ސީއެސްސީގެ މަސައްކަތް ވަރަށް ލަސް، ވައުދުތައް ފުއްދަން ހުރަހަކަށް ވޭ: ޝާހިދު

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު-- ސަން ފޮޓޯ/ އަހުމަދު އަވްޝަން

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން މަސައްކަތްތައް ކުރުމުގައި ވަރަށް ވެސް ލަސްކަމަށާއި އެކަމުގެ ސަބަބުން ސަރުކާރުގެ ވައުދުތައް ފުއްދުމަށް ހުރަސް އެޅޭ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

ފޮރިން މިނިސްޓްރީއަށް އާ ޕާމެނެންޓް ސެކްރެޓަރީ (ޕީއެސް)އެއް ހަމަޖެއްސުމަށް މިއަދު ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި މީޑިއާގެ ހާޒިރުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ޝާހިދު ވަނީ އެ މިނިސްޓްރީއަށް ޕީއެސްއެއް ހަމަޖެއްސުމާއި ހުސްވެފައިވާ މަގާމުތަކަށް މުވައްޒަފުން ހޯދުމުގައި ސީއެސްސީއިން އެކަށީގެން ނުވާވަރުގެ ވަގުތު ނަގާ ކަމަށް ވިދާޅުވެ އެ ކޮމިޝަނަށް ފާޑު ވިދާޅުވެފަ އެވެ.

މިނިސްޓަރު ވިދާޅުވީ، އެ މިނިސްޓްރީއަށް ޕީއެސްއެއް ހޮވުމުގެ މަރުހަލާއަށް ތިން މަހާއި ބައި، ގާތްގަނޑަކަށް 104 ދުވަސް ކޮމިޝަނުން ހޭދަކޮށްފައިވާ ކަމަށެވެ. އަދި ޕީއެސްއަކަށް ބޭފުޅަކު ހޮވުމަށް ފަހު، އެބޭފުޅާ ވަޒީފާއަށް ނެރެން ބަރާބަރު 42 ދުވަސް ކޮމިޝަނުން ހޭދަކޮށްފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އެވަރުގެ ދިގު މުއްދަތެއް ކޮމިޝަންގެ މަސައްކަތްތަކަށް ނެގުމަކީ ގަބޫލު ކުރައްވާ ކަމެއް ނޫން ކަމަށް ވިދާޅުވެ، ކޮމިޝަންގެ މަސައްކަތުގެ ސްޕީޑާ މެދު ކަންބޮޑުވުން ފާޅުކުރެއްވި އެވެ.

މިނިސްޓަރު އަދި ވިދާޅުވީ ފޮރިންގެ ހުސްވެފައިވާ ވަޒީފާތަކަށް މީހުން ނެގުމާއި ޕްރޮމޯޝަން ދިނުމަށް އިއުލާންކުރުމާ ގުޅޭ ގޮތުން ސީއެސްސީއާ އެކު މަޝްވަރާ ކުރާތާ މިހާރު 28 ދުވަސްވެފައިވާ ކަމަށެވެ. އެކަމަކު، އަދިވެސް އެކަމުގައި އަލިމަގެއް ނުފެންނަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ސީއެސްސީއަކީ، މުވައްޒަފުންނަށް ނަމޫނާ މުއައްސަސާއަކަށް ވާން ޖެހޭ އިރު، ކޮމިޝަންގެ ފަރާތުން ފެންނަނީ އެއާ އިދިކޮޅު މަންޒަރެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"އެއީ ކަންވެގެން ވާނެ ގޮތެއް ނޫން. ސިވިލް ސާވިސް ކޮމިޝަން ވާން ޖެހޭނީ ނަމޫނާ އަކަށް. ސިވިލް ސާވިސް މުވައްޒަފުންނަށް ނަމޫނާ ބަޔަކަށް ކޮމިޝަން ވާން ޖެހޭނީ. އެކަމަކު އޭގެ ބަދަލުގައި ފެނިގެން މިދަނީ ކަންކަން ލަސްވެ ދިގުލައި، ގަބޫލުކުރަން ދަތި މިންވަރަށް ކަންކަމުގެ ވަގުތު ފާއިތުވެގެން ދާތަން. އެހެން ނުހެއްދެވުމަށް އަޅުގަނޑު އިލްތިމާސް ކުރަން،" މިނިސްޓަރު ޝާހިދު ވިދާޅުވި އެވެ.

ކަންކަން ލަސްނުކުރުމަށް ދައުލަތުގެ ހުރިހާ މުއައްސަސާތަކަށް އިލްތިމާސް ކުރައްވަމުން މިނިސްޓަރު ޝާހިދު ވިދާޅުވީ، ދައުލަތުގެ "މެޝިނަރީތައް" މި އަށް ވުރެ ހަލުއިކޮށް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. ސަބަބަކަށް ވަނީ، ދައުލަތުގެ މުއައްސަސާތަކަކީ ސަރުކާރަކުން ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމުގައި އެހީތެރިކަން ފޯރުކޮށްދޭން ޖެހޭ ބަޔަކަށް ވާތީ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި އެކަމަށް ހުރަސް އަޅާ ބަޔަކަށް މުއައްސަސާތައް ނުވުމަށް އޭނާ އިލްތިމާސްކުރެއްވި އެވެ.

"ސަރުކާރެއް އަންނަނީ ރައްޔިތުންނަށް ވައުދުތަކެއް ވެގެން. އަޅުގަނޑަކީ އެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކޮށްދިނުމަށް، ރައްޔިތުންނަށް ހިދުމަތް ދިނުމަށް ހުވާކޮށްގެން ހުރި ވަޒީރެއް. ސިވިލްސާވިސް ކޮމިޝަނަކީ، އަޅުގަނޑު ނިސްބަތްވާ ސަރުކާރުން އެ ހިދުމަތްތައް އަދާކުރުމަށް... އެހީތެރިވެދިނުމަށް އޮންނަ ސާވިސްއެއް،" މިނިސްޓަރު ވިދާޅުވި އެވެ. "މި ދެންނެވި ބަސްކޮޅަކީ މުޅި ދައުލަތަށް ލަސްކަން އައުމަށް މުޅި ސިވިލް ސާވިސް ކޮމިޝަން އޭގެ ބަދުނާމު ނުނަގާނެ ގޮތަކަށް މަސައްކަތް ކުރެއްވުމަށް ކުރި އިލްތިމާސެއް ކަމަށް، ނަސޭހަތެއް ކަމަށް، ހެޔޮ ބަހެއް ކަމަށް އޭގެ ރަނގަޅު މާނައިގައި ނެންގެވުމަށް އަޅުގަނޑު އެދެން،"

ފޮރިންގެ ޕީއެސްއަކަށް ހަމަޖެއްސި، ޝިފާނާއަށް މިއަދު ލިޔުން ހަވާލު ކުރަނީ -- ސަން ފޮޓޯ/ އަހުމަދު އަވްޝަން

ފޮރިންގެ މިނިސްޓްރީގެ ޕީއެސްގެ މަގާމު ހުސްކޮށް އޮންނަތާ ތިން މަހަށް ވުރެ ގިނަ ދުވަސްވީ ފަހުން، ފޮރިން މިނިސްޓްރީގެ އާ ޕީއެސްއަކަށް ހަމަޖެއްސީ، ކުރިން ފޮން މިނިސްޓްރީގެ އެކި ވަޒީފާތަކުގައި 11 އަހަރު ހޭދަކުރައްވާފައިވާ އައިމިނަތު ޝިފާނާ އެވެ. އޭނާއަށް މިއަދު މަގާމުގެ ލިޔުން ވަނީ ހަވާލުކޮށްފަ އެވެ.

މިނިސްޓަރު ޝާހިދު ވިދާޅުވީ، ފޮރިން މިނިސްޓްރީގައި އެހާ ގިނަ ދުވަހު މަސައްކަތް ކުރައްވާފައި ހުންނެވި ބޭފުޅަކު އަލުން އަނބުރާ މިނިސްޓްރީގެ މަސައްކަތަށް ނިކުތުމަކީ އުފާކުރައްވާ ކަމެއް ކަމަށެވެ. ޝިފާނާއަށް މަރުހަބާ ދަންނަވަމުން ޝާހިދު ވިދާޅުވީ ފޮރިން މިނިސްޓްރީގެ މަސައްކަތްތައް އެހާ ރަނގަޅަށް އެނގިވަޑައިގަންނަވާ ބޭފުޅަކު ޕީއެސްއަކަށް އައުމަކީ މިނިސްޓްރީ އާއި ސީއެސްސީއާ ދެމެދު އޮންނަ ގުޅުން ބަދަހިވެ، ކަންކަން ހަރުދަނާ ވުމަށް އެޅޭނެ ފިޔަވަޅެއް ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

ފޮރިން މިނިސްޓްރީގެ ޕީއެސްގެ މަގާމު ހުސްވީ، އެ މަގާމުގައި ހުންނެވި އައިމިނަތު އަބްދުﷲ ދީދީ، އިންޑިއާގެ ޓްރެވިންޑްރަމްގައި ހުންނަ ރާއްޖޭގެ ކައުންސެލް ޖެނެރަލްގެ މަގާމަށް ހަމަޖެއްސުމުންނެވެ.

comment ކޮމެންޓް