މިދިޔަ އަހަރު އޭޖީއިން އެންމެ ގިނައިންް ދިފާއު ކުރަން ޖެހުނީ ފުލުހުންގެ މުއައްސަސާ

އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިދިޔަ އަހަރު ސަރުކާރުގެ އިދާރާތަކުގެ ތެރެއިން އެޓާނީ ޖެނެރަލްގެ އޮފީހުންގެ އެންމެ ގިނައިން ވަކާލާތު ކުރަން ޖެހުނީ މޯލްޑިވްސް ޕޮލިސް ސާވިސްގެ ދިފާއުގައި ކަމަށް އެ އޮފީހުގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

އޭޖީ އޮފީހުން މިއަދު އާންމު ކުރި 2019 ވަނަ އަހަރު ވަކާލާތު ކުރި މައްސަލަތަކުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން މިދިޔަ އަހަރު އެ އޮފީހުން ވަނީ 384 މައްސަލައެއްގައި ވަކާލާތުކޮށްފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ ދައުލަތުގެ މައްޗަށް ދައުވާ ކުރި 226 މައްސަލައަކާ އަދި ދައުލަތުން ދައުވާ ކުރި 158 މައްސަލަ އެވެ. އެ މައްސަލަތަކުގެ ތެރޭގައި ކޯޓަށް ހުށަނޭޅޭ ހަތަރު މައްސަލައެއް ހިމެނެ އެވެ.

ދައުލަތުގެ މައްޗަށް ދައުވާ ކުރި މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ދައުވާ ކުރީ މޯލްޑިވްސް ޕޮލިސް ސާވިސްގެ މައްޗަށެވެ. މިދިޔަ އަހަރު ފުލުހުންގެ މުއައްސަސާގެ ދިފާއުގައި 63 މައްސަލައެއްގައި އޭޖީ އޮފީހުން ވަކާލާތު ކުރި އެވެ. ދެން އެންމެ ގިނައިން ދިފާއުގައި ވަކާލާތު ކުރަން ޖެހުނު މައްސަލަތަކަށް ބަލާއިރު ހައުސިން މިނިސްޓްރީގެ 26 މައްސަލައެއްގައި، ޑިފެންސް މިނިސްޓްރީގެ 19 މައްސަލައެއްގައި، އަދި ޓޫރިޒަމް މިނިސްޓްރީގެ 15 މައްސަލައެއްގައި އޭޖީ އޮފީހުން ވަކާލާތު ކުރި އެވެ.

އޭޖީ އޮފީހުން އެންމެ ގިނައިން ދައުވާ ކުރަން ޖެހުނީ ކަސްޓަމްސްއިން ފޮނުވި މައްސަލަތަކާ ގުޅިގެންނެވެ. ކަސްޓަމްސްއާ ގުޅޭ 44 މައްސަލައެއްގައި އޭޖީ އޮފީހުން މިދިޔަ އަހަރު ވަކާލާތު ކުރި އެވެ. އޭގެ އިތުރުން، ހައުސިން މިނިސްޓްރީގެ 33 މައްސަލައެއްގައި، ޖެންޑާ މިނިސްޓްރީގެ 21 މައްސަލައެއްގައި އަދި އެންވަޔަރަމެންޓް މިނިސްޓްރީގެ 17 މައްސަލައެއްގައި އޭޖީ އޮފީހުން ވަކާލާތު ކުރި އެވެ.

ދައުލަތަށް ދައުވާ ލިބޭ މައްސަލަތަކުގެ ތެރެއިން މިހާރު ހިނގަމުން ދަނީ 78 މައްސަލަ އެވެ. އަދި ދައުލަތުން ދައުވާ ކުރާ މައްސަލަތަކުގެ ތެރެއިން މިހާރު ހިނގަމުން ދަނީ 37 މައްސަލަ އެވެ.

މިދިޔަ އަހަރު އޭޖީ އޮފީހުން ވަކާލާތު ކުރި މައްސަލަތަކުގެ ތެރެއިން ދައުލަތުން ދައުވާ ކުރި މައްސަލަތަކުގެ ތެރޭގައި އެންމެ ގިނައީ އިސްތިއުނާފުގެ މައްސަލަތަކެވެ. މިދިޔަ އަހަރު އިސްތިއުނާފުގެ 43 މައްސަލައެއްގައި އޭޖީ އޮފީހުން ވަކާލާތުކޮށްފައިވެއެވެ. ދެން އެންމެ ގިނައިން ވަކާލާތު ކުރި މައްސަލަތަކަށް ބަލާއިރު ފައިސާއާ ބެހޭ 30 މައްސަލައެއް އަދި ބިމާ ބެހޭ 26 މައްސަލައެއްގައި އެ އޮފީހުން ވަކާލާތުކޮށްފައިވެއެވެ.

ދައުލަތަށް ދައުވާ ލިބުނު މައްސަލަތަކުގެ ތެރެއިން އެންމެ ގިނައީ ވަޒީފާއާ ބެހޭ މައްސަލަތަކެެވެ. މިދިޔަ އަހަރު ވަޒީފާއާ ބެހޭ 60 މައްސަލައެއްގައި އޭޖީ އޮފީހުން ވަނީ ވަކާލާތުކޮށްފަ އެވެ. އޭގެ އިތުރުން އިސްތިއުނާފު ރައްދުވާ 37 މައްސަލައެއްގައި، ފައިސާއާ ބެހޭ 30 މައްސަލައެއްގައި، އެއްބަސްވުމާ ބެހޭ 17 މައްސަލައެއްގައި އަދި ބިމާ ބެހޭ 17 މައްސަަލައެއްގައި އެ އޮފީހުން ވަކާލާތުކޮށްފައިވެ އެވެ.

ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އެ އޮފީހަށް 2019 ވަނަ އަހަރު ހުށަހެޅުނު މައްސަލަތައް ވަނީ 2018 ވަނަ އަހަރާ އަޅާ ބަލާއިރު 49.74 ޕަސެންޓު ދަށްވެފަ އެވެ. އަދި 2018 ވަނަ އަހަރާ އަޅާ ބަލާއިރު 2019 ވަނަ އަހަރު ދައުލަތުގެ މައްދަށް ދައުވާ ރައްދުވި މައްސަލަތައް ވަނީ 32.54 ޕަސެންޓު ދަށްވެފަ އެވެ. އޭގެ އިތުރުން ދައުލަތުން ދައުވާ ކުރި މައްސަލަތައް 2018 ވަނަ އަހަރާ އަޅާ ބަލާއިރު ވަނީ 63.17 ޕަސެންޓު ދަށްވެފަ އެވެ.

މިދިޔަ އަހަރު އޭޖީ އޮފީހުން ވަނީ ކޯޓުތަކުގައި އޮތް 1924 އަޑުއެހުމަކަށް ގޮސްފަ އެވެ. އެންމެ ގިނައިން އަޑުއެހުންތަކަށް ދިޔައީ މެއި މަހު އެވެ. އެ މަހު އެކަނި 236 އަޑުއެހުމަކަށް ވަކީލުން ދިޔަ އެވެ.

އޭޖީ އޮފީހުން މިދިޔަ އަހަރު ވަކާލާތު ކުރި މައްސަލަތަކުގެ ތެރެއިން 206 މައްސަލަ ކުރިއަށް ދިޔައީ ސިވިލް ކޯޓުގަ އެވެ. ދެން އެންމެ ގިނަ މައްސަލަ ކުރިއަށް ދިޔައީ ހައިކޯޓުގަ އެވެ. ހައިކޯޓުގައި ކުރިއަށް ދިޔަ 56 މައްސަލައެއްގައި އޭޖީ އޮފީހުން ވަކާލާތު ކުރި އެވެ.

comment ކޮމެންޓް