"ގޮށްރާޅު" އާއި "މާމުއި" އެނބުރި އޮލިމްޕަހަށް

މާމުއި އަނެއްކާވެސް އޮލިމްޕަހަށް--- ފޮޓޯ/މޮގާ

ޑާކްރެއިން އެންޓަޓެއިންމަންޓުން މިދިޔަ އަހަރު ގެނެސްދިން އެންމެ ކާމިޔާބު ދެ ފިލްމު ކަމަށްވާ "ގޮށްރާޅު" އަދި "މާމުއި" އަލުން ސްކްރީންކުރުމަށް ނިންމައިފިއެވެ.

ޕްރޮޑިއުސަރު މުހައްމަދު އަލީ (މޮގާ) ސަން އަން ބުނީ "ގޮށްރާޅު" އަދި "މާމުއި" ގެ ވެސް ދެ ޝޯއެއް ދައްކަން ނިންމާފައިވާ ކަމަށެވެ. ގޮށްރާޅު ސްކްރީން ކުރާނީ އަންނަ މަހު ފަހެއް އަދި ހަތް ވަނަ ދުވަހުއެވެ. މާމުއި ދައްކާނީ އަންނަ މަހު ހައެއް އަދި އަށް ވަނަ ދުވަހުއެވެ.

ފިލްމު ނުބެލި ތިބި އާންމުންނަށް މި ދެ ފިލްމު ބެލުމުގެ ފުރުސަތު މިއޮތީ ލިބިފައެވެ. ފިލްމު ބެލުމަށްފަހު އަދި އެއްފަހަރު ނަމަވެސް ފިލްމު ބަލާލަން ބޭނުންވާ އާންމުންނަށް މިއޮތީ އެ ފުރުސަތު ލިބިފައެވެ.

އޮލިމްޕަސް ސްކްރީނުގައި ފިލްމު ދެއްކުމަށް ނިންމާފައިވާއިރު ދެ ފިލްމުގެ ޓިކެޓް ވެސް އަންނަ ހަފްތާގައި ވިއްކަން ފަށާނެއެވެ.

ގޮށްރާޅުގެ ތަރިންނަކީ ޖުމައްޔިލް ނިމާލް، ހަސަން އިރުފާން (ޒަކިއްޓެ)، އަލަށް ތައާރަފްވާ ދެ ބަތަލުން ކަމަށްވާ ތަސްނީމާ، ރަޝްފާ، އަޒާން އެވެ. އޭގެ އިތުރުން ފިލްމުގައި ދެން ހަރަކާތްތެރިވާނެ ބައެއް ތަރިންނަކީ ޖުމައިހު، ނުޒުހަތު ޝުއައިބު (ނުޒޫ) އެވެ.

ގޮށްރާޅު އެނބުރި އޮލިމްޕަހަށް--- ފޮޓޯ/ މޮގާ

މޫމިން ފުއާދުގެ ވާހަކައަކަށް އެ ފިލްމު ޕްރޮޑިއުސްކޮށްފައި ވަނީ މުހައްމަދު އަލީ (މޮގާ)އެވެ. އެ ފިލްމަކީ މިދިޔަ އަހަރުގެ ފުރަތަމަ ބޮލޮކްބަސްޓާ އެވެ. ފިލްމުގައި ފެނިގެންދަނީ އަންހެން ކުއްޖެއްގެ ސަބަބުން ދެ މީހެއްގެ ދެމެދު ހިނގާ ހަމަނުޖެހުންތަކެވެ.

ބޮޑު ކާސްޓެއް ހިމެނޭ މާމުއި އަކީ އައިޝަތު ފުއާދު އަދި އަހްމަދު ތޮލާލުގެ ވާހަކައެއްގެ މައްޗަށް މުހައްމަދު އަލީ (މޮގާ) ޕްރޮޑިއުސްކޮށްފައިވާ ފިލްމެކެވެ. ފިލްމުގެ ޑައިރެކްޓަރަކީ އަލީ ޝިފާއު (ޗިއްޕެ) އެވެ.

ކޮމެޑީ އެ ފިލްމު ރަހުމަތްތެރިންނާ އެކު ބަލައިލަން "މާމުއި" ވަރުގެ ފިލްމެއް ނެތްކަން ގިނަ ބަޔަކު އިއްތިފާގުވެ އެވެ. "މާމުއި" އަކީ ބަނޑަށް ހީހީ ހަލާކުކޮށްލި ކޮމެޑީއެކެވެ.

comment ކޮމެންޓް