މި ފޮޓޯއިން ޖިންސީ ގޯނާގެ ނުދައްކާ ވާހަކަތައް ގޯނިން ބޭރަށް!

ޖިންސީ ގޯނާއަށް ހޭލުންތެރިކަން އިތުުރުކުރަން ނައުޝަމް ތައްޔާރުކުރި ފޮޓޯ--- ފޮޓޯ: ނައުޝަމް

ބާރުގަދަ ފޮޓޯތަކުގެ ވާހަކަ އަބަދުވެސް އިވެ އެވެ. އެފަދަ ފޮޓޯތަކުން ކިޔައިދޭ ވާހަކަޔާ މަންޒަރާއި އަޑުގެ ނުފޫޒު ވަރަށް ގަދަ އެވެ. ބާރުގަދަ ފޮޓޯތަކުން ދުނިޔެ ހޭލައްވާލާފައިވެ އެވެ.

ދެ އަހަރުގެ ތުއްތު ކުއްޖަކަށް ޖިންސީ ގޯނާކުރި އަނިޔާވެރި ހާދިސާއިން މުޅިގައުމު ކައްކާލި ދަނޑިވަޅުގައި ފޮޓޯ ޖާނަލިސްޓަކަށްވުމުގެ އުއްމީދުގައި ހުރި ނައުޝަމް ވަހީދު ސޯޝަލް މީޑިއާއަށް ދޫކޮށްލި މަތީގައިވާ ފޮޓޯއިން އެކި މީހުންގެ ޖަޒުބާތުތައް ބަންޑުންވި އެވެ. ފޮރުވާފައިވާ އެތައް ވާހަކައެއް އެ މީހުން ނައުޝަމްއަށް ކިޔައިދިނެވެ.

އަބަދުވެސް މުޖުތަމައުގައި ހިނގާކަންކަމަށް ހޭލުންތެރިކަން އިތުރުކުރަން ފޮޓޯތައް ތައްޔާރުކޮށް އޭނާގެ ސޯޝަލް މީޑިއާގައި ހިއްސާކުރެ އެވެ. އާދައިގެ މަތިން މިފަހަރުވެސް ގައުމުގެ މިހާރުގެ ހާލަތާ ގުޅޭގޮތުން އަސަރުގަދަ ފޮޓޯއެއް އޭނާ ދޫކޮށްލީ މީހުންގެ ހިތުގައި އޮބަހައްޓާފައި ހުރި ވާހަކަތައް ކިޔައިދޭނެ ކަމަށް ބަލައިގެނެއް ނޫނެވެ.

ޖިންސީ ގޯނާއަށް ހޭލުންތެރިކަން އިތުުރުކުރަން ނައުޝަމް ފޮޓޯ ނެގުމުގައި ހަރަކާތްތެރިވަނީ--- ފޮޓޯ: ނައުޝަމް

ޖިންސީ ޝިކާރައަކަށްވުމަކީ ކިހާ ވޭންހުރި ކަމެއްކަން ނައުޝަމްގެ ފޮޓޯއިން ކިތަންމެ ރަނގަޅަކަށްވެސް ކިޔައިދީފި އެވެ. ޓެޑީބެއާއެއް ހިފައިގެން އުފާއުފަލުން ކުޅެން ހުރި ކުޑަކުއްޖާގެ ދުނިޔެ ބަނަކޮށްލީ، ރަހުމަތްނެއް އިންސާނެއްގެ ވަކިތަކުގެ ދަށުވެގެންނެވެ. ގަދަކަމުން ކުޑަކުއްޖާގެ އިއްފަތް ފޭރުނުއިރު ކުއްޖާގެ އަތުން ފޭދިގެން ލިޔައީ ލެޔެވެ. މިއީ އެތައް ބައެއްގެ ހިތަށް އަސަރު ކުރި އެ ފޮޓޯއިން ކިޔައިދިން ވާހަކަ އެވެ.

"ޓެޑީބެއާ ފޮޓޯގައި ބޭނުންކުރީ ކުއްޖާގެ މާހައުލު ދައްކައިދޭން. އޭނާއަކީ ކުޑަކުއްޖެއް ކަަމާއި މިއީކަން ކުޑަކުދިން ދުނިޔެއަކީ. އެއީ އަމާން ދުނިޔެއެއްކަން. ނަމަވެސް އެ އަމާންކަން ނަގާލާފަ އޮތްތަން އެ ފޮޓޯއިން ފެނުނީ. ކުއްޖާގެ އަތުގަ އެހުރީ ލޭ. ލޭކުލަ ބޭނުންކުރީ އެކުއްޖާއަށް އަނިޔާ ލިބެނީ ފުރަތަމަ ފަހަރަށް ނޫންކަން ދައްކަން ވެގެން،" ނައުޝަމް "ސަން" އާ ވާހަކަދައްކަމުން ބުންޏެވެ.

ޖެނުއަރީ 17، 2020: ކަނޑުހުޅުދޫގައި ދެ އަހަރު ނުވާ ތުއްތު އަންހެން ކުއްޖަކު ޖިންސީ އަނިޔާ ދީ ރޭޕް ކުރި މައްސަލައިގައި މާލޭގައި ކުރި އިހުތިޖާޖްގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ފޮޓޯ ސޯޝަލް މީޑިއާގައި ހިއްސާކުރިތާ ވީ ބަޑިގަޑިއިރެވެ. ފުރަތަމަ އިންސްޓަގްރާމްއަށް "ޑީއެމް"ތައް ފުނިޖެހެން ފެށިއިރު ހަމަ ފޭސްބުކްއިންވެސް އޭރު މެސެޖުތައް ދިޔައީ އަންނަމުންނެވެ. އޭގައި ހުރީ، މުޅިން ވެސް ނުދައްކާ ހުރި ޖިންސީ ފުރައްސާރައިގެ ވާހަކަތައް ކިޔައިދީފަ އެވެ.

ނައުޝަމް އެ ވާހަކަތައް ކޮންމެވެސް ވަރަކަށް ޝޯޝަލް މީޑިއާގައި ހިއްސާ ކުރި އެވެ. ވާހަކަތަކުގެ ކުރި ފެޅީ އެހިސާބުންނެވެ. އެހާ ހިސާބުން ޖިންސީ ޝިކާރައަށް ވީ މީހުންގެ ދިގު މެސެޖްތަކުން ނައުޝަމްގެ އިންބޮކްސް ފުރާލި އެވެ. އެފަދަ ސަތޭކައަށް ވުރެ ގިނަ މެސެޖު ލިބުނުކަމަށް ނައުޝަމް ބުންޏެވެ.

"ޖިންސީ ގޯނާ ލިބުނު މީހުން ބުނީ އެ ވާހަކަތައް މީގެ ކުރިން ކިޔައިދިނީ އެންމެ ގާތް މީހުންނަށް ކަމަށް. ގިނަ މީހުން ކުރިން އެ ވާހަކަތައް ދައްކަން އެހާ ހިތްހަަނުޖެހޭކަމަށް ބުނި. މުޅިންހެން އަހަރެން ނުވެސް ދަންނަ ދުވަހަކު ނުވެސް ދެކޭ މީހުން އެވާހަކަތައް ހިއްސާކުރީ" ނައުޝަމް ބުންޏެވެ.

ނައުޝަމް ހިއްސާކުރި ފޮޓޯ ވައިރަލްވިއިރު އެންމެ 24 ގަޑިއިރު ތެރޭ ފޭސްބުކް މެދުވެރިކޮށް 70،000 މީހުންނަށް "ރީޗް" ވިއިރު އިންސްޓަގްރާމްމެދުވެރިކޮށް އޭނާގެ ފޮޓޯ 13،000 އަށްވުރެ ގިނަ މީހުން ބެލި އެވެ.

އޭގެ ތެރެއިން ބައެއް މީހުން ހިއްސާ ކުރި ވާހަކަތަކުގެ ސްކްރީންޝޮޓްތައް އެމީހުންގެ ނަން ނުފެންނާނެގޮތަށް ނައުޝަމް ވަނީ ހިއްސާވެސްކޮށްފަ އެވެ. ނައުޝަމް ބުނީ އެ ސްކްރީން ޝޮޓްތައް ހިއްސާކުރީ އެ މެސެޖުތައް ފޮނުވި މީހުންގެ ހުއްދަ ހޯދާފައި ކަމަށެވެ. ނަަމަވެސް ބައެއް މީހުން އެމީހުންގެ މެެސެޖުތަކުގެ ސްކްރީންޝޮޓްތައް ސޯޝަލް މީޑިއާގައި ހިއްސާކުރަން ބޭނުންނުވާތީ އެކަމެއް އޭނާ ނުކޮށް އެވާހަކަތައް ހުރީ ފޮރުވައިފަ އެވެ.

ނައުޝަމްގެ އަސަރު ގަދަ ފޮޓޯގެ ޖަޒުބާތުގައި ޖެހިގެން ސިއްރުތައް ބޭރުކޮށްލީ ހަމައެކަނި އަންހެނުންނެއް ނޫނެވެ. ދެ ފިރިހެނުންވެސް އެ މީހުން ޖިންސީ ގޯނާގެ ޝިކާރައަކަށް ވިގޮތް ޖެހިލުމެއް ނެތި ހިއްސާކުރި އެވެ. ނަމަވެސް ދެން މުޅިހެން އެފަދަ ވާހަކަތައް ހިއްސާކުރީ ފުރާވަރުގެ އަންހެން ކުދިންނާ އަންހެނުންނެވެ. އަންހެނުންނޭ ބުންޏަސް އެއީ ނައުޝަމް ބުނާނަމަ ދަރިން ލިބި ޒަވާޖީ ހަޔާތެއްގައި އުޅޭ މީހުންނެވެ. ކުޑައިރު ކުރިމަތިވި ޖިންސީ ގޯނާގެ ހިތި ތަޖުރިބާގެ ސިއްރުތަކުގެ ބައިވެރިއަކަށް ނައުޝަމް ވީ އޭނާއަށް ދޫކޮށްލެވުނު ފޮޓޯއިންނެވެ.

ނައުޝަމްގެ ފޮޓޯއާ ގުޅިގެން ލިބުނު މެސެޖުތަކުން ފާހަގަވި އިތުރުކަމެއް އަދިވެސް އެބައޮތެވެ. އެތަކެއް ޒަމާންތަކެއްވީ ޖިންސީ ގޯނާ ކުރުމުގައި ޝާމިލްވާ މީހުންގެ ވަނަވަރަކަށް ބަދަލެއް ނާދެ އެވެ. ދޮން ބައްޕަ، ބޮޑުބޭބެ ޓީޗަރެއްގެ ނަން އަބަދުވެސް ޖިންސީ ގޯނާކުރާ މީހުންގެ ލިސްޓުގައި ހިމެނޭކަން އެންމެނަށް އެނގެ އެވެ.

ކުޑަކުއްޖާއަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވޭ، އަދި ޖިންސީ ފުރައްސާރަ ކުރުމުގެ ކުށުގެ ރިކޯޑު އޮންނަ އެ ކުއްޖާގެ މުނިކާފަ-- ފޮޓޯ/ކިޔުންތެރިއެއް

" އާންމުކޮށް ޖިންސީ ގޯނާކުރިކަމަށް ބުނި ގުރުއާން ޓީޗަރުންނާ، ބޮޑުބޭބެއާ ކާފަމެން" ނައުޝަމް ބުންޏެވެ.

އެ ވާހަކަތަކުގައި ބުރަދަން އެބަހުއްޓެވެެ. ދެކުނުގެ ރަށެއްގައި ދެ އަހަރުނުވާ ތުއްތުކުއްޖާ ރޭޕްކުރުގެ ތުހުމަތުވަނީ ވެސް އެކުއްޖާގެ ކާފައަށެެވެ. އޭނާއަކީ މުދިމެއްވެސްމެ އެވެ. މީގެ ކުރިން އެހެން މުދިމުންވެސް ކުޑަކުދިންނަށް ގުރުއާން ކިޔަވައިދިނުން ފަދަ ކަންކަމުގައި އުޅުނުއިރު ޖިންސީ ގޯނާކުރި މައްސަލަތައް ފުލުހުން ބަލާފައިވެ އެވެ.

ފޮޓޯތަކުން ދޭން ބޭނުންވި މެސެޖު ގިނަބަޔަކަށް ލިބުނަސް ނައުޝަމް ކަންބޮޑުވާކަމެއް އެބައޮތެވެ. ޖިންސީ ގޯނާގެ ޝިކާރައަކަށްވީ ގިނަ މީހުން އެމީހުންގެ ސިއްރުތައް މިއަދު ހިއްސާކުރިޔަސް އަދިވެސް ގިނަ މީހުން އެމީހުންގެ އާއިލާގެ ޝަރަފާ އިއްޒަތަށް ހުތުރު އަރާނެކަމަށް ބަލައި އެކަން އަބަދުވެސް ސިއްރުކުރެ އެވެ. ސިއްރުކޮށްގެން އެކަމަށް ފިޔަވަޅު ނޭޅޭނަމަ އަދިވެސް ދިވެހި މުޖުތަމައު ކުރިއެކޭ އެއްގޮތަށް އެކަން އޮވެދާނެތީ ނައުޝަމް ބިރުގަނެއެވެ.

ޖެނުއަރީ 17، 2020: ކަނޑުހުޅުދޫގައި ދެ އަހަރު ނުވާ ތުއްތު އަންހެން ކުއްޖަކު ޖިންސީ އަނިޔާ ދީ ރޭޕް ކުރި މައްސަލައިގައި މާލޭގައި ކުރި އިހުތިޖާޖްގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ނައުޝަމްއަކީ މިހާރު ޖިންސީގޯނާގެ ޝިކާރައަކަށް އެތަކެއް ސަތޭކަ ދިވެހިންގެ ސިއްރުތަކުގެ ބައިވެރިޔާ އެވެ. އެމީހުން އޭނާއަށް އެހާބޮޑު އިތުބާރެއް ކުރީ ކީއްވެކަމެއް ހުދު އޭނާއަކަށްވެސް ނޭނގެ އެވެ. އޭގެ ސިއްރަކީ ހަމަ އޭނާގެ ފޮޓޯއެެވެ. އެ ފޮޓޯ ހަމަ ބާރުގަދައީ އެވެ.

" އެމީހުން ހަމައެކަނި ބުނީ އެ ފޮޓޯ ބަލާފައި ޖެހުނު ޖަޒުބާތާއެކު އެ ވާހަކަތައް ކިޔައި ނުދީ ނުހުރެވުނީކަމަށް" ނައުޝަމް ބުންޏެވެ.

comment ކޮމެންޓް