ނުލިބުން ކަމަށެވެ. އެހެންކަމުން، އެކަމަށް ހައްލެއް ގެނެވެން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެހެންކަމުން އެކަށީގެންވާ ސަބަބެއް ނެތި މައްސަލަ އާދައާ ހިލާފަށް ލަސްވަމުންދާ ނަމަ އެ ލަސްވަމުންދާ ކަމުގެ ޒިންމާވާ ފަރާތެއް، އެއީ ފަނޑިޔާރަކަށް ވިޔަސް އެ ފަނޑިޔާރަކާ މެދު ފިޔަވަޅު އެޅުމުގެ މަސައްކަތް އަޅުގަނޑުމެން ފަށައިގެންފައިވާ ވާހަކަ ދަންނަވަން،" މަސްތޫރު ވިދާޅުވި އެވެ.

ރައްޔިތުން އެންމެ ބޮޑަށް އެދޭ އެއް ކަމަކީ އަދުލުވެރި، އިތުބާރު ކުރެވޭ، އެކަށީގެންވާ އަވަސްމިނުގައި މައްސަލަތައް ނިންމާ ފަނޑިޔާރު ގެއެއް ލިބުން ކަމަށް މަސްތޫރު ވިދާޅުވިއެވެ. ޖޭއެއްސީގެ މަގުސަދަކީވެސް ރައްޔިތުންނަށް އެފަދަ ފަނޑިޔާރު ގެއެއް ހޯދައި ދިނުން ކަމަށް އޭނާ ވިދާޅުވި އެވެ.

މިދިޔަ އަހަރަކީ ފަނޑިޔާރު ގެއަށް ހެޔޮ ބަދަލުތަކެއް އައި އަހަރެއް ކަމަށްވެސް އޭނާ ވިދާޅުވި އެވެ. އެގޮތުން މިހާރު ކޯޓުތަކުން ރައްޔިތުންނާ ކައިރިން މަސައްކަތް ކުރެވޭ ގޮތަށް އިންތިޒާމުތައް ބަހައްޓައި، މައްސަލަތައް ތާވަލު ކުރުމާއި ހިންގުމުގައި އަވަސްވެފައިވާކަން ފާހަގަ ކުރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ. އޭގެ އިތުރުން މައްސަލަ ބަލައިގަތުމުގައި ރަޖިސްޓްރާގެ މަސްއޫލިއްޔަތު ގާނޫނުގައި ކަނޑައަޅާފައިވާ ގޮތަށް ލިބިދީފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިފަދަ ހެޔޮ ބަދަލުތަކެއް ކޯޓުތަކަށް އަންނަ އިރުގައި ބަލާލަން ޖެހޭ ކޯޓުތައް ހިންގުމަށް ގާނޫނުން ކަނޑައަޅާފައިވާ ތަސައްވަރު، ތަސައްވަރާ އެއްގޮތަށް މިހާރު ކޯޓުތައް ހިންގުމަށް ފަނޑިޔާރުގެ ނުވަތަ ފަނޑިޔާރުން މަސައްކަތް ކުރައްވާތަން އަޅުގަނޑުމެންނަށް ފެންނަމުން އެބަ ދޭ،" މަސްތޫރު ވިދާޅުވިއެވެ.

މިދިޔަ އަހަރުގެ ތެރޭގައި ޖުޑިޝަލް ސާވިސް ކޮމިޝަނުން ވަނީ ފަނޑިޔާރުންނާ ބެހޭ ގިނަ އަދަދެއްގެ ސުލޫކީ މައްސަލަ ބަލައިފަ އެވެ. އަދި އެ ކޮމިޝަނުން ވަނީ ބައެއް ފަނޑިޔާރުން މަގާމުން ވަކިކުރަންވެސް މަޖިލީހަށް ފޮނުވައިފަ އެވެ. އޭގެ ތެރޭގައި ސުޕްރީމް ކޯޓުގެ ކުރީގެ ގިނަ ފަނޑިޔާރުން ހިމެނެ އެވެ.

comment ކޮމެންޓް