އިންޑިއާއާއި ރާއްޖޭގެ ހުނަރުވެރިންގެ މައުރަޒެއް

އިންޑިއަން ކަލްޗަރަލް ސެންޓަރުގައި މިހާރު ކުރިއަށްދާ މައުރަޒުގެ ތެރެއިން --- ސަން ފޮޓޯ : އަހުމަދު އަވްޝަން އިލްޔާސް

އިންޑިއާ އާއި ރާއްޖޭގެ ހުނަރުވެރި ފަރާތްތަކުންގެ މަސައްކަތްތައް އެއްތަނަކުން ދައްކުވާލައިދޭ މައުރަޒެއް މިއަދު ފަށައިފި އެވެ.

އިންޑިއަން ކަލްޗަރަލް ސެންޓަރުން އިންތިޒާމުކޮށްގެން "އެއްތަންވުން"ގެ ނަމުގައި މިއަދު ފެށި އެ މައުރަޒު މިއަދާއި މާދަމާ ކުރިއަށްދާނެއެވެ.

ދިވެހިންނާއި އިންޑިއާގެ ފަންނުވެރިންގެ ހުނަރުތައް ދައްކާލުމަށް ބޭއްވި އެ މައުރަޒުގައި ޖުމްލަ ނުވަ އާޓިސްޓެއް ވަނީ ބައިވެރިވެފައެވެ.

ކަލްޗަރަލް ސެންޓަރުގެ ޑިރެކްޓަރު ޑރ. ސައެދު ތަންވީރު ނަސްރީން މިއަދު ސަންއަށް ވިދާޅުވީ އެ މައުރަޒުގައި ދެގައުމުގެ ފަރާތްތަކުން ބައިވެރިކުރާއިރު ގިނަ ފަރާތްތަކަކީ ހުނަރުވެރި ދިވެހީން ކަމަށެވެ.

އިންޑިއަން ކަލްޗަރަލް ސެންޓަރުގައި މިހާރު ކުރިއަށްދާ މައުރަޒުގެ ތެރެއިން --- ސަން ފޮޓޯ : އަހުމަދު އަވްޝަން އިލްޔާސް

ނަސްރީން ވިދާޅުވީ އެ މައުރަޒަކީ، ހުނަރުވެރި ފަރާތްތަކުގެ ތެރެއިން މަސައްކަތްތައް މާކެޓުނުކޮށް ގިނަ ބަޔަކަށް ނޭނގޭ ފަރާތްތަކުގެ ހުނަރުުތައް ދައްކާލުމަށް ބާއްވާ މައުރަޒެއް ކަމަށެވެ.

އޭނާ ވިދާޅުވިގޮތުގައި އެ މައުރަޒުގެ ބޭނުމަކީ ދެގައުމުގެ ދެމެދުގައި އޮތް ގުޅުން ބަދަހިކުރުމަށް ތަފާތު ގޮތެއްގައި މަސައްކަތް ކުރުމެވެ.

"ގިނައިން ވާހަކަ ދެކެވެނީ ދެގައުމުގެ ގުޅުން ބަދަހިކުރުމަށް ޑިޕްލޮމެޓިކް ލެވެލްގެ މަސައްކަތް ކުރާ ވާހަކަ. އެކަމު އާންމުންނަށް ބޮޑަށް ފުރުސަތު ލިބިގެންދާނީ މިކަހަލަ ހަރަކާތެއްގެ ތެރެއިން ކަމަށް ބެލެވޭ،" ނަސްރީން ވިދާޅުވިއެވެ.

ދެގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމުގެ ގޮތުން އެފަދަ ގިނަ މައުރަޒުތައް ކުރިއަށް އޮތް ތަނުގައި ބާއްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. މިއީ އަދި އެފަދަ މައުރަޒެއްގެ ފެށުން ކަމަށް އޭނާ ވިދާޅުވިއެވެ.

އެ މައުރަޒުގައި ކުރެހުން ތަކާއި އަމިއްލަ އަތްތެރި މަސައްކަތްތަކުގެ ހުނަރުތައް ފެންނަން ހުންނާނެއެވެ. އެގޮތުން އިންޑިއާގެ ސަގާފަތުގައި ހިމެނޭ ރަންގޯލީ އާއި ރާއްޖޭގެ ކަސަބުގެ މަސައްކަތް ކުރާތަންވެސް އެ މައުރަޒުން ފެނިގެންދާނެއެވެ.

މިއަދު ފެށި މައުރަޒުގައި އިންޑިއާގެ ޒުވާނެއް، އޭނާގެ އާޓްވޯކްތައް ދައްކާލާފައި --- ސަން ފޮޓޯ : އަހުމަދު އަވްޝަން އިލްޔާސް

އެ މައުރަޒުގައި ބައިވެރިވި އިންޑިއާގެ ޒުވާނަކު ސަންއަށް ކިޔައިދިން ގޮތުގައި އެފަދަ ފުރުސަތެއް ލިބުމަކީ ބޮޑު ކުރިއެރުމެކެވެ. އޭނާ މައުރަޒުގައި ދައްކާލާފައިވަނީ ބިއްލޫރި ފުޅިތައް ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ އުފެއްދުންތަކެވެ. އެގޮތުން ބިއްލޫރި ފުޅީގައި ކުރަހައި ޑިޒައިންކޮށް ތައްޔާރުކޮށްފައިވާ ގިނަ ފުޅިތަކެއް އޭނާ ވަނީ އެ މައުރަޒުގައި ދައްކާލާފައެވެ.

"އަސްލު ކުރަހައި ހަދައި، ކްލޭ ބޭނުންކޮށްގެންވެސް ފުޅިތަކުގައި ހުންނާނީ ޑިޒައިން ހަދާފައި. އާންމުކޮށް ކުރުހުމެއް ނިންމާލުމަށް ތިން ވަރަކަށް ގަޑިއިރު ވެދާނެ. ދެން ފުޅިތަކުގައި ކްލޭ ބޭނުންކޮށްގެން ކުރާ މަސައްކަތްތަކަށް ދުވަހެއް ވަރު ވެދާނެ،" އޭނާ ބުންޏެވެ.

ދެ ދުވަހަށް ކުރިއަށްދާ މައުރަޒަކީ އާންމުންގެ ފަރާތްތަކަށް ހުޅުވާލައިގެން ކުރިއަށް ގެންދާ މައުރަޒެކެވެ. އަދި ވީހާވެސް ގިނަ ފަރާތްތަކުން އެ މައުރަޒަށް ޒިޔާރާތްކުރުމަށް އިންޑިއަން ކަލްޗަރަލް ސެންޓަރުން އެދެއެވެ.

comment ކޮމެންޓް