ކުއްޖާގެ ބައްޕައެއް ނުދަންނަން، އެއްވެސް ގުޅުމެއް ނެތް: އޭސީޕީ ރިޔާޒް

އެސިސްޓަންޓް ކޮމިޝަނާ އޮފް ޕޮލިސް، މުހައްމަދު ރިޔާޒް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އުމުރުން ދެ އަހަރު ނުވާ ކުޑަ އަންހެން ކުއްޖަކު ރޭޕް ކުރި މައްސަލައާ ގުޅިގެން، އިހުމާލުވުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ އެކުއްޖާގެ ބައްޕަ އަކީ، އެސިސްޓަންޓް ކޮމިޝަނާ އޮފް ޕޮލިސް، މުހައްމަދު ރިޔާޒް އާ ގާތް ގުޅުމެއް އޮންނަ މީހެއް ކަމަށް ބުނެ ދެކެވޭ ވާހަކަތައް ރިޔާޒް ދޮގުކުރައްވައިފި އެވެ.

އެ މައްސަލައާ ގުޅިގެން ކުއްޖާގެ ބައްޕަ ހައްޔަރުކޮށްފައި ވަނީ މިދިޔަ ހުކުރު ދުވަހުގެ ރޭ ހުޅުމާލެ 108 ވަނަ ފްލެޓުންނެވެ. އޭނާ ހުޅުމާލެއަށް އައިސްފައި ވަނީ ފިލައިގެން ކަމަށާއި އަދި ކުޑަ ކުއްޖާ ރޭޕް ކުރުމުގައި ބައިވެރިވި ކަމަށް ތުހުމަތުކޮށް ގިނަ އަދަދެއްގެ ބަޔަކު އެގޭ ދޮށަށް އެއްވި އެވެ.

އަސުރުން ފެށިގެން އެގޭ ދޮށުގައި މީހުން އެއްވެ އަޑުގަދަކުރަމުން ދިޔަ ނަމަވެސް ފުލުހުން އޭނާ ހައްޔަރުކުރުން ލަސް ކަމަށް ބުނެ ގިނަ ބަޔަކު ވަނީ ނުރުހުން ފާޅުކޮށްފަ އެވެ.

އަދި އޭނާ ހައްޔަރުނުކޮށް، އެ ގޭގެތެރޭގައި "ހިމާޔަތް" ދީފައި ވަނީ އޭސީޕީ ރިޔާޒް އާ އޮންނަ ގުޅުމަކުން ކަމަށާއި އެ މީހާއަކީ ރިޔާޒްގެ އެންމެ ކުޑައިރުގެ ރައްޓެއްސެއް ކަމަށް ބުނެ ސޯޝަލް މީޑިއާގައި ވާހަކަތަކެއް އަންނަނީ ދެކެވެމުންނެވެ.

ނަމަވެސް އޭސީޕީ ރިޔާޒް އިއްޔެ ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވަނީ އެ ވާހަކަތައް ދޮގުކުރައްވައިފަ އެވެ. ރިޔާޒް ވިދާޅުވީ އެކުއްޖާގެ ބައްޕައަކީ ދަންނަ މީހެއް ނޫން ކަމަށެވެ.

އަދި އެ ތުހުމަތުތަކަކީ ރިޔާޒް މަސައްކަތް ކުރައްވާ ދާއިރާގެ ސަބަބުން އަމާޒުވާ ކަމަކަށް ވާތީ، މީގެ ކުރިން އެ ތުހުމަތުތަކަށް އެއްޗެއް ވިދާޅުވާން ބޭނުންނުވި ކަމަށެވެ.

"ނަމަވެސް އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކަކަށް އެއްޗެއް ބުނަން މި ޖެހުނީ އެ ވާހަކަތަކުގެ ސަބަބުން އަޅުގަނޑުގެ އާއިލާއަށް ކުރިމަތިވެދާނެ ހިތާމައާއި ނުރައްކަލުގެ ސަބަބުން. އެ ވާހަކަތަކުގައި އެއްވެސް ހަގީގަތެއް ނެތް. އެއީ އަޅުގަނޑު ކުރާ މަސައްކަތުގެ ގޮތުން އަޅުގަނޑަށް ޓާގެޓްކުރުމަށް ދައްކާ ވާހަކަތަކެއް،" ރިޔާޒް ވިދާޅުވި އެވެ.

ކުއްޖާގެ ބައްޕަ މިހާރު ވަނީ ހައްޔަރުކޮށްފަ އެވެ. އަދި އޭނާ މާލެ އައިސްފައި ވަނީ ފިލައިގެން ނޫން ކަމަށާއި ތަހުގީގަށް އޭނާގެ ފަރާތުން ދޭންޖެހޭ ފުރިހަމަ އެއްބާރުލުން ދެމުން އަންނަ ކަމަށް އިއްޔެ އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ވަނީ ބުނެފަ އެވެ.

ކުޑަ ކުއްޖަކު ރޭޕްކުރި މައްސަލާގައި، އެކުއްޖާއަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ކާފަ (62އ) އާއި މުނިކާފަ (81އ) ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ. ބައްޕަ ހައްޔަރުކޮށްފައި ވަނީ އިހުމާލުވި ކަމުގެ ތުހުމަތުގަ އެވެ. ތިން މީހުންނަށް ވެސް ކޯޓުން ވަނީ 15 ދުވަހުގެ ބަންދުގެ މުއްދަތެއް ދީފަ އެވެ.

comment ކޮމެންޓް