ބަޣްދާދުގައި ހުންނަ އެމެރިކާގެ އެންބަސީގެ ކައިރިއަށް ރޮކެޓް ޙަމަލާތަކެއް ދީފި

މިދިޔަ މަހު އިރާގުގައި ކުރި މުޒާހަރާތަކުގައި ބަޣްދާދުގައި ހުންނަ އެމެރިކާ އެންބަސީގައި ހުޅު ޖަހަފާއި.

ބަޣްދާދު (21 ޖަނަވަރީ 2020) : އިރާގުގައި ސަރުކާރާ ދެކޮޅަށް ކުރަމުން ގެންދާ މުޒާހަރާތައް ހޫނުވެފައިވަނިކޮށް ބަޣްދާދުގައި ހުންނަ އެމެރިކާގެ އެންބަސީގެ ކައިރިއަށް ތިން ރޮކެޓް ވެއްޓިއްޖެ އެވެ.

އިރާގުގެ އަމަނާބެހޭ ފަރާތްތަކުން ބުނީ އެތިން ރޮކެޓަކީ ބަޣްދާދުގެ ބޭރުގައިވާ ޒަޢްފަރާނިއްޔާ ސަރައްދުން ފޮނުވާލި ކެޓްޔޫޝާ ރޮކެޓްތަކެއް ކަމަށާއި އެއިން އެއްވެސް ރޮކެޓެއް އެމެރިކާގެ އެންބަސީއަށް އަރާފައި ނުވާކަމުގަ އެވެ. އިރާގުގެ އާންމުން މިދިޔަ ޑިސެމްބަރު މަހު އެމެރިކާއާ ދެކޮޅަށްކުރި މުޒާހަރާތަކެއްގައި ބަޣްދާދުގައި ހުންނަ އެމެރިކާގެ އެންބަސީ ހިސާރުކޮށް އެތަނުގެ ބައެއްގައި ވަނީ ހުޅުޖަހާފަ އެވެ. އެއަށް ފަހު އެމެރިކާގެ އެންބަސީގެ ބޮޑުބައި ބަންދުކޮށް އެތަނުގެ ގިނަ މަސައްކަތްތައް ހުއްޓާލައި އެމެރިކާގެ ޑިޕްލޮމޭޓުންގެ އެތައް ބަޔަކު ވަނީ އިރާގުގައި ރައްކާތެރިކަންނެތް ކަމަށް ބުނެ އެނބުރި އެމެރިކާއަށް ގޮސްފަ އެވެ.

އެންބަސީއަށް ހަމަލާދިންތާ ދެދުވަހެއްގެ ތެރޭގައި އެމެރިކާއިން އިރާގަށް ޙަމަލާދީ އީރާނުގެ އަސްކަރީ އިސް ޖެނެރަލެއްކަމަށްވާ ގާސިމް ސުލައިމާނީ އަވަހާރަކޮށްލުމުން އިރާގުގެ ޕާލަމެންޓުން ވަނީ އެމެރިކާ ސިފައިން އިރާގުން ބޭލުމަށް ގޮވާލާ ގަރާރެއް ފާސްކޮށްފަ އެވެ. އެ ގަރާރަށް ފަހު އިރާގު ސަރުކާރާ ގުޅިފައިވާ ހަތިޔާރުއެޅި ޖަމާއަތްތަކުންނާއި އިރާގުގެ ބައެއް ސިޔާސީ ޕާޓީތަކުން ވަނީ އެމެރިކާ ސިފައިން އިރާގުން ނުފައިބާ ނަމަ އިރާގުގައި އެމެރިކާއާ ދެކޮޅަށް އަސްކަރީ ހަރަކާތްތަކެއް ކުރިޔަށް ގެންދާނެކަމުގެ އިންޒާރު ދީފަ އެވެ. އަދި އިރާގުގައި އެމެރިކާ ސިފައިންނަށް މީގެފަހުން ރައްކާތެރިކަން ވެސް ނޯންނާނެކަމުގެ އިންޒާރު ވެސް އެފަރާތްތަކުން ވަނީ ދީފަ އެވެ.

އިރާގުގައި ކުރިޔަށްދާ މުޒާހަރާތައް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އިރާގުގެ ޕާލަމެންޓުން ފާސްކުރި ގަރާރަށް ގޮންޖައްސަވައި އިރާގުގައި އަސްކަރީ ބޭސްތައް ބިނާކުރުމަށް އެމެރިކާ ކުރި ޚަރަދުގެ ބަދަލު ނުދެނީސް އެމެރިކާ ސިފައިން އިރާގުން ނުބާލާނެކަމަށް ވިދާޅުވެ އެގަރާރަށް ގޮންޖައްސަވައި ވާހަކަ ދައްކަވާފަ އެވެ. ނަމަވެސް ފަހުން ވަނީ އިރާގުން އެމެރިކާ ސިފައިން ބައިތިއްބަން ބޭނުންނުވާކަން ރަސްމީގޮތުން އަންގައިފި ނަމަ އެމެރިކާ ސިފައިން އިރާގުން ބާލާނެކަމަށް ވިދާޅުވެފަ އެވެ. ބަޣްދާދުގެ ބޭރުގައިވާ ޒަޢްފަރާނިއްޔާ ސަރައްދުން ފޮނުވާލި ކެޓްޔޫޝާ ރޮކެޓްތައް ވެއްޓިފައިވާ ސަރަހައްދަކީ ބަޣްދާދުގެ ގްރީން ޒޯން އެވެ. އެއީ އިރާގުގައި ސަލާމަތީ ގޮތުންނާއި ރައްކާތެރިކަމުގެ ގޮތުން އެންމެ ވަރުގަދަ ފިޔަވަޅުތައް އަޅައި ސިފައިންނާއި ފުލުހުން އަބަދު ބަލަހައްޓާ ސަރަހައްދެކެވެ.

އިރާގު ސިފައިންގެ ތާއީދުނެތް ބައަކަށް އެސަރަހައްދަށް ހަމަލާ ނުދެވޭނެކަމަށް އޮބްޒާވަރުން ވިދާޅުވެ އެވެ. އިރާގުގެ ހަނގުރާމަވެރި ޖަމާއަތްތައް ކަމަށްވާ ހަޝްދުއްޝައަބީ އާއި އަސާއިބު އަހްލުލް ހައްގު ފަދަ ޖަމާއަތްތަކަކީ އިރާގު ސިފައިންނާ ގުޅިފައިވާ ސެމީ އޮފިޝަލް ޖަމާއަތްތަކެކެވެ.

އިރާގުން އައިއެސްގެ ވުޖޫދު ނައްތާލުމަށް 2014 ވަނަ އަހަރާއި 2018 ވަނައަހަރާ ދެމެދު އިރާގު ސިފައިން ކުރި ހަނގުރާމައިގާ އިރާގު ސިފައިންނަށް ވާގިވެރިވީ ހަޝްދުއްޝައަބީ އާއި އަސާއިބު އަހްލުލް ހައްގު ފަދަ އީރާނުގެ ތާއީދު ލިބިފައިވާ އަސްކަރީ ޖަމާއަތްތަކުންނެވެ. އަނެއްކޮޅުން އިރާގުގެ އާންމުން ސަރުކާރާ ދެކޮޅަށް ކުރާ މުޒާހަރާތަކުގައި އިއްޔެވަނީ ތިން މީހުން މަރުވެފަ އެވެ. (ނޫސްއެޖެންސީތައް)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު