ސެގް އެވޯޑުގައި ވެސް ވިދާލީ ޕެރަސައިޓް

ރޭގައި ބޭއްވި ސެގް އެވޯޑްސް ހަފްލާގައި ޕެރަސައިޓްގެ ކާސްޓުން އެވޯޑާ ހަވާލުވަނީ --- ފޮޓޯ : ސީއެންއެން

ފިލްމު އަދި ޝޯތަކުގެ މަސައްކަތުގެ އަގު ވަޒަން ކުރުމަށް ދެމުން އަންނަ ބޮޑެތި އެވޯޑުތަކުގެ ތެރޭގައި ހިމެނޭ ސްކްރީން އެކްޓާސް ގިލްޑް (ސެގް) އެވޯޑްސްގެ އެންމެ ޝަރަފުވެރި އެވޯޑު ދެކުނު ކޮރެއާގެ "ޕެރަސައިޓް" އަށް ލިބިއްޖެ އެވެ.

ޑްރާމާ އަދި ތްރިލާ ފިލްމު ޕެރަސައިޓް އަންނަނީ އެމެރިކާގެ އެންމެ ޝަރަފުވެރި އެވޯޑު ހަފްލާތަކުން ބޮޑެތި ކާމިޔާބީތައް ހޯދަމުންނެވެ. އެގޮތުން އަންނަ މަހުގައި ބޭއްވުމަށް ހަމަޖެހިފައިވާ އޮސްކާސް އެވޯޑުގެ އެންމެ ޝަރަފުވެރި އެވޯޑަށް ޕެރަސައިޓް ވަނީ ނޯމިނޭޓް ވެފަ އެވެ.

ސެގް އެވޯޑްސްގައި ޕެރަސައިޓް އަށް ވަނީ އެންމެ މޮޅު ފިލްމުގެ އެވޯޑު ލިބިފައެވެ. މިއީ ތާރީހީ ކާމިޔާބެކެވެ.

ސެގް އެވޯޑްސް ދައްކަން ފެށިތާ 25 އަހަރުވެފައިވާއިރު އެ އެވޯޑްްސްގެ ތާރީހުގައި ވެސް މިހާތަނަށް ބައިނަލްއަގުވާމީ ފިލްމެއް، އެވޯޑު ހާސިލުކޮށްފައެއް ނުވެ އެވެ. ނަމަވެސް ޕެރަސައިޓްގެ ކާމިޔާބީއާއެކު އާ ރެކޯޑެއް ވަނީ ހެދިފަ އެވެ.

އެންމެ މޮޅު ފިލްމުގެ އެވޯޑަށް ނޯމިނޭޓްވެފައި ވަނީ "ޖޯޖޯ ރެބިޓް" އާއި "އައިރިޝްމޭން" އާއި "ބޮމްބްޝެލް" އަދި "ވަންސް އަޕޯން އަ ޓައިމް އިން ހޮލީވުޑް" އެވެ.

ޕެރަސައިޓް އަށް އެންމެ މޮޅު ފިލްމުގެ އެވޯޑު ލިބިފައިވާއިރު އެންމެ މޮޅު ޝޯގެ އެވޯޑު ލިބިފައިވަނީ ސްޓްރީމިން ސާވިސް ނެޓްފްލިކްސްގެ "ކްރައުން" އަށެވެ. އިނގިރޭސިވިލާތުގެ ރާނީގެ ހަޔާތްޕުޅުގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ޝޯ އަކީ ގިނަ ބައެއްގެ މެދުގައި ބޮޑު ކާމިޔާބީއެއް ހޯދާފައިވާ ޝޯއެކެވެ.

comment ކޮމެންޓް