އުރީދޫ ބޯޑު ޑިރެކްޓަރުކަމަށް ކުރިމަތިލާން އިތުރު ފުރުސަތެއް

މާޗް 3، 2019: އުރީދޫގެ 2018ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އުރީދޫ މޯލްޑިވްސްގެ ބޯޑުގައި އާންމު ހިއްސާދާރުން ތަމްސީލުކުރާ ޑިރެކްޓަރުކަމުގެ މަގާމަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފިއެވެ.

މީގެ ކުރިން މިއަދުގެ ނިޔަލަށް ހުޅުވާލާފައި އޮތް އެ ފުރުސަތު، އުރީދޫއިން އިތުރުކޮށްފައިވަނީ އަންނަ ހޮނިހިރު ދުވަހުގެ (25 ޖެނުއަރީ) ހެނދުނު 10:00 ގެ ނިޔަލަށެވެ.

އުރީދޫއިން ބުނި ގޮތުގައި، އާންމު ހިއްސާދާރުން ތަމްސީލުކުރާ ޑިރެކްޓަރުކަމަށް ކުރިމަތިލެވޭނީ އުރީދޫ މޯލްޑިވްސްގެ ހިއްސާދާރަކަށެވެ. އަދި ކުންފުނިތަކާ ބެހޭ ގާނޫނާއި ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ކޯޕަރޭޓް ގަވަނަންސް ކޯޑުގައި ބަޔާންކޮށްފައިވާ، ހިއްސާދާރެއްގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތައް ފުރިހަމަވާންޖެހޭ މީހަކަށް ވާންޖެހޭނެކަމަށް އުރީދޫއިން ބުނެއެވެ.

މީގެ އިތުރުން އެ މީހަކީ ބައިނަލްއަގުވާމީ ގޮތުން ބަލައިގަންނަ ޔުނިވާސިޓީއަކުން ޑިގްރީ ފާހެއް ހާސިލުކޮށްފައިވާ މީހަކަށް ވާންޖެހޭ ކަމަށާއި ރާއްޖެ ނުވަތަ ބައިނަލްއަގުވާމީ ކުންފުންޏެއްގެ އިސް މަގާމެއްގައި މަދުވެގެން 10 އަހަރުގެ ތަޖުރިބާ ލިބިފައި ވުމާއެކު މަދުވެގެން އެއް އެކްޓިވް ކުންފުންޏެއްގެ ބޯޑު ޑިރެކްޓަރެއްގެ ގޮތުގައި މަސައްކަތްކޮށް އެ ޚިދުމަތުގެ ރެކޯޑު ފެންނަން އޮންނަން ޖެހޭނެކަމަށްވެސް އުރީދޫއިން ބުނެއެވެ.

އުރީދޫއިން ބުނީ މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގައި މިވަގުތު ލިސްޓުކޮށްފައިވާ ކުންފުނިތަކުގެ ތެރެއިން ދެ ކުންފުންޏަށްވުރެ ގިނަ ކުންފުނީގެ ބޯޑު ޑިރެކްޓަރުކަމުގައި ހުރި ފަރާތަކަށް މަގާމަށް ކުރިމަތި ނުލެވޭނެ ކަމަށެވެ.

އުރީދޫ މޯލްޑިވްސްގެ ބޯޑުގައި މިވަގުތު އާންމު ހިއްސާދާރުން ތަމްސީލުކުރައްވާ ޑިރެކްޓަރަކީ ކުރީގެ މިނިސްޓަރު އަހްމަދު ޒުހޫރެވެ.

comment ކޮމެންޓް