ހިމަބިއްސަށް ސްކްރީން ކުރާ މަރުކަޒެއް ހުޅުމާޅޭގައި ހުޅުވައިފި

ދަމަނަވެށިން ކުޑަ ކުއްޖަކަށް ވެކްސިން ދެނީ: ރާއްޖޭގައި ވެތުރެމުންދާކަމަށް އިއުލާނު ކޮށްފައިވާ ހިމަބިހީގެ ވެކްސިން ދަމަނަވެށިން އަންނަނީ ދެމުން --- ފޮޓޯ: ދަމަނަވެށި

ރާއްޖޭގައި ހިމަބިހި ފެތުރެމުން އަންނާތީ އެކަމާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ކުރާ މަސައްކަތުގެ ދަށުން ހުޅުމާލޭގައި އެ ބައްޔަށް ސްކްރީން ކުރާނެ މަރުކަޒެއް ހުޅުވައިފި އެވެ.

އަލަށް ހުޅުވި ހިމަބިހީގެ ސްކްރީނިން މަރުކަޒު ގާއިމުކޮށްފައި ވަނީ ހުޅުމާލޭ އޯޓިޒަމް ސެންޓަރާ ޖެހިގެން އުތުރަށް ހުންނަ ޕްރީ ސްކޫލް އިމާރާތުގައެވެ.

ހެލްތު މިނިސްޓްރީން ބުނީ މިއަދުން ފެށިގެން ކޮންމެ ދުވަހެއްގެ ހެނދުނު 08:00 އިން ފެށިގެން ރޭގަނޑު 22:00 އާ ހަމައަށް އެ ސެންޓަރުގައި ބައްޔަށް ސްކްރީން ކުރުމުގެ ކަންކަން ކުރިއަށް ދާނެ ކަމަށެވެ.

އެހެންކަމުން ހުމާއެކު ގައިގައި ކުދި ބިހިތަކެއް ނަގާނަމަ، އެ ސެންޓަރަށް ގޮސް ޑޮކްޓަރެއްގެ ލަފާ ހޯދުމަށާއި، އިތުރު މައުލޫމާތު ހޯދަން ބޭނުންވާނަމަ 7289259 އަށް ގުޅުމަށް މިނިސްޓްރީން ވަނީ އެދިފައެވެ.

މިހާތަނަށް ރާއްޖެއިން ހަތަރު މީހަކު ވަނީ ހިމަބިއްސަށް ޕޮޒިޓިވް ވެފައެވެ. ހެލްތް މިނިސްޓްރީއިން ބުނެފައިވާ ގޮތުގައި ހިމަބިހި އަނެެއްކާ ވެސް ރާއްޖެއިން ފެންނަން ފެށީ ވެކްސިންގެ ޑޯޒްތައް ފުރި ހަމަ ނުކުރާ ފަރާތްތައް ގިނަވުމާ ގުޅިގެންނެވެ.

ބަލި ފެންނަ ސަރަހައްދުތަކުގައި ދިރިއުޅޭ މީހުންނަށް ވެކްސިން ޖެހުމަށް މިނިސްޓްރީއިން ވަނީ މިހާރު ޕްރޮގްރާމެއް ފަށައިފަ އެވެ. އަދި ހުޅުމާލެ ހޮސްޕިޓަލުން ވެސް އަންނަނީ މީހުންނަށް ވެކްސިން ޖަހައިދެމުންނެވެ.

މާލޭގައި ހުންނަ ދަމަނަވެށިން މިއަދު (19 ޖެނުއަރީ) އާ ހަމައަށް 18 އަހަރު ނުފުރޭ 38 ކުދިންގެ ގަޔަށް އެމްއެމްއާރް ވެކްސިން ވަނީ ޖަހާފަ އެވެ.

އޭގެ ތެރެއިން 27 ކުދިންނަކީ ވެކްސިން ފުރިހަމަ ކުރަން ޖެހޭ އުމުރު ކަމަށްވާ 18 މަސް ފުރުނުއިރު ވެކްސިން ފުރިހަމަ ކޮށްފައި ނުވާ ކުދިންނެވެ.

comment ކޮމެންޓް