ހުޅުމާލޭ އެއްވުމުގައި ފުލުހަކު އަންހެނެއްގެ އަނގަމަތި ފަޅާލި ކަމަށް ބުނާ މައްސަލަ ބަލަނީ

އަނިޔާވި އަންހެން މީހާ

ދެ އަހަރު ނުވާ ކުޑަ އަންހެން ކުއްޖަކު ރޭޕް ކުރި މައްސަލައިގައި އިހުމާލުގެ ތުހުމަތު ކުރެވޭ އެކުއްޖާގެ ބައްޕަ ހުޅުމާލޭގައި ހުރި ގޭ ދޮށަށް އެއްވި މީހުންނާ ފުލުހުންނާ ދޭތެރޭ ހިނގި ކުރިމަތިލުންތަކުގައި، އެއްވުމުގައި ބައިވެރިނުވާ އަންހެނެއްގެ މޫނުމަތީގައި ފުލުހަކު ޖެހި ކަމަށް ބުނާ މައްސަލަ ބަލަންފަށައިފި އެވެ.

އަނިޔާވި އަންހެން މީހާގެ ދަރިފުޅު ކުރި ޕޯސްޓެއްގައި ވަނީ އަންހެން މީހާއަށް ލިބިފައިވާ އަނިޔާ ފެންނަ ފޮޓޯ އާއި ވީޑިއޯ އާންމުކޮށްފައިވާއިރު، އަންހެން މީހާގެ ނޭފަތް ވަނީ ވަރަށް ބޮޑަށް ފަޅައިގެން ގޮސްފައެވެ.

އެ ޕޯސްޓުގައި ބުނެފައި ވަނީ އަންހެން މީހާގެ މޫނުމަތީގައި ފުލުހަކު މުގުރުން ޖެހީ، ވެގެން އުޅޭ ގޮތެއް ބަލަން ގޭގެ ދޮރުމަތީގައި ހުއްޓާ ކަމަށެވެ. އަދި އެއަށް ފަހު އަންހެން މީހާ އާއި އެކުއްޖާ ވެސް ޕާކު ކޮށްފައި ހުރި ސައިކަލުތަކެއްގެ މައްޗަށް ކޮއްޕާލި ކަމަށެވެ.

"ރޭޕިސްޓަކީ އަހަރެންގެ މަންމައެއް ނޫން. އަހަރެންގެ މަންމަ އަކީ ކުށްވެރިއެއް ނޫން. ތުހުމަތުކުރެވޭ ބައްޕަ ނެރެގެން ގެންދިޔައީ ފުލުހުންގެ ހެލްމެޓް އަޅުވާ ވެސްޓު ލައްވައިގެން. އެކަމަކު ގޭގެ ދޮރުމަތީގައި ހުރި ކުށެއް ނެތް ރައްޔިތު މީހާއާ ދޭތެރޭ ފުލުހުން އަމަލު ކުރި ގޮތަކީ މިއީ،" އެ ޕޯސްޓުގައިވެ އެވެ.

މި މައްސަލައާ ގުޅިގެން ކޮމިޝަނާ އޮފް ޕޮލިސް، މުހައްމަދު ހަމީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިދިޔަ ހުކުރު ދުވަހު ހުޅުމާލޭ 108 ވަނަ ފްލެޓް ކައިރީ ހިނގައި ދިޔަ ހަމަނުޖެހުމުގައި މެދު އުމުރުގެ އަންހެނެއްގެ ގައިގައި ފުލުހަކު ޖެހިކަމަށް ތުހުމަތު ކުރެވޭ މައްސަލަ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.

އަދި އަނިޔާވި އަންހެން މީހާގެ އާއިލާ މެމްބަރަކާ އިއްޔެ ވާހަކަ ދެއްކެވި ކަމަށާއި އަދި ފުލުހުންގެ ޕްރޮފެޝަނަލް ސްޓެންޑާޑްގެ ޓީމެއް އަނިޔާވި އަންހެން މީހާއާ ބައްދަލުކޮށްފައިވާ ކަމަށެވެ.

"މި މައްސަލައިގެ ތަހުގީގު މިހާރު ވަނީ ފެށިފައި،" ސީޕީ ހަމީދު ވިދާޅުވި އެވެ.

މި މައްސަލައާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ފްލެޓް ކައިރީ ހިނގި ހަމަނުޖެހުމުގައި އެއްވުން ކޮންޓްރޯލް ކުރުމަށް ފުލުހުން ބާރުގެ ބޭނުންކުރުމުގެ ތެރޭގައި އަންހެނެއްގެ ނޭފަތް ފަޅައިގެން ގޮސްފައިވާ ކަމަށެވެ.

އަދި ހަމަ އެ ރޭ އެ މައްސަލަ ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުން ތަހުގީގު ކުރަން ފަށާފައިވާ ކަމަށެވެ.

އަދި އެ ހާދިސާ ރިވިއު ކުރަމުން އަންނަނީ ފުލުހުން ބާރުގެ ބޭނުންކުރާ ހާލަތްތަކުގައި ބާރު ބޭނުން ކުރެވުނު ގޮތް ރިވިއު ކުރުމަށް އެކުލަވާލާފައިވާ "ޔޫސް އޮފް ފޯސް ރިވިއު ކޮމިޓީ" އިން މިފަދަ ކޮންމެ ހާދިސާއެއް ވެސް ރިވިއު ކުރާ ފަދައިން ކަމަށް ފުލުހުން ބުންޏެވެ.

ހުކުރު ދުވަހު އެ ފްލެޓް ކައިރިއަށް ގިނަ އަދަދެއްގެ ބަޔަކު އެއްވެ، ފުލުހުންނާ ދެމެދު ހިނގި ކުރިމަތިލުންތަކުގައި އާންމު ރައްޔިތުންނަށާއި ފުލުހުންނަށް ވެސް އެކިވަރުގެ އަނިޔާ ވަނީ ލިބިފަ އެވެ.

އަދި އެ ހަމަނުޖެހުންތަކުގައި 27 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެވެ. އޭގެތެރޭގައި އަންހެނަކާއި 26 ފިރިހެނުން ހިމެނޭ އިރު ފިރިހެނުންގެ ތެރޭގައި 18 އަހަރު ނުފުރޭ ތިން ކުދިން ވެސް ހިމެނެ އެވެ.

ތިން ކުދިން، އެކުދިންގެ އާއިލާއާ ހަމަ އެ ރޭ ހަވާލުކޮށްފައި ވާއިރު، ހަތަރު ފިރިހެނުންނާއި ހައްޔަރުކުރި އަންހެން މީހާ، ހަމަނުޖެހުންތަކާ ގުޅުމެއް ނެތުމުން ދޫކޮށްލައިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

comment ކޮމެންޓް