ކުޑަކުދިންތަކަކަށް ޖިންސީ ގޯނާ ކުރި ގޮއިދޫ މުދިމުގެ މައްސަލައިގެ އަޑުއެހުންތައް ހައިކޯޓުގައި ނިންމާލައިފި

އޮކްޓޯބަރ 1، 2019: ދިވެހި ރާއްޖޭގެ ހައި ކޯޓުން މީހަކު ނިކުނަންނަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ބ. ގޮއިދޫގައި ގިނަ އަދަދެއްގެ ކުޑަކުދިންތަކަކަށް ޖިންސީ ގޯނާ ކުރި މުދިމެއް ކަމަށްވާ ބ. ގޮައިދޫ، ބްލޫރޯޒްގެ، އަލީ ރަޝީދުގެ މައްސަލައިގެ އިސްތިއުނާފު އަޑުއެހުންތައް ހައިކޯޓުގައި ނިންމާލައިފިއެވެ.

އަލީ ރަޝީދަކީ ގުރުއާން ޓީޗަރުކަން ކުރި އިރު ގިނަ އަދަދެއްގެ ކުދިންނަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތު ކުރެވޭ މީހެކެވެ. އޭނާ އެކަން ކުރީ ރަށު މިސްކިތުގައާއި އަމިއްލަ ގޭގައި ގުރުއާން ކްލާސް ހިންގި އިރުއެވެ.

އޭގެ ތެރެއިން އޭނާގެ މައްޗަށް ދައުވާކޮށްފައި ވަނީ 2006 ވަނަ އަހަރު ފެންމަތި މައްސަލައެއްގައެވެ. އެ މައްސަލަ ކްރިމިނަލް ކޯޓުގައި ފެށިތާ 10 އަހަރު ފަހުން މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އެ މައްސަލައިގެ ހުކުމް ވަނީ އިއްވައިފައެވެ.

ކްރިމިނަލް ކޯޓުން ހުކުމް ކުރީ ދައުވާ ސާބިތު ނުވާ ކަމަށެވެ. އެހެންކަމުން، ދައުލަތުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ.

އެ މައްސަލައިގައި ކުޑަކުއްޖަކާ ބެހޭ ޒާތީ މައުލޫމާތު ހިމެނޭތީ ހައިކޯޓުގައި އިސްތިއުނާފު އަޑުއެހުންތައް ކުރިއަށް ގެންދިޔައީ ސިއްރު ކޮށްގެންނެވެ. މިއަދު އެ އިސްތިއުނާފު މައްސަލައިގައި ހައިކޯޓުގައި ބޭއްވި އަޑުއެހުންތައް ވަނީ ނިންމާލައިފައެވެ. ދެން އޮންނާނީ އެ މައްސަލައިގައި ހުކުމް ކުރުމެވެ.

އަލީ ރަޝީދުގެ ފަރާތުން ޖިންސީ ގޯނާ ލިބުނު ކުދިިން މިހާރު ބޮޑުވެފައިވާ އިރު އެ މީހުންނަށް ދައުލަތުގެ ފަރާތުން ލިބެން ޖެހޭ އެހީތެރިކަން ދީފައި ނުވާ މައްސަލަ މީގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ ޖެންޑާ ކޮމިޓީއިންވެސް ބަލާފައިވެއެވެ.

https://sun.mv/126626

comment ކޮމެންޓް