ޕޯލް ވޯކާގެ ކާރު ކަލެކްޝަން ދެ މިލިއަން ޑޮލަރަށް!

ކާރު އެކްސިޑެންޓެެއްގައި މަރުވި މަޝްހޫރު އެކްޓަރު ޕޯލް ވޯކާގެ ކާރު ކަލެކްޝަން 2.3 މިލިއަން ޑޮލަރަށް ވިއްކާލައިފި އެވެ.

ރޭސް ޖެހުމަށް ލޯބިކުރި ޕޯލް ވޯކާގެ ނަމުގައި ހުރި 21 ކާރެއް ވިއްކާލީ ނީލަން ކިޔައިގެންނެވެ. އެ ނީލަން ކުރިއަށް ގޮސްފައިވަނީ މިދިޔަ ހަފްތާ އަންގާރަ ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށެވެ.

އެ ކާރުތައް ގަތީ އެމެރިކާގެ ކުންފުންޏެއް ކަމަށްވާ ބެރެޓް ޖެކްސަނުންނެވެ.

އެކުންފުނީގެ ޗެއާމަން އަދި ސީއީއޯ ކްރޭގް ޖެކްސަން ވިދާޅުވީ ޕޯލް ވޯކާއަކީ ފަހުގެ ތާރީހުގެ ސްޓީވީ މެކުއީން ކަމަށެވެ. އޭނާގެ ކާރުތަކަކީ ވަރަށް މުހިއްމު ކާރުތަކެއް ކަމަށް ސިފަކުރައްވަ ޖެކްސަން ވިދާޅުވީ އެ ކާރުތައް ރައްކާތެރިކުރުމަށް މަސައްކަތްކުރައްވާނެ ކަމަށެވެ.

ޕޯލްގެ ކާރު ކަލެކްޝަނުން އެންމެ އަގުބޮޑުކޮށް ވިކިފައިވަނީ 1995ގެ އީ36 ކާރަކަށެވެ. އެ ކާރު ވިކުނީ 385،000 ޑޮލަރަށެވެ.

ނީލަމުގައި ވިއްކާލި އިތުރު ކާރުތަކުގެ ތެރޭގައި ނިސާން 370ޒީ އާއި ބީއެމްޑަަބްލިއު އެމް3 ލައިޓްވެއިޓް އެޑިޝަންގެ ކާރު ހިމެނެއެވެ.

ފާސްޓް އެންޑް ފިއުރިއަސް ފްރެންޗައިޒް އިން ގިނަ ބައެއްގެ މެދުގައި ލޯބި ހޯދި ޕޯލް ވޯކާ މަރުވެފައިވަނީ 2013 ވަނަ އަހަރުގައި ކާރު އެކްސިޑެންޓެއްގައެވެ.

comment ކޮމެންޓް