ހުޅުމާލެއިން ހައްޔަރުކުރި 27 މީހުންގެ ތެރެއިން ބަންދުގައި ތިބީ އަށް މީހުން

ޖިންސީ ގޯނާގެ ޝިކާރައަކަށްވި ދެ އަހަރުގެ ކުއްޖާގެ ބައްޕަ ފިލައިގެން އުޅޭ ހުޅުމާލެ ފްލެޓް ކައިރީ އިހްތިޖާޖު ކުރަނީ : އެ ސަރަހައްދުގައި މައްސަލަ ހޫނުވެ ގިނަ ބަޔަކު ހައްޔަރުކުރި --- ސަން ފޮޓޯ/ ޝަފްނާ ހުސައިން

ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައާ ގުޅިގެން ހުޅުމާލޭގައި ހިންގި ހަމަނުޖެހުމުގައި ހައްޔަރުކުރި 27 މީހުންގެ ތެރެއިން މިހާރު ފުލުހުންގެ ބެލުމުގެ ދަށުގައި ތިބީ އަށް މީހަކު ކަމަށް ފުލުހުން ބުނެފި އެވެ.

މިދިޔަ ހުކުރު ދުވަހު ހުޅުމާލޭ 108 ނަމްބަރު ފްލެޓު ކައިރީގައި ގިނަ ބަޔަކު ވަނީ މުޒާހަރާކޮށްފަ އެވެ. އެތަނުގައި މުޒާހަރާކޮށްފައިވަނީ ކުޑަކުއްޖާއަށް ޖިންސީ ގޯނާ ކުރި ބައިވެރިވި ކަމަށް ތުހުމަތުވާ އެ ކުއްޖާގެ ބައްޕަ ފްލެޓުގައި ފިލައިގެން އުޅުމުންނެވެ.

އެ ސަރަހައްދުގައި މައްސަލަ ހޫނުވުމާ ގުޅިގެން 27 މީހަކު ހައްޔަރުކުރިއިރު އިއްޔެ ވަނީ އަށް މީހަކު ދޫކޮށްލާފަ އެވެ. ބަންދުގައި ތިބި 19 މީހުންގެ ތެރެއިން 11 މީހަކު ވަނީ ފަހުން ދޫކޮށްލާފަ އެވެ.

ހުކުރު ދުވަހުގެ މުޒާހަރާ ހޫނުވެ ފުލުހެއްގެ ބޯވެސް ވަނީ ފަޅައިގެން ގޮސްފައި ބައެއް ފުލުހުންނަށް އެކިވަރުގެ އަނިޔާވި އެވެ.

އެ މައްސަލައިގައި ހައްޔަރު ކުރި 27 މީހުންގެ ތެރޭގައި ހިމެނެނީ 26 ފިރިހެނުންނާއި އަންހެނެކެވެ. އަދި އެމީހުންގެ ތެރޭގައި 18 އަހަރު ނުފުރޭ ތިން ކުދިންވެސް ހިމެނޭ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

އެއްވެ ތިބި އާންމުން ހަމަނުޖެހުން ހިންގަން ފެށީ ކުޑަކުއްޖާ ރޭޕްކުރިކަމަށް ތުހުމަތު ކުރާ ބައްޕަ ކޯޓު އަމުރެއް ނުލިބިގެން ފުލުހުންނަށް އޭނާ ހައްޔަރު ނުކުރެވި ލަސްވާތީ ކަމަށް ބުނެ އެވެ.

ނަމަވެސް އެންމެ ފަހުން އެކުއްޖާގެ ބައްޕަ ވަނީ ފްލެޓުން ހައްޔަރުކޮށްގެން ގެންގޮސްފަ އެވެ. އެ މައްސަލާގައި ހިމެނޭ އެ ކުއްޖާގެ ކާފަޔާއި މުނިކާފަ ވެސް ފަހުން ވަނީ ހައްޔަރުކޮށްފަ އެވެ. އޭގެއިން ކޮންމެ ކުއްޖެއްގެ ބަންދަށް ވެސް 15 ދުވަހުގެ މުއްދަތެއް ވަނީ ދީފަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް