ހުޝީ ކަޕޫރު ވެސް ބޮލީވުޑަށް

ޖާންވީ ކަޕޫރު އޭނާގެ ކޮއްކޮ ހުޝީ ކަޕޫރާ އެކު---

ޖާންވީ ކަޕޫރުގެ ކޮއްކޮ ހުޝީ ކަޕޫރު ވެސް ބޮލީވުޑަށް ނުކުތުމަށް ތައްޔާރުކަމަށް ހަބަރުތައް ބުނެފިއެވެ.

ސްރީދޭވީ އާއި ބޯނީ ކަޕޫރުގެ ދަރިފުޅު ހުޝީ ކަޕޫރު އަވަސް މުސްތަގުބަލެއްގައި ބޮލީވުޑްގެ ފިލްމުތަކުން ފެންނަން ފަށާނެ ކަމަށް ޖާންވީ ކަޕޫރު ބުންޏެވެ. ފިލްމީ ދާއިރާ އަށް ނުކުތުމުގެ ކުރިން ޖާންވީ ވަނީ ހުޝީ އަށް ނަސޭހަތެއް ދީފައެވެ. އޭނާ ބުނީ ފިލްމީދާއިރާއަށް ނުކުތުމަށްފަހު މި ދާއިރާއިން ނުގެއްލި ސާބިތުކަން މަތީ ހުންނަން ވާނެ ކަމަށާއި އަބަދުވެސް ފޯކަސްކޮށް ހުރުން ކަމަށެވެ.

މިވަގުތު ހުޝީ އަންނަންނީ އެކްޓީންގެ ރޮނގުން ކިޔަވަމުންނެވެ.

ހުޝީ ބޮލީވުޑަށް ނުކުތުމަށް ތައްޔާރުވަމުން އަންނައިރު ޖާންވީ ކަޕޫރު އަންނަނީ މިހާރު ބޮލީވުޑްގައި ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ގިނަ އަދަދެއްގެ ފިލްމުތަކެއް އޭނާ އަށް ލިބެމުން އަންނައިރު ބެލެވޭ ގޮތުގައި ޖާންވީ ފިލްމީ ދާއިރާއިން ވަރަށް ކުރިއަށް ދާނެއެވެ.

އޭނާ ބޮލީވުޑަށް ނުކުތީ ޝާހިދު ކަޕޫރުގެ ކޮއްކޮ އިޝާން ކައްތުރާ އާއެކު ކަރަން ޖޯހަރުގެ "ދަޅަކް" އިންނެވެ.

ޖާންވީގެ ކުރިއަށް ހުރި ފިލްމުތައް ބަލާއިރު "ގުންޖަން ސަކްސޭނާ: ދަ ކާގިލް ގާލް"،"ރޫހީ އަފްޒާނާ"، "ދޯސްތާނާ 2" އަދި ކަރަން ޖޯހަރްގެ ޑްރީމް ޕްރޮޖެކްޓް "ތަޚުތު" ހިމެނެ އެވެ.

comment ކޮމެންޓް