ކޮންމެ 10 މިނިޓަކުން ދިރިއުޅުން ރިކޯޑް ކުރާ ސައިންޓިސްޓެއް!

ކޮންމެ 10 މިނިޓަކުން ދިރިއުޅުން ރިކޯޑް ކުރާ ސައިންޓިސްޓް ފޮޓޯ؛ބީބީސީ

ޑައިރީ ލިޔުމާއި، ސެލްފް ނޯޓްސް ހެދުމަކީ އާންމުގޮތެއްގައި ކޮންމެ ކޮންމެ މީހަކު ކޮށްއުޅޭ ކަމެއް ނޫނެވެ. ހާއްސަކޮށް 10 އަހަރުވަންދެން މެދުނުކެނޑި ކޮންމެ ދުވަހަކު އެކަން ކުރަންވެއްޖެނަމަ އެވާނީ އުފުލަންޖެހޭ ބުރައަކަށެވެ. އެކަމަކު މިއީވެސް ވެދާނެކަމެއްކަން ސައިންޓިސްޓަކު މިވަނީ ސާބިތުކޮށްދީފަ އެވެ.

ސްޕެނިޝް ސައިންޓިސްޓެއް ކަމުގައިވާ މޮރިސް ވިލަރޮއިލް މިވަނީ 10 އަހަރުވަންދެން ކޮންމެ 10 މިނިޓަކާއި ބައިގަޑިއިރާއި ދެމެދު އޭނާ ކުރިކަމެއް ނޯޓްކޮށް އެންމެން އަޖައިބުކޮށްލާފަ އެވެ.

ޕޮލިޓެކްނިކް ޔުނިވާރސިޓީ އޮފް މެޑްރިޑްގައި މަސައްކަތްކުރާ މޮރިސް މި މަސައްކަތް ފެށީ އޭނާގެ އުމުރުން 40 އަހަރުވުމުންނެވެ. ބޭނުމަކަށްވީ އޭނާގެ ހަޔާތުގައި ހިނގަމުންދިޔަ ކަންކަން ތަފްސީލުކޮށް އަދި ކޮންކްރީޓްކޮށް ބެލެހެއްޓުމާއި، މުސްތަގުބަލުގައި މާ 'އެފެކްޓިވް' ދިރިއުޅުމެއް އުޅެން މަސައްކަތްކުރުމެވެ.

ފެބްރުއަރީ 10، 2010 އަކުން ފެށިގެން، ކޮންމެ ދުވަހަކުވެސް ކޮންމެ 10 މިނިޓާއި 30 މިނިޓާއި ދެމެދު އޭނާ ހުންނަތަނަކާއި ކުރާ ކަމަކާއި މޮރިސް ނޯޓުކުރަން ފެށި އެވެ. ކިތަންމެ ކުޑަކަންކަން ވެސް އޭނާ ނޯޓްކުރި އެވެ.

ކޮންމެ ދުވަހެއްގެވެސް ލޮގް ފެށެނީ އޭގެ ކުރީ ރެއިން ފެށިގެންނެވެ. އެރޭ އޭނާ ނޯޓުކުރަނީ އަނެއް ދުވަހުގެ ތާވަލާއި ކުރަން ގަސްތުކުރާ ކަންކަމެވެ. އެއަށްފަހު، ދުވަސް ފެށި އޭނާ ކުރާ ހުރިހާ ކަމެއްހެން ނޯޓުކުރަންފަށަ އެވެ. އެއީ މެޓްރޯ ދަތުރެއް ނަމަވެސް، ކްލާހެއްގެ ލެކްޗާއެއް ނެގުން ކަމަށްވިޔަސް، އިންޓަވިއުއެއް ނަމަވެސް އޭނާ ނޯޓްކުރެ އެވެ.

މޮރިސް އޭނާގެ ޖޯނަލް ފޮތްތައް ބަހައްޓާފައި

މިވީ ނުވަ އަހަރާއި ނުވަ މަހުގެ ތެރޭގައި ޖުމްލަ 307 ނޯޓްފޮތް މިކަމުގައި ހުސްވެފައިވާއިރު، ހަމައެކަނި ފޮތުގައި ލިޔުމަކުން ނުވަތަ ރެކޯޑްކުރުމަކުން އެ ނިމުނީކީ އެއް ނޫނެވެ. އެދުވަހެއްގައި ލިބޭ ހުސްވަގުތުތަކުގައި އޭނާ ދާނީ ކުރީގެ ނޯޓްސްތައް ރިވިއުކުރަމުންނެވެ. މިގޮތުން ސުޕަމާކެޓް ކިއުގައި، ނުވަތަ ޑޮކްޓަރަށް ދައްކަން އިންތިޒާރުގައި އިންނަ ވަގުތުގައި ވިޔަސް، ކަމެއް ނެތި އިންނަންވެއްޖެނަމަ އެއީ އެކަމަށް އެންމެ އެކަށޭނަ ވަގުތެވެ.

އެއާއިއެކު، ނޯޓު ފޮތް ފުރުމަކުން އެ އުކާލަންވީއެއް ނޫނެވެ. އެ ފޮތުގައިވާ ހުރިހާ މައުލޫމާތެއް ދެން އޭނާ އެންޓާކުރަނީ މައިކްރޯސޮފްޓް އެކްސެލް ޝީޓަކަށެވެ.

މޮރިސްގެ މި ސެލްފް ޓްރެކް ކުރުމުގެ އުކުޅުތައް މަޑުމަޑުން ކުރިއަރަމުންދާއިރު، ވަކި ކޮމިއުނިޓީއެއްގެ ގޮތުގައި މިކަން ދަނީ މަޝްހޫރުވަމުންނެވެ. ގިނަބަޔަކު ފާހަގަކުރާ ގޮތުގައި މިއީ ކާމިޔާބު މީހަކަށްވުމަށްޓަކައި އަމިއްލަ ނަފްސު އެސެސްކުރުމަށް ވަރަށް މުހިންމުކަމެކެވެ.

ދިރާސާތަކުން ދައްކާގޮތުން ދުވަހެއްގެ 10 މިނިޓް ޖާނަލް ލިޔުމުގައި ހޭދަކުރާމީހުންގެ އުފެއްދުންތެރިކަން 20 އިންސައްތައިން ކުރިއަރާފައިވާކަން ފާހަގަވެ އެވެ. މޮރިސް ބުނާގޮތުން މި މަސައްކަތުން އޭނާއަށް ދަސްވި ކަންކަމުގެ ތެރޭގައި ވަގުތު މެނޭޖުކުރުމާއި، ކުދިކުދި ކާމިޔާބީތައް ފާހަގަކުރުމާއި، މާޒީގެ މައްސަލަތަކުން އިބުރަތް ހާސިލްކޮށްދެ އެވެ.

މި ޖާނަލް ލިޔެވުމާއިއެކު، މި ވޭތުވާ 10 އަހަރަކީ އޭނާގެ ހަޔާތުގައި އެންމެ ދިގު އަހަރުތައް ކަމުގައިވެސް މޮރިސް ބުނެފައިވެ އެވެ.

comment ކޮމެންޓް