މެޖިސްޓްރޭޓް ހަސަން ދީދީ މާރާމާރީ ހިންގަން ހިތްވަރުދިން ކަމަށް ބުނާ މައްސަލައެއް ދަނީ ބަލަމުން: ޖޭއެސްސީ

ކަނޑުހުޅުދޫ ކޯޓުގެ އިސް މެޖިސްޓްރޭޓް ހަސަން ދީދީ

ގއ. ކަނޑުހުޅުދޫ ކޯޓުގެ އިސް މެޖިސްޓްރޭޓް ހަސަން ދީދީ މާރާމާރީ ހިންގަން ހިތްވަރު ދިން ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ބަލަމުން އަންނަ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ބުނެފި އެވެ.

ޖޭއެސްސީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ މެޖިސްޓްރޭޓް ހަސަން ދީދީއާ ގުޅޭގޮތުން އެ ކޮމިޝަނަށް މައްސަލަ ހުށަހެޅިފައިވަނީ މިދިޔަ އޭޕްރީލް މަހުގެ 24 ވަނަ ދުވަހު ކަމަށާއި އެ ތާރީހުން ފެށިގެން މިއަދާ ހަމައަށް ހަސަންދީދީގެ ތަފާތު ހަތް މައްސަލައެއް ބަލަމުން އަންނަ ކަމަށެވެ.

އެ މައްސަލަތަކަކީ؛

  • މުވައްޒަފުންނަށް ޖިންސީ ގޯނާ ކުރާކަމުގެ ޝަކުވާއާއި މާލިއްޔަތު ގަވާއިދާ ހިލާފަށް އަމަލުކުރަން މުވައްޒަފުންނަށް މަޖުބޫރު ކުރާ މައްސަލަ
  • އިސް މެޖިސްޓްރޭޓް ހަސަން ދީދީގެ މައްޗަށް ތުހުމަތުކޮށް އޭނާ އަވަގުރާނަ ގޮވިކަމަށް ބުނެ ހުށަހެޅުނު މައްސަލަ
  • އޮރިޔާން ވީޑިއޯ މުވައްޒަފުންނަށް ދައްކާ ކަމަށް ބުނެ ހުށަހެޅުނު މައްސަލަ
  • ކޯޓުގެ މުދާ އަމިއްލަ ބޭނުމަށް ބޭނުން ކުރާ ކަމަށް ބުނެ ހުށަހެޅުނު މައްސަލަ
  • ހެކީންގެ ބަޔާން ނެގުމަށް ހުރަސް އަޅާ ކަމަށް ބުނެ ހުށަހެޅުނު މައްސަލަ
  • މާރާމާރީ ހިންގުމަށް ހިތްވަރު ދިން ކަމަށް ބުނެ ހުށަހެޅުނު މައްސަލަ
  • ހުތުރު އެއްޗެތި ގޮވިކަމަށް ބުނެ ހުށަހެޅުނު މައްސަލަ

މި މައްސަލަތަކާ ގުޅިގެން މިދިޔަ ޖުލައި 18 އަދި 23 ވަނަ ދުވަހު ހަސަން ދީދީ ތަހުގީގު ކޮމިޓީއަށް ހާޒިރުކޮށް، އޭނާގެ ބަހެއް ހޯދާފައިވާނެ ކަމަށް ޖޭއެސްސީން ބުނެ އެވެ.

ހަމައެއާއެކު އެ މައްސަލައިގެ ތަހުގީގު ކުރިއަށްދާއިރު ހަސަން ދީދީ މަސައްކަތަށް ނިކުމެ އުޅުމަކީ އެކޮމިޓީން ކުރަމުންދާ ތަހުގީގަށް ހުރަސްތަކެއް އެޅިދާނެ ފަދަ ކަމެއްގެ ގޮތުގައި ބެލެވި، ތަހުގީގު ފުރިހަމަ ކުރުމަށްފަހު ވަކި ގޮތެއް ކަނޑައަޅަންދެން ހަސަން ދީދީ ވަޒީފާއަށް ނުނިކުމެ މަޑުކުރަން ވެސް އެންގި ކަމަށް ޖޭއެސްސީގެ ބަޔާނުގައި ބުނެފައިވެ އެވެ.

ޖޭއެސްސީން ބުނީ ހަސަން ދީދީ އާ ގުޅޭގޮތުން ހުށަހެޅިފައިވާ މައްސަލަތަކުގެ ތެރޭގައި ޖިނާއީ މައްސަލަތަކެއް ހުރިކަމަށް ފާހަގަކުރެވޭތީ މިދިޔަ އޮކްޓޯބަރު މަހުގެ 30 ވަނަ ދުވަހު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި ޖެހިގެން އައި ދުވަހު އެ މައްސަލަ ބަލަން ފެށިކަން ފުލުހުން އަންގާފައިވާ ކަމަށް ވެސް އެ ކޮމިޝަނުން ބުންޏެވެ.

ފުލުހުން އެގޮތަށް އެންގުމާއެކު މުއްދަތެއް ނެތް ގޮތަށް ވަޒީފާއަށް ނުނިކުތުމަށް ހަސަން ދީދީއަށް އަންގާފައިވާނެ ކަމަށް ވެސް ޖޭއެސްސީން ބުނެ އެވެ.

މެޖިސްޓްރޭޓް ހަސަން ދީދީއާ ގުޅޭގޮތުން ޖޭއެސްސީން ބަލަމުންދާ މައްސަލައިގައި މިހާރު އެ ކޮމިޝަނުން ކުރަމުންދަނީ ތަހުގީގު ރިޕޯޓުގެ އެންމެ ފަހު މަރުހަލާގެ މަސައްކަތްތަކެވެ.

comment ކޮމެންޓް