ފިރިމީހާގެ އަނިޔާގައި 10 އަހަރު، ސަލާމަތްވާން ފިލީ!

އަންހެން މީހާއަށް ފިރިމީހާ އަނިޔާ ކުރަނީ --- ފޮޓޯ/ ކިޔުންތެރިއެއް

"ފުލުހުންނަށް އަންގައިފިއްޔާ ކުދިން ވެސް އަތުލާނަން، ކަލޭގެ ދުވަސް ވެސް ދުއްވާލާނަން،" މިއީ ފިރިމީހާގެ އަނިޔާތަކުން ސަލާމަތްވާން މަސައްކަތް ކުރުމުން ޝިމާނާ (އަސްލު ނަމެއް ނޫން)އަށް އޭނާގެ ފިރިމީހާ ދިން އިންޒާރެވެ. ކައިވެންޏަށް 10 އަހަރު އިރު، ފިރިމީހާގެ ރަށުގައި އޭނާގެ އަނިޔާތަކަށް ކެތްކޮށްގެން ހުރުމަށްފަހު މިއަދު ޝިމާނާ ވަނީ އެ އަނިޔާވެރިކަމުން ސަލާމަތްވެފަ އެވެ.

ފިރިމީހާ ރަށުން ބޭރުގައި ހުރި ދަނޑިވަޅެއް ބަލާފައި، "ފިލައިގެން" އަމިއްލަ ރަށަށް ދިއުމަށްފަހު ޝިމާނާގެ ކައިވެނީގެ ހިތި 10 އަހަރުގެ ތަޖުރިބާ "ސަން"އަށް ކިޔައިދިނީ ނުހަނު އަސަރާއެކު އެވެ.

އުތުރުގެ ރަށަކަށް އުފަން ޝިމާނާ މެދުރާއްޖެ ތެރޭގެ ރަށަކަށް ނިސްބަތްވާ ޒިޔާއު (އަސްލު ނަމެއް ނޫން) އާ ކައިވެނިކުރީ 2010 ވަނަ އަހަރު އެވެ. އިނދެގެން ޒިޔާއުގެ ރަށަށް އެދެމީހުންގެ ދިރިއުޅުން ބަދަލުކުރި އެވެ. އާއިލާ އާއި ރަހުމަތްތެރިންނަށް އަލްވަދާއު ކިޔުމަށްފަހު ޝިމާނާ ބީރައްޓެހި ރަށެއްގައި ވަޒަންވެރިވީ ޒިޔާއުގެ އެދުމުގެ މަތިންނެވެ. ނަމަވެސް ހަޔާތް ބަދަލުވެގެން ދިޔައީ އުންމީދު ކުރި ގޮތާ މުޅިން ހިލާފަށެވެ. އޯގާތެރި ފިރުމުންތަކުގެ ބަދަލުގައި ފިރިމީހާގެ އަތުން ލިބުނީ އަނިޔާ އެވެ.

ޒިޔާއު އޭނާއަށް އަނިޔާ ކުރަން ފެށީ ކައިވެނީގެ ކުރީކޮޅުގަ އެވެ. ގޭތެރެއިން ފެށި އެ އަނިޔާތައް ބޮޑުވަމުން ގޮސް، މަގުމައްޗާހަމައަށް ދިޔަ އެވެ. ނުވިތާކަށް މަރުގެ އިންޒާރު ވެސް ދިނެވެ. ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން ފިރިމީހާ ކުރަމުންދިޔަ އަނިޔާތަކަށް ޝިމާނާ ކެތްކޮށްގެން ހުރީ ކައިވެންޏަށް ލިބިފައި ތިބި ހަތަރު ދަރިންގެ ހައްގުގަ އެވެ.

އަނިޔާކުރަން ވަކި ތަނެއް ނޯވެ، ދަރިން ކުރިމަތީ ވެސް އަނިޔާ!

"ކައިވެނީގެ ފުރަތަމަ ދުވަސްކޮޅު އަތުން ތަޅައި، ބަނޑުބޮޑުވެފައި ހުއްޓާ ބަނޑުމަތީގައި ވެސް ޖެހި. މިފަހުން [މިދިޔަ އަހަރުގެ ފަހުކޮޅުގައި] އަޅުގަނޑު މަގުމަތީގައި ހުއްޓާ އަޅުގަނޑުގެ ބުރުގާ ބާލާފައި އަޅުގަނޑުގެ ކަރުގައި އޮޅާލައިގެން ހުރީ. އެރޭ މަގުމަތީގައި ބަހައްޓައިގެން އަޅުގަނޑު ގައިގައި ތަޅާފައި ބިންމައްޗަށް ކޮއްޕާލިއިރު ތިބޭނެ މީހުން ބަލަން ވެސް. ކައިރި ފިހާރައެއްގައި ވެސް ހުރި މީހެއް." ޝިމާނާ ބުންޏެވެ.

ޝިމާނާ ބުނާ ގޮތުގައި އަނިޔާކުރާއިރު ދަރިން ތިއްބަސް ނުބަލަ އެވެ. އެހެންވެ ދަރިން ވެސް އެކަމާ މެދު އޭނާއާ ސުވާލު ކުރެ އެވެ.

"ހަތަރު ކުދިން ރޮއެރޮއެ ތިއްބާ އޭނަ އައިސް އަޅުގަނޑު ކަރުގައި ހިފާ އެބަ. އޭނަގެ ބައްޕައާއި މަންމަގެ ވެސް ކުރިމަތީގައި." ޝިމާނާ ބުންޏެވެ.

ފިރިމީހާގެ އާއިލާއިން ވެސް އަނިޔާއަށް ދިނީ ހިތްވަރު!

މަގުމަތީގައި އަނބިމީހާއަށް އަނިޔާކުރަން ކެރޭ މީހަކު ގޭތެރޭގައި އަނިޔާ ކުރާނެ މިންވަރު ތަސައްވަރު ކުރަން ވެސް ދައްޗެވެ. ކޮންމެ މީހަކަށް ވެސް އެންމެ ރައްކާތެރި ތަނަކީ ދިރިއުޅޭ ގެ ކަމަށްވީ ނަމަވެސް، ޝިމާނާއަށް ގެ ވީ ނުރައްކާތެރި މާހައުލަކަށެވެ. ޒިޔާއު ކުރަމުންދިޔަ އަނިޔާތަކަށް އޭނާގެ އާއިލާއިން ދިނީ ފުރިހަމަ އެއްބާރުލުމެވެ. ނުވިތާކަށް ގޭތެރެއިން ޖިންސީ ފުރައްސާރަ ކުރުމުގެ އަމަލުތަކާ ވެސް ކުރިމަތިލާން ޖެހުނެވެ.

"ހުރިހާ އެންމެން ކަހަލަ ގޮތަކަށް އޭނައަށް ސަޕޯޓުކުރޭ އަނިޔާކުރަން. އޭނަގެ މަންމަ ބުނީ އަނިޔާކުރަނީ އަނިޔާ ކުރަން ވެގެންނޭ. ރަށު ބައެއްގެ ކުރިމަތީގައި މަންމަ އެހެން ބުނީ ވެސް. އޭނާގެ ދައްތަ އަޅުގަނޑު ބޮލުގައި ދޮގު ތުހުމަތުތައް އަޅުވައި، ރަށު ތެރޭގައި އަޅުގަނޑު ބަދުނާމު ކުރަމުން ދިޔައީ. އޭނަގެ ކަޒިންސް ވެސް." ޝިމާނާ ބުންޏެވެ.

މިކަންކަމުގެ އިތުރަށް ޝިމާނާއަށް ދެން ބިރަކަށްވީ ފިރިމީހާގެ އެއްބަނޑު އެއްބަފާ ކޮއްކޮ، ޝިމާނާއަށް ޖިންސީ ފުރައްސާރަކޮށް، އޭނާ ޖިންސީ އަނިޔާ ކުރަން މަސައްކަތް ކުރުމުންނެވެ.

"އޭނާގެ ކޮއްކޮ ވަރަށް ގިނަ ގޮތްގޮތުން އަޅުގަނޑަށް އުނދަގޫ ކޮށްފައި ހުރީ. އޭނާ އަޅުގަނޑުގައި ގައިގައި [ޖިންސީ ގުނަވަންތަކުގައި] އަތްލައި، ކަންތައްތައް ކުރި." ފަސްޖެހިފައި ހުރެވެސް ޝިމާނާއަށް ލިބުނު އަނިޔާތައް އޭނާ ކިޔައިދިނެވެ.

ގޭތެރޭގައާއި އެކަނި ހުންނަ ކޮންމެ ފަހަރަކު ޝިމާނާއަށް ޒިޔާއުގެ ކޮއްކޮގެ އުނދަގުލާ ކުރިމަތިވެ އެވެ.

އެ ވާހަކަތައް އެއްވެސް މީހެއްގެ ގާތުގައި ހިއްސާކޮށްފިނަމަ މަރާލާނެކަމުގެ އިންޒާރު ފިރިމީހާގެ ކޮއްކޮ ދިނުމުން ފިރިމީހާ ފިޔަވައި އެއްވެސް މީހެއްގެ ގާތުގައި އެވާހަކަ ނުބުނާ ކަމަށް ޝިމާނާ ބުންޏެވެ.

"ފިރިމީހާއަށް އެ ހުރިހާ ކަމެއް ކިޔައިދިނީމަ ބުނީ އެއީ [ކޮއްކޮއަކީ] ތިމަންނާގެ ވެސް ލެޔޭ، ތިކަމުގައި ކޮށްދެވޭނެ އެއްވެސް ކަމެއް ނޯންނާނޭ،" މިއީ ފިރިމީހާގެ ކޮއްކޮގެ ފަރާތުން ޖިންސީ ފުރައްސާރައާއި މަރުގެ އިންޒާރު ލިބޭ ވާހަކަ ބުނުމުން ފިރިމީހާގެ ޖަވާބު ކަމަށް ޝިމާނާ ބުންޏެވެ.

"ކޮއްކޮ މާލޭގައި ހުރެފައި އަޅުގަނޑަށް މެސެޖުކޮށްފައި މަރުގެ އިންޒާރު ދިނީ. އެ މެސެޖު ފިރިމީހާއަށް ފެނިގެން ފޯނު އަތުލާފައި ހަލާކުކޮށްލީ. އަޅުގަނޑުގެ އާއިލާއިން އަޅުގަނޑަށް ފޯނެއް ފޮނުވިކަން އެނގުނަސް އަތުލާފައި ހަލާކުކޮށްލާނެ. އެގޮތަށް މިހާރު ހައެއްކަ ފޯނު ހަލާކުކޮށްލައިފި."

ޒިޔާއުގެ އާއިލާއިން އެކަމުގައި ކިރިޔާވެސް ޝިމާނާއަށް އެހީތެރިކަމެއް ފޯރުކޮށްދިނީ އޭނާގެ އުމުރުން ދުވަސްވީ ބައްޕަ އެވެ.

"ހަމައެކަނި އޭނަގެ ބައްޕަ ކިރިޔާ ވެސް ކަމެއް ކޮށްދިނީ. އަނިޔާކުރާ ތަން ފެނުނީމަ ބައްޕަ މަސައްކަތް ކުރި ދުރުކުރަން. އެކަމަކު އެމީހާއަކަށް ވެސް ނުވާނެ ދޯ އަސްލު މާބޮޑު ކަމެއް، އުމުރުން އެހާ ދުވަސްވެފައި [65 އަހަރުން މަތީގެ މީހެއް] ހުރީމަ." ޝިމާނާ ބުންޏެވެ.

ޝިމާނާ ބުނިގޮތުގައި ޒިޔާއުގެ ބައްޕަ ދަރިންނަށް ވަރަށް ހެވެ. ނަމަވެސް ޒިޔާއުގެ މަންމަ ނޫނީ ކުދިންގެ މާމަގެ ފަރާތުން ދަރިންނަށް އެއްވެސް ލޯތްބެއް ނުލިބެ އެވެ.

ފުލުހުންނާއި ޖެންޑާއަށް ވެސް ރިޕޯޓުކުރި، ޖެންޑާއިން ބެލީ ގޭ ކުނި ކަހަނީ ކާކުތޯ!

އެންމެ ފަހުން މަގުމައްޗަށް ނެރެގެން އަނިޔާކުރި ރޭ ފުލުހުންނަށާއި ޖެންޑާއަށް ވެސް އެ މައްސަލަ ރިޕޯޓު ކުރުމަށްފަހު، ތަފްސީލުކޮށް ކިޔައި ދީފައިވާނެ ކަމަށް ޝިމާނާ ބުންޏެވެ.

"ޖެންޑާގައި ވަރަށް ގިނަ ކަންކަމުގައި އަޅުގަނޑުގެ ފިރިމީހާ އިއުތިރާފު ވެސް ވެފައި ހުރީ. ނަމަވެސް ޖެންޑާއިން އަޅުގަނޑު ގެންދިޔައީ އެންމެ ދުވަހަކު. ދެން އެމީހުން [ޖެންޑާއިން] އައި ދެތިން ފަހަރަކު އަޅުގަނޑާ ސުވާލުކުރަން. އައިސް ދުވަހަކު ވެސް ނާހާ މައްސަލައާއި ގުޅޭ ސުވާލެއް، ވަރަށް ބޭކާރު ސުވާލުތަކެއް ކޮށްލާފައި ދަނީ. އާންމުކޮށް އަހަނީ ގޭގައި އުޅެނީ ކިތައް މީހުންހޭ، ކޮން ބައެއްހޭ، ގޭގެ ކުނި ކަހަނީ ކޮންބައެއް ހޭ، މިކަހަލަ ސުވާލު. އަންނައިރު އަންނަނީ ވެސް އެތާ ތިބޭ އެޑްމިން ސްޓާފުން." ޝިމާނާ ބުންޏެވެ.

އެ ރަށު ޖެންޑާއަށް މައްސަލަ ހުށަހަޅައިގެން ކުރިއެރުމެއް ނުލިބުމުން ޝިމާނާ ބުނީ، ޖެންޑާގެ 1412 ހޮޓްލައިނަށް ގުޅައިގެން ވެސް މައްސަލަ ކުރިއަށް ގެންދެވޭތޯ މަސައްކަތް ކުރި ކަމަށެވެ.

ނަމަވެސް ފިރިމީހާގެ އާއިލާގެ ފަރާތުން އެ މައްސަލައަށް ނުފޫޒު ފޯރުވައި، ބިރުދައްކަން ފެށުމުން އަމިއްލަ ނަފްސުގެ ދިފާއުގައި ހިތާއި ދެކޮޅަށް މައްސަލަ އަނބުރާ ނެގީ އެވެ. އޭނާ އެކަން ކުރީ، މައްސަލަ އަނބުރާ ނުނަގައިފިނަމަ ލިބިދާނެ އަނިޔާގެ ބޮޑުކަމުންނެވެ.

"އަޅުގަނޑަކީ ރަށުން ބޭރު މީހެއް ވީމާ ފިރިމީހާގެ އާއިލާ މީހުން އެވަރަށް އިންޒާރު ދޭއިރު ނުކެރޭނެ ދެއްތޯ މައްސަލައިގައި ހިފަހައްޓައިގެން ހުންނާކަށް. ފިރިމީހާގެ އާއިލާ މީހަކު އަޅުގަނޑާ ދިމާލަށް ބުނީ ތި މައްސަލައާއިގެން ކުރިއަށް ގޮސް، އޭނާ [ފިރިމިހާ] ޖަލަށް ލައިފިއްޔާ ދަރިން ވެސް އަތުލާނަމޭ، އަޅުގަނޑުގެ ދުވަސް ދުއްވާލާނަމޭ. އެހެންވެ ބިރުން މައްސަލަ އަނބުރާ ނެގީ." ޝިމާނާ ބުންޏެވެ.

އެރަށު ޕޮލިސްޓޭޝަނުގައި މަސައްކަތް ކުރާ ފުލުހުންގެ ތެރޭގައި ވެސް އެ މައްސަލަ ބަލަން ބޭނުންނުވާ ބަޔަކު ތިބި ކަމަށް ޝިމާނާ ތުހުމަތުކުރިއެވެ. އެ ތުހުމަތު ޝިމާނާ ކުރީ ފިރިމީހާއާ ވަރަށް ގާތް ގުޅުމެއް އޮންނަ ފުލުހެއް އެ މައްސަލަ ބެލުމާ ދެކޮޅަށް ވާހަކަ ދައްކާފައިވާތީ ކަމަށް އޭނާ ކިޔައިދިނެވެ.

"ފިރިމީހާ [ޒިޔާއު] އަބަދު އުޅެނީ އެ ޕޮލިސް ސޮރާއެއްކޮށް. އަދި އެ ޕޮލިސް މީހާ ވެސް އެބަހުރި އަޅުގަނޑު ހުށަހެޅި މައްސަލަ ބެލުމާ ދެކޮޅަށް މީހުން ކައިރީ ވާހަކަ ދައްކާފައި. ދެން ކިހިނެއްތޯ ޒިޔާއުގެ މައްސަލައެއް ކުރިއަށްދާނީ." އޭނާ ބުންނެވެ.

ދަރިންނަށް ހަރަދެއް ނުދޭ، ފައިސާ ނުދޭތާ ހަތް މަސް!

ޝިމާނާއާއި ޒިޔާއުގެ ކައިވެންޏަށް ލިބުނު ހަތަރު ކުދިންގެ ތެރެއިން އެންމެ ދޮށީ ކުއްޖާގެ އުމުރަކީ 10 އަހަރެވެ. އަދި އެންމެ ހަގު ކުއްޖާއަށް ވީ ދެ އަހަރެވެ.

ޝިމާނާ ބުނިގޮތުގައި ފާއިތުވި ހަތް މަސްދުވަހުގެ ތެރޭގައި އެއްވެސްގޮތަކަށް ފިރިމީހާ ދަރިންނަށް ހަރަދުކޮށްފައެއްނުވެ އެވެ.

"ގާތްގަނޑަކަށް ހަތް މަސް ވެދާނެ އެއްގޮތަކަށް ވެސް ފައިސާ ނުދޭތާ. ވަރަށް މަދު ހާލަތެއްގައި ބުނާ އެއްޗެއް ގެނެސްދޭނެ. މިދިޔަ އަހަރުގެ ޖުލައި މަހު އެންމެ ފަހުން ވެސް އަޅުގަނޑުގެ އެކައުންޓަށް 2000 ރުފިޔާ ޖަމާކޮށްދިނީ. އޭގެ ފަހުން ނުދޭ." ޝިމާނާ ކިޔައިދިނެވެ.

ކުދިން ސްކޫލަށް ދާން ގަންނަން ޖެހޭ ތަކެތި ގަންނަން ފައިސާ ދޭން އެދުމުން އެންގީ ލިސްޓެއް ފޮނުވުމަށެވެ.

"ސްކޫލަށް އެއްޗެހި ގަންނަންވެގެން ގުޅީމަ ބުނީ ލިސްޓު ފޮނުވާށޭ. ލިސްޓު ފޮނުވައިގެން އަޅުގަނޑަކަށް ހިޔެއް ނުވޭ ޔުނީފޯމު އެއްޗެހި ކެނޑޭނެހެން ހެޔޮވަރުކޮށް. އޭނާ ނުދިން އެންމެ ރުފިޔާއެއް ވެސް ސްކޫލަށް އެއްޗެހި ގަންނަން ވެސް. އަޅުގަނޑުގެ މައިންބަފައިން ދަރިން ސްކޫލަށް ފޮނުވަން ހުރިހާ ޚަރަދެއް ކުރީ." ޝިމާނާ ބުންޏެވެ.

ސަލާމަތްވާން ކުދިންކޮޅު ގޮވައިގެން، އެކަނިމާއެކަނި ފިލީ!

ފިރިމީހާގެ އަނިޔާވެރި ވަކިތަކުން ސަލާމަތްވެ މިއަދު ޝިމާނަށް ހިންދެމިލައިގެން އެ އުޅެވެނީ ހިތަށްވެސް ގެންނަން ދަތި އަނިޔާވެރި މާހައުލެއްގައި ލައްކަ ދުވަހު އުޅުމަށްފަހު އެވެ. އަމިއްލަ ރަށަށް ދެވުނީ ޝިމާނާގެ އާއިލާގެ އެހީތެރިކަމާއެކު އެވެ.

"ފިރިމީހާ ރަށުން ބޭރުގައި ހުއްޓާ އަޅުގަނޑު އޭނައަށް ގުޅައިގެން ބުނީ އަޅުގަނޑު ރަށަށް ދާން ބޭނުމޭ، ޓިކެޓް ނަގައިދޭށޭ. ބުނީމަ ބުނީ ނުދެވޭނޭ، ދަންޏާ ދާން ޖެހޭނީ ދަރިން ބަހައްޓާފައޭ. ދެން އަޅުގަނޑުގެ ބައްޕައަށް ގުޅާފައި ބުނިން އަޅުގަނޑު މާލެއަށް ދިޔައީމަ މާލެއަށް ބަލާ އައިސްދޭށޭ. ދެން ކޮއްކޮ އަތުން ޓިކެޓު ނަގައިގެން މާލެއަށް އައިސް، ބައްޕައާ އެއްކޮށް ރަށަށް އައީ." ޝިމާނާ ބުންޏެވެ.

"ފޮށިތަކެއް މާލެއަށް ފޮނުވާ ކަމަށް ހެދިގެން އުޅުނީ. މީހަކަށް ނޭނގޭނެ ޓިކެޓް ނެގި ކަމެއް ވެސް. ދެން ފުރަން ދާން އުޅެނިކޮށް ބައްޕަ [ޒިޔާއުގެ] އެހީ ކޮންތާކަށްހޭ ތި ދަނީ. ބުނީމަ އަޅުގަނޑު ބުނިން ކުދިން ގޮވައިގެން ފުރަން ދާންށޭ މިދަނީ. ކުދިން ގޮވައިގެން އަޅުގަނޑު އެކަނި ބޯޓުން މާލެއަށް އައީ."

އިންޒާރުތަކަށް ނިމުމެއް ނައި، މައްސަލައާއިގެން ކުރިއަށް ދާން ބޭނުން

އަމިއްލަ ރަށަށް ބަދަލުވި ފަހުން ފިރިމީހާ ގުޅައިގެން އުނދަގުލެއް ނުކުރެ އެވެ. ނަމަވެސް އޭނާ ދަނީ ސޯޝަލް މީޑިއާގައި އިންޒާރުގެ މެސެޖުތައް ލިޔަމުންނެވެ. އަނތްބެއްގެ ގޮތުގައި ހުރިހާ ދުވަހަކު އަނިޔާ ކުރާނެ ކަމަށް ބުނަމުންނެވެ.

ނަމަވެސް ޝިމާނާ މިހާރު ހުރީ އޭނާއަށް އަނިޔާ ކުރެވޭ ވަރަށް ވުރެ މާ ދުރުގަ އެވެ. އެތައް އަހަރެއްގެ އަނިޔާތަކަށް ކެތްކޮށްފި އެވެ. ޒިޔާއުގެ އަތްބެއްގެ ގޮތުގައި ހުއްޓަސް މައްސަލައާއިގެން ކުރިއަށް ދިއުމަށް އެޅޭނެ ހުރަހެއް ނެތެވެ. ކުދިން އަތުލެވޭނެ ގޮތެއް ވެސް ނެތެވެ. މިހާރު ޝިމާނާ ތައްޔާރުވަމުން އެދަނީ އަލުންބަލުން ޖެންޑާއަށާއި ފުލުހުންނަށް މައްސަލަ ހުށަހަޅައި، 10 އަހަރުގެ އަނިޔާތަކަށް އިންސާފު ހޯދުމަށެވެ. އޭނާ އަށް މިއަދު އެ ހިތްވަރު ލިބިއްޖެ އެވެ.

comment ކޮމެންޓް