ކައުންސިލް އިންތިހާބަށް އެމްޑީޕީގެ ޝިއާރަކީ، "އެޖެންޑާ 19 ރަށަށް"

ޖެނުއަރީ 12، 2020: ހއ. އަދި ހދ. އަތޮޅަށް އެމްޑީޕީއިން ކުރާ ކެމްޕެއިން ދަތުރަށް ފުރުން: މި ދަތުރުގައި އެމްޑީޕީގެ ރައީސް އަދި މަޖިލިސް ރައީސް މުހައްމަދު ނަޝީދުއާއި މަޖިލިސް ބައެއް މެމްބަރުން ބައިވެރިވެ ވަޑައިގަންނަވާ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އަންނަ އެޕްރީލް މަހު ބައްވާ ލޯކަލް ކައުންސިލުން އިންތިހާބުގެ ކެމްޕޭން މުޅި ރާއްޖެއަށް ފުޅާކުރުމުގެ ގޮތުން، "އެޖެންޑާ 19 ރަށަށް" ޝިއާރުގެ ދަށުން މުޅި ރާއްޖޭގައި ހަރަކާތްތަކެއް ހިންގަން އެ ޕާޓީއިން ރާވައިފި އެވެ.

ކައުންސިލް އިންތިހާބަށް އެމްޑީޕީ ވަމުންދާ ތައްޔާރީތަކާ ގުޅޭ ގޮތުން އިއްޔެ އެ ޕާޓީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕާޓީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް ވިދާޅުވީ ކުރިއަށް މި އޮތް ހަފްތާ ބަންދުގައި އެމްޑީޕީގެ 18 ޓީމަކުން ށ އަތޮޅުން ފެށިގެން އައްޑޫ ސިޓީގައި ހިމެނޭ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ދަތުރު ކުރާނެ ކަމަށެވެ.

އޭނާ ވިދާޅުވީ މި ޓީމްތަކުން ރަށްރަށުގައި ދޮރުން ދޮރަށް ހިނގައި ފާހަގަވި ކަންކަމާ ގުޅޭ ގޮތުން، އަތޮޅުގެ ކޮންމެވެސް އެއް ރަށެއްގައި ހުރިހާ ރަށެއްގެ ކެމްޕޭންގެ އިސް ފަރާތްތައް ބައިވެރިކޮށްގެން ވޯކްޝޮޕެއް ބާއްވާނެ ކަމަށެވެ. އެގޮތުން 18 ރަށެއްގައި އެއް ފަހަރާ އެ ވޯކްޝޮޕް ބާއްވާނެކަން އޭނާ ފާހަގަ ކުރެއްވި އެވެ.

އެ ހަރަކާތް އެމްޑީޕިއިން ކުރިއަށް ގެންދަން ރާވާފައި ވަނީ، މި މަހުގެ 23-25 އަށެވެ.

މިފަހުން އެމްޑީޕީއިން ވަނީ، ހއ. އަދި ހދ. ގެ ރަށްތަކަށް "ތިލަދުންމަތީ ދަތުރު"ގެ ނަމުގައި ކެމްޕޭން ދަތުރެއް ބާއްވައި، "އިރުވައި ކޮންފަރެންސް"ގެ ނަމުގައި ވޯކް ޝޮޕެއް ކުޅުދުއްފުށީ ސިޓީގައި ބާއްވައިފަ އެވެ.

އެމްޑީޕީގެ ޗެއަރޕާސަންގެ ނައިބް އިދާރީ އަލީ ނިޔާޒު (ނިޔާ) ވިދާޅުވީ، އެމްޑީޕީއިން ރަށްރަށުގައި ބާއްވާ ވޯކްޝޮޕްތައް ކުރިއަށް ގެންދާނީ ހަތަރު ކަމަކަށް ފޯކަސްކޮށްގެން ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި، އެ ވޯކްޝޮޕްގައި މަޝްވަރާ ކުރާނީ މިފަހުން ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުތަކާ ގުޅޭ ގޮތުން، އާ ބަޖެޓުން ޒިންމާދާރު ކަމާ އެކު ހޭދަކުރުމާ ގުޅޭ ގޮތުން، ވަޒީފާތައް އިތުރު ކުރުމުގެ މަސައްކަތް ރޭވުން އަދި ރަށްރަށަށް ކަނޑައެޅިފައިވާ ޕްރޮޖެކްޓްތަކާ ގުޅޭ ގޮތުންނެވެ.

comment ކޮމެންޓް