ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މައްސަލަތަކުގެ ކޯޓު މަރުހަލާ އަވަސްކުރަނީ

ޖޭއެސްސީގައި މެމްބަރުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންގެ މައްސަލަތައް ކޯޓުތަކުން ވީ އެންމެ އަވަހަކަށް ބެލޭނެ ނިޒާމެއް ގާއިމު ކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ކޯޓުތަކުގެ އިސް ފަނޑިޔާރުންނާ މަޝްވަރާކުރަން ނިންމައިފިއެވެ.

ޖޭއެސްސީން ނެރުނު ބަޔާނެއްގައި ބުނީ މިއަދު ބޭއްވި އެ ކޮމިޝަނުގެ ޖަލްސާގައި ކޯޓުތަކުގެ އިސް ފަނޑިޔާރުންނާ ބައްދަލުކޮށް، މިފަދަ މައްސަލަތައް ކޯޓުތަކުގައި ލަސްވާން މެދުވެރިވާ ސަބަބުތައް ދެނެގަތުމަށް ވަނީ މަޝްވަރާކޮށްފައި ކަމަށެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މައްސަލަތައް އަވަސް ކުރުމާ ގުޅޭގޮތުން މަޝްވަރާކޮށް، އެ މައްސަލަތައް އަވަސް ކުރަން އެޅޭނެ ފިޔަވަޅުތައް ބެލުމުގެ މަސައްކަތް މިހާރުން މިހާރަށް ފަށައި، މި ހަފްތާ ތެރޭގައި ނިންމުމަށް ވެސް މިއަދުގެ ޖަލްސާގައި ވަނީ ނިންމާފަ އެވެ.

"ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމާ ގުޅޭގޮތުން ކޯޓުތަކަށް ހުށަހެޅޭމައްސަލަތައް "ބްލޮކް ޓްރައިލްސް" ނިޒާމެއްގެ ތެރެއިން ބަލަން ފެށޭނެ ނިޒާމެއް ޝަރުއީ ދާއިރާގެ ތެރޭގައި ގާއިމު ކުރުމަށާއި މިފަދަ މައްސަލަތައް ކޯޓުތަކުގައި ލަސްވުމެއް ނެތި ކުރިއަށް ގެންދެވޭނެ ގޮތަކަށް ކަންކަން ރޭވުމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ދެންނެވުމަށް މިއަދު ވަނީ ނިންމާފަ." ޖޭއެސްސީގެ ބަޔާނުގައި ބުނެފައިވެއެވެ.

މިމަހުގެ 15 ވަނަ ދުވަހު ދެކުނު ރަށެއްގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރާ ކަމުގެ މައްސަލައެއް ފެންމަތިވީ، އެ މައްސަލައިގައި ތުހުމަތު ކުރެވޭ އެ ކުއްޖާގެ މުނިކާފަގެ މައްޗަށް މިހާރު ވެސް އެފަދަ މައްސަލައެއްގެ ޝަރީއަތް ކުރިއަށް ދަނިކޮށެވެ.

ކުރީގެ މައްސަލައިގައި ދައުވާ ކުރަން ޕީޖީއަށް ފޮނުވީ 2018 ވަނަ އަހަރުގެ މެއި 31 ވަނަ ދުވަހުގަ އެވެ. އަދި މިދިޔަ އަހަރުގެ ޖޫން މަހު އެ މައްސަލައިގެ ޝަރީއަތުގެ އެއް އަޑުއެހުން ބޭއްވިއިރު، އިތުރު އަޑުއެހުމެއް ބޭއްވިކަން އެނގިފައި ނުވެ އެވެ.

comment ކޮމެންޓް