ޕްރައިމަރީގައި ވާދަކުރާ ސިވިލް ސާވަންޓުންގެ ސަސްޕެންޝަން އުވާލައިފި

އޮފީސްތަކުގައި މަސައްކަތް ކުރާ މުވައްޒަފުން ވެލާނާގެ ބޭރުގައި --- ސަން ފޮޓޯ/ އަހްމަދު މުޖުތަބާ

ލޯކަލް ކައުންސިލް އިންތިހާބުގެ ޕްރައިމަރީގައި ވާދަކުރާތީ ވަޒީފާ އިން ސަސްޕެންޑު ކޮށްފައިވާ ސިވިސް ސާވިސް މުވައްޒަފުންގެ ސަސްޕެންޝަން އުވާލައިފި އެވެ.

ސިވިލް ސާވިސް ކޮމިޝަނުން އިއްޔެ ނެރުނު ސާކިއުލާއެއްގައި ބުނެފައި ވަނީ ސިވިލް ސާވިސްގެ މުވައްޒަފުން ސަސްޕެންޑު ކުރުމަށް ސިވިލް ސާވިސްގެ ގަވާއިދުގައި ބަޔާންކުރާ މާއްދާތައް އިސްލާހުކޮށް އާންމު ކުރުމަށް އެ ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ.

ސިވިލް ސާވިސް ގަވާއިދުގައިވާ ގޮތުން، ސިވިލް ސާވިސް މުވައްޒަފުންނަށް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު އޮތް ނަމަވެސް އިންތިހާބުގެ ޕްރައިމަރީ އާއި އިންތިހާބުގައި ވާދަކޮށްފި ނަމަ އިންތިހާބުގެ ދާއިމީ ނަތީޖާ އިއުލާން ކުރަންދެން އެ މުވައްޒަފަކު ސަސްޕެންޑް ކުރަން ޖެހޭނެ އެވެ.

ނަމަވެސް އިއްޔެ ގެނައި ބަދަލާ އެކު ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގެ ޕްރައިމަރީގައި ބައިވެރިވުމުގެ ސަބަބުން ސަސްޕެންޑު ކުރެވިފައިވާ ސިވިލް ސާވިސްގެ މުވައްޒަފުންގެ ސަސްޕެންޝަން ވަނީ ނިމުމަކަށް އައިސްފަ އެވެ.

މި އިސްލާހު ގެނެވުނު ކަމުގައި ވިޔަސް، ލޯކަލް ކައުންސިލް އިންތިހާބުގެ ގާނޫނުގައިވާ ގޮތުގެ މަތިން، ލޯކަލް ކައުންސިލެއްގެ މެމްބަރުން ހޮވުމަށް ބާއްވާ އިންތިހާބަކަށް ކުރިމަތިލާ މުވައްޒަފުން، އެ މުވައްޒަފު އިންތިހާބަށް ކުރިމަތިލައި އިލެކްޝަންސް ކޮމިޝަނުން ގަބޫލުކުރާ ތާރީހުން ފެށިގެން، ވަޒީފާއިން ސަސްޕެންޑު ކުރެވޭނެ ކަމަށް ސިވިލް ސާވިސް ކޮމިޝަނުން ބުންޏެވެ.

ގާނޫނުގައިވާ ގޮތުން ދިވެހި ސިވިލް ސާވިސްގެ މުވައްޒަފަކަށް ކައުންސިލްތަކުގެ އިންތިހާބަކަށް ވަޒީފާއިން އިސްތިއުފާނުދީހުރެ، ކުރިމަތިލެވި ދާނެ އެވެ.

ނަމަވެސް އެ މުވައްޒަފު އިންތިހާބަށް ކުރިމަތިލައި، އިލެކްޝަންސް ކޮމިޝަނުން އެ ފޯމު ގަބޫލުކުރާ އެކު، މުސާރަ އާއި އިނާޔަތްތަކެއް ނުދެވޭ ގޮތަށް އެ މުވައްޒަފަކު ވަޒީފާއިން ސަސްޕެންޑު ކުރެވޭނެ އެވެ.

އިންތިހާބުގައި ވާދަކުރާ މުވައްޒަފުން، ސަސްޕެންޑް ކުރެވޭނީ އެ މުވައްޒަފެއް އިންތިހާބަށް ކުރިމަތިލައި، އިލެކްޝަންސް ކޮމިޝަނުން ގަބޫލުކުރި ތާރީހުން ފެށިގެން އިންތިހާބު ނިމި އިލެކްޝަންސް ކޮމިޝަނުން ދާއިމީ ނަތީޖާ އިއުލާނު ކުރާ ތާރީހާ ހަމަޔަށެވެ.

އިންތިހާބު ކާމިޔާބުކޮށްފި ނަމަ، މުވައްޒަފު ވަޒީފާއިން ވަކި ކުރާނެ އެވެ. ނަން އަނބުރާ ގެންގޮސްފި ނަމަ ނުވަތަ އިންތިހާބުން ނާކާމިޔާބު ވެއްޖެ ނަމަ، އަލުން މުވައްޒަފު ވަޒީފާއަށް ނުކުންނަން ޖެހެ އެވެ.

comment ކޮމެންޓް