އިނގިރޭސި ލީގުގެ ގަދަ ހަތަރު ބާރަކަށް މާޔޫސްކަން

އިނގިރޭސި ލީގުގައި ރޭ ޗެލްސީއާއި ނިއުކާސަލް ބައްދަލު ކުރި މެޗުގެ ތެރެއިން ޗެލްސީގެ ފޯވާޑް ޓެމީ އަބްރަހަމް --- ފޮޓޯ// އޭޕީ

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުގައި، ޒަމާނުއްސުރެން ގަދަ ބާރުތަކުގެ ގޮތުގައި ފާހަގަވެފައި އޮންނަ މެންޗެސްޓާ ސިޓީއާއި ޓޮޓެންހަމް އަދި އާސެނަލް އެއްވަރުވި އިރު ޗެލްސީ ބަލިވެއްޖެ އެވެ.

ލީގުގެ 22 ވަނަ މެޗު ވީކުގެ ކުޅުން ރޭ ފެށި އިރު ފުރަތަމަ މެޗުގައި ރަށުން ބޭރުގައި ކުޅެ ޓޮޓެންހަމް ވަނީ ވަޓްފޯޑް އަތުން އެއްވަރުވެފަ އެވެ. އެ މެޗުގައި ދެ ޓީމުން ކުރެން އެއް ޓީމަކަށް ވެސް ގޯލެއް ޖެހިފައި ނުވާ އިރު ވަޓްފޯޑަށް މެޗުގައި ލިބުނު ޕެނަލްޓީ ވަނީ ޓޮޓެންހަމްގެ ކީޕަރު ޕައޮލޯ ގަޒަނިގާ ދިފާއުކޮށްފައެވެ.

ހޯސޭ މޮރީނިއޯގެ ކޯޗުކަމުގައި ކުޅުނު އެ މެޗުގައި ޓޮޓެންހަމަށް ދިމާވި އެންމެ ބޮޑު އުނދަގުލަކީ ލިބޭ ފުރުސަތުތައް ނިންމާ ނުލެވުމުގެ. އެ ޓީމުގެ ސްޓްރައިކަރު ހެރީ ކޭންގެ ފަޔަށް ލިބުނު އަނިޔާއާ އެކު އޭނާ ވަނީ ދެމަހަށް ކުޅުމާ ދުރަށް ދާން ޖެހިފަ އެވެ. އެހެން ކަމުން މިހާރު ކުރިއަށް މިދާ ޓްރާންސްފާ ވިންޑޯގައި ސްޓަރައިކަރެއް ޓީމަށް ހޯދަން ބޭނުންވާ ކަމަށް މޮރީނިއޯ ވަނީ މެޗަށްފަހު ވާހަކަ ދައްކަމުން ބުނެފަ އެވެ.

"އަހަރެން ޓީމުގެ ހުރިހާ ކުޅުންތެރިންނަށް ވެސް އިހުތިރާމު ކުރަން. ރަނގަޅު ނަތީޖާއެއް ނުނެރެވުނަސް ކުޅުމާ ދޭތެރޭ ހިތްހަމަ ޖެހޭ. އިތުރު ކުޅުންތެރިޔަކު ގެނެވެންޏާ ގެންނާނަން." މޮރީނިއޯ ބުންޏެވެ.

ރޭގެ މެޗުގައި ޝެފީލްޑް ޔުނައިޓެޑުން ވެސް ވަނީ އާސެނަލް މޮޅުވިޔަ ނުދީ ހިފަހައްޓައިފަ އެވެ. އެ ޓީމާ އަލަށް ހަވާލުވީ ކުރީކެ މެންޗެސްޓާ ސިޓީގެ އެސިސްޓެންޑް ކޯޗު މިކެލް އާޓޭޓާގެ ކޯޗުކަމުގައި ރޭ ކުޅުނު އެ މެޗުގައި ޝެފީލްޑް ޔުނައިޓެޑުން އާސެނަލްގެ ހިތްތައް ފުނޑުކޮށްލީ މެޗު ނިމެން ގާތްކޮށްލައިފަ އެވެ.

އެ މެޗުގައި ފުރަތަމައިން ގޯލު ޖަހައި ލީޑު ނެގީ އާސެނަލުންނެވެ. ގެބްރިއެލް މާޓެނެލީގެ ގޯލާ އެކު އާސެނަލުން މޮޅަކަށް ކުރި އުންމީދު ފުނޑު ފުނޑުވީ 83 ވަނަ މިނަޓުގައި އިދިކޮޅު ޓީމުގެ ފޯވާޑް ޖޯން ފްލެކްގެ ގޯލުންނެވެ. މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.

ވޭތުވެދިޔަ ދެ ސީޒަނުގެ ވެސް ޗެމްޕިއަން މެންޗެސްޓާ ސިޓީ އަތުން ރޭ 2-2 އިން އެއްވަރުކޮށް ޕޮއިންޓެއް ހޯދީ ކްރިސްޓަލް ޕެލަސްއިންނެވެ. އެ މެޗުގައި ޕެލަސްއިން ގޯލެއް ޖަހައިފައި އޮއްވާ ސިޓީން ވަނީ މެޗު ނިމެން ދަނިކޮށް ފަހަތުން އަރައި ދެ ގޯލު ޖަހައިފަ އެވެ. މި ދެ ގޯލު ވެސް އެ ޓީމުގެ ފޯވާޑް ސާޖިއޯ އަގުއޭރޯ ޖަހައިދިން އިރު މެޗުގެ އިތުރު ވަގުތުގައި ޕެލަހުން އެއްވަރު ކުރީ ސިޓީގެ ޑިފެންޑަރު ފަނާންޑީނިއޯ އަތުން ބައިކޮޅަށް ވަން ގޯލަކުންނެވެ.

މީގެ އިތުރުން ޗެލްސީއިން ރޭ ރަށުން ބޭރުގައި ކުޅުނު މެޗުގައި ނިއުކާސަލް ޔުނައިޓެޑް އަތުން ބަލިވީ 0-1 ގެ ނަތީޖާއަކުންނެވެ. އެ މެޗުގައި ޗެލްސީއަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވެގެން ދިޔައިރު ނިއުކާސަލްއިން މެޗުގައި ލީޑު ނެގީ މެޗުގެ އިތުރު ވަގުތުގައި އީސާކް ހޭޑެންގެ ގޯލުންނެވެ.

ރޭގެ މެޗުގެ ނަތީޖާތަކާ އެކު ޓޮޓެންހަމް ކުޅުނު 23 މެޗުން ލިބުނު 31 ޕޮއިންޓާ އެކު އޮތީ ތާވަލުގެ އަށްވަނައިގަ އެވެ. އާސެނަލް 29 ޕޮއިންޓާ އެކު 10 ވަނައިގައި އޮތް އިރު ސިޓީ ދެވަނައިގައި އޮތީ 48 ޕޮއިންޓާ އެކު އެވެ. އަދި ރޭގެ މެޗުން ބަލިބި ޗެލްސީ އޮތީ 39 ޕޮއިންޓާ އެކު ހަތަރުވަނައިގަ އެވެ.

މިފަހަރުގެ ލީގުގައި އެއްވެސް މެޗަކުން ބަލިނުވެ އެއްވަނައިގައި އޮތް ލިވަޕޫލުން ލީގު ހޯދުމާ ގާތަށް ޖެހިލާފައިވާ އިރު އެ ޓީމުން މިހާރު އޮތީ 13 ޕޮއިންޓްގެ ލީޑެއްގަ އެވެ. އެކަމަކު އެއީ ދެވަނައިގައި އޮތް ސިޓީއަށް ވުރެން ދެ މެޗު މަދުން ކުޅެގެންނެވެ.

comment ކޮމެންޓް