ބާކީ ތިން މެޗު އޮއްވާ މާޒިޔާއިން ލީގު ކާމިޔާބުކޮށްފި

ގްރީންސްޓްރީޓް ބަލިކޮށް މާޒިޔާ ލީގު ކާމިޔާބުކުރުމަށްފަހު އުފާފާޅު ކުރަނީ --- ފޮޓޯ// މާޒިޔާ

ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ތިންވަނަ ބުރުގައި ބާކީ ތިން މެޗު އޮއްވާ، ރޭ ގްރީންސްޓްރީޓްސް ބަލިކޮށް މާޒިޔާއިން އެ ކުލަބުގެ ތާރީހުގައި ވެސް ދެވަނަ ފަހަރަކަށް ލީގު ކާމިޔާބުކޮށްފި އެވެ.

ރޭ ކުޅުނު މެޗުގެ ބޮޑުބައިގައި ވާދަވެރި ކުޅުމެއް ފެނިގެންދިޔަ އިރު ގްރީން އަތުން މާޒިޔާ ކުރި ހޯދީ 1-5 ގެ ނަތީޖާއަކުންނެވެ. މި މޮޅާ އެކު މާޒިޔާއިން ލީގު ކަށަވަރު ކުރީ މިހާތަނަށް ކުޅުނު 18 މެޗުން ހަމަކުރި 48 ޕޮއިންޓާ އެކު އެވެ. އެ ޓީމާއި ދެން އެންމެ ގާތުން ވާދަކުރާ ޓީސީއަށް ލިބިފައި ވަނީ 17 މެޗު ކުޅެގެން 34 ޕޮއިންޓެވެ. އެހެން ކަމުން މާޒިޔާއަށް ބާކީ ލީގުގައި ތިން މެޗު އޮއްވާ ލީގު ވަނީ ލިބިފަ އެވެ.

ރޭގެ މެޗަށް ނުކުން އިރު މާޒިޔާގެ ކޯޗު އެންމެ ބޮޑަށް ފާހަގަކުރި އެއް ކަމަކީ ގްރީންސްޓްރީޓުގެ ތަޖުރިބާ އެވެ. ސީޒަން ފެށިގެން އެންމެ ވާދަވެރިކަން ބޮޑުވި ދެ ކުލަބުގެ ކުރިމަތިލުމަށް މާޒިޔާއިން ރޭ ވަރުގަދައަށް ނުކުންނާނެ ކަން އެ ޓީމުގެ ކޯޗު ކުރިން އިއުލާން ކުރި އިރު، އެ މެޗުގައި ގްރީނުން ވަނީ ރަނގަޅު ފައިޓެއް ދީފަ އެވެ.

އެކަމަކު މާލީ ހާލަތުގެ ގޯސްވުމުގެ ސަބަބުން ޓީމުގެ މުހިއްމު ކުޅުންތެރިންތަކެއް ކުލަބު ދޫކޮށްލުމާ ގުޅިގެން ގްރީނަށް ދިމާވި އުނދަގޫ ހާލަތާ އެކު، ރޭގެ މެޗުގެ ފަހު އަތަށް އަޅާލި އިރު ގޭމު އެ ޓީމު އަތުން ބީވެ ދިޔައީ އެވެ.

މެޗު ފެށިގެން ވަރުގަދައަށް ކުޅެމުން ދިޔައީ މާޒިޔާއިންނެވެ. މާޒިޔާގެ ހަމަލާތައް ހުއްޓުވުމަށް ގްރީނުން ރަނގަޅަށް ޑިފެންސް ކުރަމުން ދިޔަ ނަމަވެސް އެ ޓީމަށް މާޒިޔާގެ ހަލުވި އެޓޭކިންގް ފޯސް ހިފަހައްޓާ ލެވުނީ އެންމެ 27 މިނަޓެވެ. މާޒިޔާއިން ޖެހި ފުރަތަމަ ގޯލު އެ ޓީމަށް ޖަހައިދިނީ މިދިޔަ އަހަރު ޓީސީއާ އެކު ލީގު ކާމިޔާބު ކުރި އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) އެވެ.

އެ ހާފުގައި މާޒިޔާއަށް ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބުނު ނަމަވެސް އެންމެ ރަނގަޅު ގޮތުގައި ބޭނުން ކުރެވޭ ގޮތެއް ނުވިއެވެ. އެކަމަކު ދެވަނަ ހާފު ފަށައިގެން ފުރަތަމަ މިނަޓުގައި ފޭދޫ އިއްބެ ވަނީ އިތުރު ގޯލެއް ޖަހައި މާޒިޔާއަށް ލީޑު ފުޅާކޮށްދީފަ އެވެ.

އޭގެ ދެ މިނަޓު ފަހުން މެޗުގައި ގްރީން ސްޓްރީޓްގެ ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނު މިސްރުގެ ޑިފެންޑަރު މަހްމޫދުލް އަލް ސައީދު ވަނީ ގޯލެއް ޖަހައި ފަރަގު ކުޑަކޮށްފަ އެވެ. އެއާ އެކު އައު ހިތްވަރެއް ލައިގެން މެޗުން މޮޅުވުމަށް ގްރީނުން ކުރި މަސައްކަތް ހުއްޓުމަކަށް އައީ 73 ވަނަ މިނަޓުގައި މާޒިޔާއަށް އަލަށް ގުޅުނު އިބްރާހިމް އައިސަމް ވައްދާލި ގޯލުންނެވެ.

އެހާ ހިސާބުން ގްރީނުގެ ޑިފެންސް ރޫޅި މާޒިޔާއަށް އިތުރު ގޯލުތަކެއް ޖެހުމަށް މަގުފަހިވެގެން ދިޔައެވެ. ނަތީޖާއެއްގެ ގޮތުން 79 ވަނަ މިނެޓާއި 82 ވަނަ މިނެޓުގައި ހަމްޒާ މުހައްމަދު (ހަމްޕު) ދެ ގޯލް ވައްދާލައި މާޒިޔާއަށް މެޗު ކާމިޔާބުކޮށްދިނެވެ.

މާޒިޔާ އިން ޕްރިމިއާ ލީގު އެންމެ ފަހުން ކާމިޔާބުކުރީ 2016 ވަަނަ އަހަރު އެވެ. އޭގެ ފަހުން އެ ޓީމުން ވަނީ މިހާރުގެ ކޯޗު މަރުޖާން ސެކުލޮސްކީގެ ކޯޗުކަމުގައި 2017 ވަނަ އަހަރުގެ މާލޭ ލީގުގެ ޗެމްޕިއަންކަން ވަނީ ހޯދައިފަ އެވެ.

comment ކޮމެންޓް