ޖިންސީ އަނިޔާ ބެލުމުގައި ފަރުވާކުޑަ، އެތައް ގޯހެއް!

ޖެނުއަރީ 18، 2020: ޖިންސީ އަނިޔާ ދިން ކުޑަ ކުއްޖެ މައްސަލައިގައި ފުލުހުންނާއި ޖެންޑާ މިނިސްޓްރީގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކުޑަކުދިންގެ މައްސަލަތަކާ މެދު މުއައްސަސާތަކުން އަމަލުކުރަމުންދާ ގޮތް ދެނެގަތުމަށް އޮޑިޓާ ޖެނެރަލްގެ އޮފީހުން ހެދި ޕާފޯމަންސް އޮޑިޓް ރިޕޯޓު އާންމުކުރީ މިދިޔަ ޑިސެމްބަރު މަހުގެ ފުރަތަމަ ދުވަހު އެވެ. ގާތްގަނޑަކަށް ދެ އަހަރު ދުވަހުގެ މަސައްކަތުން ތައްޔާރު ކުރި އޮޑިޓުގައި، މައިގަނޑު ގޮތެއްގައި ބަލާފައިވާނީ 2014 އިން 2016 އަށް ކުޑަކުދިންނަށް ކުރާ ގޯނާތަކާ ގުޅިގެން ޖެންޑާ މިނިސްޓްރީ އާއި، ފުލުހުންނާއި ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީން ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ މަސައްކަތުގައި އަމަލުކޮށްފައިވާ ގޮތަށެވެ.

އެ އޮޑިޓުގައި ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތަކާ ގުޅިގެން ހުށަހެޅިފައިވާ ރިފަރަލްތަކާ، ކޭސްތަކުގެ އެސެސްމަންޓްތައް ހަދާފައިވަނީ އެންމެ އެކަށީގެންވާ ގޮތަށްތޯއާއި ތަހުގީގުކުރުމުގައި އަދި އަނިޔާ ލިބޭ ފަރާތަށް ހިމާޔަތްދިނުމުގައި މުއައްސަސާތަކުން އަމަލުކުރަނީ އެންމެ ހަރުދަނާކޮށްތޯ އަދި ނަތީޖާ ހާސިލުކުރުމަށް މަގުފަހިވާގޮތަށްތޯ ވަނީ ބަލައިފައެވެ.

އޮޑިޓަށްފަހު އޮޑިޓާ ޖެނެރަލްގެ އޮފީހުން ބުނެފައި ވަނީ ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތައް ބެލުމުގައި މުއައްސަސާތަކުން އަމަލުކުރަމުންދަނީ އެންމެ ހަރުދަނާ ގޮތެއްގައި ނޫން ކަމަށެވެ. އަދި އޮޑިޓު ކުރުމުގައި ފާހަގަވި ބޮޑެތި މައްސަލަތަކެއް ރިޕޯޓުގައި ވަނީ ހިމަނައިފައެވެ.

ޖެންޑާ މިނިސްޓްރީގެ ޒިންމާ ކޮބާ؟

ކުޑަކުދިންގެ ޙައްގުތައް ރައްކާތެރިކުރުމުގެ މަސައްކަތުގައި އެންމެ އިސް ސަފުގައި މަސައްކަތްކުރާ މުއައްސަސާއަކީ ޖެންޑާ މިނިސްޓްރީ އެވެ. ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާބެހޭ ގައުމީ ނިޒާމު ގާއިމުކުރުމާއި އެ ނިޒާމުގެ މަސައްކަތްތައް ވިލަރެސްކޮށް އެ މަސައްކަތްތައް ތަންފީޒުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމަކީ މިނިސްޓްރީގެ މެންޑޭޓުގައި ހިމެނޭ ކަމެކެވެ.

ޖެނުއަރީ 18، 2020: ޖިންސީ އަނިޔާ ދިން ކުޑަ ކުއްޖެ މައްސަލައިގައި ފުލުހުންނާއި ޖެންޑާ މިނިސްޓްރީގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރިފަރަލް ފޯމު ރިކޯޑުކުރުމާއި އައިއޯ އިން ހަމަޖައްސަން ދިގު މުއްދަތެއް ހޭދަވެފައިވުން!

ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތައް ރިޕޯޓުކުރެވޭނެ އިންތިޒާމުތައް ހަމަޖައްސާފައި ވާއިރު، ރިޕޯޓުކުރާ މައްސަލަތައް ރިފަރަލް ޑޭޓާބޭސްއަށް އެޅުމަށްފަހު ކޭސްތަކުގެ ހާލަތާއި އިސްކަންދޭންވީ މިންވަރަށް ބަލައި ކޭސް ވޯކަރުންނާ މަސައްކަތްކުރުމަށް ހަވާލުކުރެއެވެ.

އަދި ކޮންމެ ރިފަރަލް އަކަށް އެންމެ ލަސްވެގެން ހަތް ދުވަހުގެ ތެރޭގައި އެސެސްމަންޓެއް ހަދަންޖެހޭ ގޮތަށް މިނިސްޓްރީގެ ެސްއޯޕީގައި ކަނޑައަޅާފައިވެއެވެ.

މިހެން ބަޔާންވެފައި އޮތް ނަމަވެސް ބައެއް ކޭސްތަކުގެ ރިފަރަލް ފޯމު ފުރުމަށް ދިގު މުއްދަތެއް ހޭދަވެފައިވާކަން އޮޑިޓުގައި ވަނީ ފާހަގަކޮށްފައެވެ. އެގޮތުން އޮޑިޓް ސާމްޕަލަށް ނެގި 54 ކޭހުގެ ތެރެއިން 26 ކޭހަކަށް ރިފަރަލް ފޯމު ފުރުމަށް އެވަރެޖް ގޮތެއްގައި 45 ދުވަހުގެ މުއްދަތެއް ހޭދަވެފައިވެއެވެ. އަދި ބައެއް ފަހަރު ކޭސްތައް އެލޮކޭޓްނުކޮށް 60 ދުވަސް ވޭތުވެފައިވެއެވެ.

މިކަންކަމަށް ދިގު މުއްދަތެއް ހޭދަވާ ނަމަ ކޭހާ ގުޅިގެން ކުރަންޖެހޭ އިތުރު މަސައްކަތްތައް ލަސްވެގެންދާނެއެވެ. އެހެންކަމުން، އަނިޔާ ލިބިފައިވާ ނުވަތަ ލިބެމުންދާ ކުއްޖާއަށް ރައްކާތެރިކަން ބޭނުންވާ ވަގުތުގައި ރައްކާތެރިކަން ނުދެވި، ހިތާމަވެރި ހާދިސާތައް ދިމާވުމަކީ އެކަށީގެންވާކަމެއް ކަން އޮޑިޓުގައި ފާހަގަކޮށްފައިވެއެވެ.

އަދި ބައެއް ކޭސްތަކަށް އިންވެސްޓިގޭޝަން އޮފިސަރުން ހަމަޖެއްސުމަށް ތިން ދުވަސް ނަގާފައިވާއިރު ތަހްގީގު ނުފެށި
ލަސްވާ ކޮންމެ ދުވަހެއްގެ ސަބަބުން ހެކި ނެތިގެން ދިޔުމުގެ ފުރުސަތު ވެސް އިތުރުވެގެން ދާނެއެވެ.

ހުށަހެޅޭ މައްސަލައިގެ ފައިލުތަކުގައި ރިސްކް ކެޓަގަރީ ހިމަނާފައިނުވުން!

ޖެންޑާ މިނިސްޓްރީގެ ޕްރޮސީޖާ މެނުއަލްގައި ހުށަހެޅޭ މައްސަލަތަކަށް އިސްކަން ދިނުމުގައި ގެންގުޅޭނެ މިންގަނޑުތަކެއް ކަނޑައަޅާފައިވެއެވެ. އެއީ، "ކުޑަކޮށް އިސްކަންދޭން ޖެހޭ" މައްސަލަތަކާއި، "ބޮޑަށް އިސްކަން ދޭންޖެހޭ" މައްސަލަތަކާއި އަދި "އެންމެ ބޮޑަށް އިސްކަންދޭންޖެހޭ" މައްސަލަތަކެވެ.

އެހެންކަމުން މައްސަލަތަކުގެ ކޮންމެ ފައިލެއްގައިވެސް އެމައްސަލައަކީ ކޮން މިންގަނޑަކަށް ފެތޭ މައްސަލައެއްކަން ބަޔާންކުރަން ޖެހުނު ނަމަވެސް އޮޑިޓުގައި ބަލާފައިވާ 54 ސާމްޕަލްގެ ތެރެއިން އެއްވެސް މައްސަލައެއްގައި ހިމެނޭ ލިޔުމެއްގައި އެ މައްސަލައަކީ ކޮން މިންގަނޑަކަށް ފެތޭ މައްސަލައެއްކަން ބަޔާންކޮށްފައެއް ނުވެއެވެ.

"ކޭސްތަކުގެ މިންގަނޑު ކަނޑައަޅާފައި ނުވާނަމަ އެންމެ ބޮޑު އިސްކަމެއްދީގެން ކުރިއަށް ގެންދަންޖެހޭ މައްސަލަތައް އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި ނުބެލިހުރުމުގެ ސަބަބުން ހިތާމަވެރި ހާދިސާތައް ދިމާވާން މެދުވުރެވުމަކީ އެކަށީގެންވާކަމެކެވެ." އޮޑިޓު އޮފީހުން ބުންޏެވެ.

ފުލުހުން ހުށަހަޅާ މައްސަލަތަކުގެ ރެކޯޑު ނުބެލެހެއްޓޭ!

ފުލުހުންނަށް ރިޕޯޓުކޮށްފައިވާ މައްސަލަތައް ވަގުތުން ޖެންޑާ މިނިސްޓްރީއަށް ހުށަހަޅަންޖެހެއެވެ. އެކަން އެގޮތަށް ކޮށްފައިވޭތޯ އޮޑިޓް އޮފީހުން ބެލި އިރު، ފުލުހުން ޖެންޑާއަށް މައްސަލަ ހުށަހެޅި ތާރީހުތައް އެނގެން ނެތްކަން ފާހަގަކުރެވެއެވެ. ފުލުހުން ހުށަހަޅާފައިވާ
މައްސަލަތައް އެކަށީގެންވާ ގޮތެއްގައި ބަލަހައްޓާފައި ނުވުމުން އޮޑިޓް ސާމްޕަލަށް ނަގާފައިވާ 39 މައްސަލަ މިނިސްޓްރީއަށް ލިބިފައިވާ ތާރީހުތައް އެނގޭކަށް ނެތެވެ.

އެސެސްމަންޓް ހަދަންޖެހޭ މުއްދަތުގައި އެސެސްމަންޓް ހަދާފައި ނުވޭ!

ޖެންޑާއަށް ހުށަހެޅޭ ކޮންމެ ރިފަރަލްއަކަށް ހަތް ދުވަހުގެ ތެރޭގައި އިނީޝިއަލް އެސެސްމަންޓެއް ހަދަންޖެހޭ އިރު "ހައި ރިސްކް" މައްސަލަތަކަށް ކޯއެސެސްމަންޓަކާއި އެކްޝަން ޕްލޭނެއް ހަދައި 24 ގަޑިއިރުގެ ތެރޭ ނިންމަންޖެހެއެވެ.

ނަމަވެސް އޮޑިޓް ސާމްޕަލަށް ނަގާފައިވާ ސާމްޕަލްގެ ތެރެއިން 24 ކޭހުގެ އިނީޝިއަލް އެސެސްމަންޓް ހަދާފައި ނުވާއިރު، އެންމެ އިސްކަންދޭން ޖެހޭ ހަތަރު ކޭހެއްގެ ކޯއެސެސްމަންޓާއި އެކްޝަން ޕްލޭން ވެސް ހަދާފައި ނުވެއެވެ. އަދި 17 ކޭހުގެ އެސެސްމަންޓް ހަދާފައިވަނީ އެސެސްމަންޓް ނިންމަންޖެހޭ ދުވަހަށްވުރެ ލަހުންނެވެ. މިގޮތުން، އެ އެސެސްމަންޓްތައް ހެދުމަށް އެވަރެޖް ގޮތެއްގައި 97 ދުވަސް ނަގާފައިވާކަން އޮޑިޓުގައި ވަނީ ފާހަގަކޮށްފައެވެ.

ފުލުހުންގެ ތަހުގީގު ލަސް!

ފުލުހުންނަށް ހުށަހެޅޭ ބައެއް މައްސަލަތަކަކީ އެކަމަކަށް ފުލުހުން ވަގުތުން ހާޒިރުވެ، ތަހުގީގު ފަށަންޖެހޭ މައްސަލަތަކެވެ. އޮޑިޓު އޮފީހުން ބެލު ބެލުމުގައި އެފަދަ މައްސަލަތަކުގައި ފުލުހުން ވަނީ ވަގުތުން ތަހުގީގު ފަށައިފައެވެ. މިއީ މައްސަލައިގައި އަނިޔާ ލިބެމުންދާ ކުއްޖާއަށް ހިމާޔަތް ދިނުން އަވަސްވެ އަދި މައްސަލައާ ގުޅޭ މުހިންމު ހެކިތައް ފަސޭހަކަމާއެކު ލިބިގެންދާނެ ކަމެކެވެ.

ޖެންޑާގެ އެސްއޯޕީގައި ބުނެފައިވާގޮތުން މައްސަލަ ހަވާލުކުރާތާ 10 ދުވަހުގެ ތެރޭގައި މައްސަލަ ހަވާލުވި ފަރާތުން މައްސަލައިގެ ތަހުގީގު ފުރިހަމަ ކުރަންވާނެއެވެ. އެހެން ނަމަވެސް، ފުލުހުން ތަހުގީގު ކުރަމުން ގެންގޮސްފައިވާ މައްސަލަތައް ނިންމުމުގައި ވަރަށް ގިނަ ދުވަސްތަކެއް ހޭދަވެފައިވެއެވެ. މިގޮތުން ބައެއް މައްސަލަތައް ނުނިމި ތިން އަހަރަށް ވުރެ ގިނަ ދުވަސް ހޭދަވެފައިވާކަން ފާހަގަކުރެވެއެވެ.

ޖެނުއަރީ 18، 2020: ޖިންސީ އަނިޔާ ދިން ކުޑަ ކުއްޖެ މައްސަލައިގައި ފުލުހުންނާއި ޖެންޑާ މިނިސްޓްރީގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދެހާސް ސޯޅަ ވަނަ އަހަރުގެ ނިޔަލަށް ފުލުހުން ތަހުގީގު ކުރަމުން ދިޔަ ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތަކުގެ ތަފާސް ހިސާބަށް ބަލާލާއިރު އެއް މަސް ވެފައިވާ 143 މައްސަލައަކާއި ދެތިން މަސް ވެފައިވާ 297 މައްސަލައަކާއި ހަވަރަކަށް މަސް ވެފައިވާ 273 ގާތްގަނޑަކަށް އަހަރެއް ވާން ކައިރިވެފައިވާ 265 ދެ އަހަރު ވާން ކައިރިވެފައިވާ 122 މައްސަލައަކާއި ތިން އަހަރު ނުވަތަ އެއަށްވުރެ ގިނަ އަހަރުވެފައިވާ 41 މައްސަލަ އަންނަނީ ތަހުގީގު ކުރަމުންނެވެ.

"މައްސަލަތައް ތަހުގީގު ކުރުމަށް ގިނަ މުއްދަތެއް ނަގާނަމަ މައްސަލައިގައި އަދަބު ލިބެންވާ ފަރާތްތަކަށް އަދަބު ނުލިބި ގިނަ ދުވަސްތަކެއް ވުމަކީ އެކަށީގެންވާކަމެކެވެ. އަދި މިހެންވުމުގެ ސަބަބުން ކަމާގުޅޭ އިދާރާތަކާއި މެދު އާންމުންގެ އިތުބާރު ގެއްލިގެން ދިއުމަކީ އެކަށީގެންވާ ކަމެކެވެ." އޮޑިޓު އޮފީހުން ބުނެފައިވެއެވެ.

މީގެ އިތުރުން މައްސަލަ ތަހުގީގު ކުރާ ފަރާތްތަކަށް އެއް ފަހަރާ 20 މައްސަލައަށް ވުރެ ގިނައިން ހަވާލުކޮށްގެން ނުވާނެ ކަމަށް ބަޔާންކޮށްފައި ވީނަމަވެސް، އެގޮތަށް އަމަލު ކުރެވިފައެއް ނުވެއެވެ. މިގޮތަށް ދިމާވެފައި ވަނީ ތަމްރީނު ކޮށްފައިވާ މުވައްޒަފުން މަދުވުމުގެ އިތުރުން މުވައްޒަފުން އެހެން ޑިއުޓީތަކަށް ދާން ޖެހުމުންނެވެ.

އެއްފަރާތަކާ ގިނަ މައްސަލަތަކެއް ހަވާލުކުރުމުން އެމުވައްޒަފަށް މަސައްކަތް ބުރަވެ މައްސަލަތައް ނިންމަންޖެހޭ އަވަސް މިނުގައި މައްސަލަތައް ނުނިމި ދިގުލައިގެން ދިއުމަކީ އެކަށީގެންވާކަމެކެވެ.

މައްސަލަތައް ނުނިމި ގިނަ ދުވަސް ތަކެއް ނަގާފައިވަނީ، މައްސަލައިގައި ހިމެނޭ ފަރާތް އުޅޭވަކިތަނެއް ނޭގުމުގެ ސަބަބުން ތަހުގީގު ކުރުމަށް ބޭނުންވާ ބައެއް މައުލޫމާތުތައް ލިބިފައިނުވާތީކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އަނިޔާ ލިބިފައިވާ ކުދިން ޑޮކްޓަރަށް ނުދެއްކި ލަސްވެފައިވޭ!

އަނިޔާ ލިބޭ ކުއްޖާއަށް ލިބިފައިވާ ޖިންސީ ނުވަތަ ޖިސްމާނީ އަނިޔާ ދެނެގަތުމަށްޓަކައި އަނިޔާ ލިބުނުތާ 72 ގަޑިއިރު ހަމަނުވާނަމަ ކުއްޖާ ވަގުތުން ޑޮކްޓަރަށް ދައްކަންޖެހެއެވެ. އަދި 72 ގަޑިއިރު ހަމަވެފައިވާނަމަ ވީއެންމެ އަވަހަކަށް ކުއްޖާ ޑޮކްޓަރަށް ދައްކަން ޖެހެއެއެވެ.

ގިނަ މައްސަލަތަކުގައި ކުއްޖާ ޑޮކްޓަރަށް ދައްކާފައި ވީނަމަވެސް ބައެއް މައްސަލަތަކުގައި ކުއްޖާ ޑޮކްޓަރަށް ދައްކާފައިވަނީ އެވްރެޖް ގޮތެއްގައި 132 ދުވަސް ފަހުން ކަން އޮޑިޓުގައި ފާހަގަކޮށްފައިވެއެވެ.

ފުލުހުން ބުނެފައި ވަނީ ކުދިން ޑޮކްޓަރަށް ދެއްކުން ލަސްވެފައި ވަނީ ބައެއް ރަށްރަށުގައި ކުޑަކުދިންގެ ހާއްސަ ނުވަތަ އަންހެނުންގެ ހާއްސަ ޑޮކްޓަރުން ނުތިބުމުން ކައިރީގެ ރަށްރަށަށް ދާން ޖެހުމުންކަމަށެވެ.

އަނިޔާ ލިބިފައިވާ ކުދިން ވީ އެންމެ އަވަހަކަށް ޑޮކްޓަރަށް ނުދައްކާނަމަ ކުއްޖާގެ ބާޔާނުގައި ވާފަދަ ޖިސްމާނީ ގެއްލުން ލިބިފައިވާކަން ޑޮކްޓަރީގޮތުން ދެނެގަނެވޭނެ ފަދަ ނިޝާންތައް ނުވަތަ އަލާމާތްތައް ނެތިގެން ދިއުމުގެ ފުރުސަތު އޮންނާނެއެވެ.

އަދި މިފަދަ ނިޝާންތަކުގެ އަލީގައި ޑޮކްޓަރުންގެ ފަރާތުން ހުށަހަޅާ ހެކިތަކަކީ ކުށް ސާބިތުކުރުމަށް ޝަރީއަތުން ގަބޫލުކުރާ ހެކީގެ ބާވަތަކަށް ވާއިރު ޑޮކްޓަރަށް ދެއްކުން ލަސްވުމުގެ ސަބަބުން މިފަދަ މުހިންމު ހެއްކެތް ނެތިގެން ގޮސްފިނަމަ ކުށްކުރި ފަރާތަށް ހައްގު އަދަބު ނުލިބުމަކީ އެކަށިގެންވާކަމެކެވެ.

އެހެންކަމުން ކުޑަކުދިންނަށް އަނިޔާ ކުރާ ފަރާތްތައް ހޯދާ އެކުދިންނަށް އެފަރާތްތަކުން ލިބޭ އަނިޔާއިން ސަލާމަތްކުރުމަށް، މުއައްސަސާތަކުގައި ހުރި މައްސަލަތައް އިސްލާހުކުރަން އޮޑިޓް އޮފީހުން ވަނީ ގިނަ ލަފާތަކެއް ދީފައެވެ. ތަހުގީގު އަވަސް ކުރުމަށާއި، މައްސަލަތަކުގެ ރެކޯޑު ރަނގަޅަށް ބަލަހައްޓައި، މުއައްސަސާތަކުގެ ގުޅުން ބަދަހިކޮށް މައުލޫމާތު ހިއްސާކުރުން ހަރުދަނާކުރަން އޮޑިޓު އޮފީހުން ވަނީ ލަފާދީފައެވެ.

މިފަދަ ގިނަ މައްސަލަތަކެއް ހުއްޓައި، އުމުރުން ދެ އަހަރު ނުފުރޭ ކުޑަ އަންހެން ކުއްޖަކު ޖިންސީ ގޯނާގެ ޝިކާރައަކަށް ވެގެން ދިއުމުން އޮޑިޓް އޮފީހުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އެ މައްސަލަ ހިނގާދިޔަ ގޮތަށް ބަލާއިރު، މުއައްސަސާތަކުގެ ބޮޑު އިހުމާލެއް އޮތްކަން ސާފުކޮށް އެނގެއެވެ. ޖިންސީ ފުރައްސާރަކޮށްގެން ދައުވާ އުފުލި ޝަރީއަތް ހިނގަމުންދާ މީހަކު ދިރިއުޅެމުން ދިޔަ ގެއެއްގައި ކުޑަ ކުއްޖަކު ދިރިއުޅެމުން ދިޔަކަން އެއްވެސް ފަރާތަކަށް ދެނެގަނެވިފައެއް ނުވެއެވެ. އަދި އެމީހާގެ އެފަދަ މައްސަލައެއް ޖެންޑާ މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައެއް ނުވެއެވެ.

ކުޑަކުދިންނަށް ކުރާ އަނިޔާތަކާ ގުޅިގެން ކުރާ ރިޕޯޓުތައް ދަނީ އަހަރަކަށްވުރެ އަހަރެއް އިތުރުވަމުންނެވެ. އެގޮތުން ޖެންޑާ މިނިސްޓްރީއަށް 2014 އިން 2016 އަށް ޖުމުލަ 2491 މައްސަލަ ރިޕޯޓުކޮށްފައި ވާއިރު، އެ މުއްދަތުގައި ފުލުހުންނަށް 1975 މައްސަލަ ރިޕޯޓުކޮށްފައިވެއެވެ. އަދި 2016 ގެ ނިޔަލަށް 142 ކުއްޖަކު ދައުލަތުގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައެވެ.

comment ކޮމެންޓް