އިއުތިރާފްވީ އިހުމާލަށް، ޒިންމާ ނަގަން ބޭނުމެއް ނޫން!

ޖެނުއަރީ 17، 2020: ކަނޑުހުޅުދޫގައި ދެ އަހަރު ނުވާ ތުއްތު އަންހެން ކުއްޖަކު ޖިންސީ އަނިޔާ ދީ ރޭޕް ކުރި މައްސަލައިގައި މާލޭގައި ކުރި އިހުތިޖާޖްގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އުމުރުން އެންމެ އެއް އަހަރާއި ނުވަ މަހުގެ ކުއްޖަކަށް އޭނާގެ ބައްޕަ ފަރާތުގެ ކާފަ އާއި މުނި ކާފަ އަދި ބައްޕަ ވެސް ބައިވެރިވެގެން ޖިންސީ ގޯނާކޮށް، އެކުއްޖާ "ރޭޕް" ކޮށްލި ކަމަށް ތުހުމަތުވާ މައްސަލައަކީ އާދައިގެ ކަމެއް ނޫނެވެ. އެކަމުން ބުނެދެނީ، ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތައް ރާއްޖޭގައި ހައްދުން ނައްޓައިގެން ގޮސް، އިމުން ބޭރުވެފައިވާ ކަމެވެ. ޔަގީންވާ ކަމަކީ، ކުޑަކުދިން ރައްކާތެރި ކުރުމަށް، ހަރުދަނާ ފިޔަވަޅުތައް އެޅުމުގައި މުއައްސަސާތައް ފެއިލްވެއްޖެ ކަމެވެ.

އެ މައްސަލަ ފަޅާއެރުމުން މުޅި ރާއްޖެ އެއް އަޑަކުން ތެދުވީ އެ ވާހަކަތައް ދައްކަމުންނެވެ. އެކަމަކު އެއްވެސް ބަޔަކު އެ މީހުންގެ ކުށް ގަބޫލު ކުރަން ބޭނުމެއް ނޫނެވެ. އިހުމާލުގެ ވާހަކަތައް ދައްކަމުން އެންމެން ވެސް ބުނީ؛ އެ މައުސޫމް ކުއްޖާއަށް އެ ހާލަތު އައީ، ތިމަންނާމެން ކުރި ކަމަކުން ނޫން ކަމަށެވެ. މިދިޔަ ދެތިން ދުވަހުގެ ތެރޭގައި މުޅިން ވެސް އޮތީ، އެއް ބަޔަކު އަނެއް ބަޔަކަށް ތުހުމަތުގެ އިނގިލި ދިއްކޮށް ޒިންމާއިން ރެކޭވޭނޭ ބަހަނާތައް ދެއްކުމެވެ.

ޖެނުއަރީ 17، 2020: ކަނޑުހުޅުދޫގައި ދެ އަހަރު ނުވާ ތުއްތު އަންހެން ކުއްޖަކު ޖިންސީ އަނިޔާ ދީ ރޭޕް ކުރި މައްސަލައިގައި މާލޭގައި ކުރި އިހުތިޖާޖްގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އިއްޔެ ފުލުހުންނާއި ޖެންޑާ މިނިސްޓްރީއިން ފުރަތަމަ ފަހަރަށް މައްސަލައިގައި މީޑިއާޔާ ބައްދަލުކޮށް، އާންމުންނަށް ވިސްނައިދޭން މަސައްކަތް ކުރީ މުއައްސަސާތަކުން ފުރިހަމަ ޒިންމާ އަދާކުރި ކަމާއި އެ މީހުންގެ އެއްވެސް މައްސަލައެއް ނެތް ކަމެވެ. މިހާތަނަށް އެ ކޭސްގައި އެ މީހުން އެޅި ކޮންމެ ފިޔަވަޅެއް ޖަސްޓިފައި ކޮށްދޭން މަސައްކަތް ކުރި އެވެ. އެކަމަކު އެ ހުރިހާ ވާހަކައެއްގެ ހުލާސާ އަކީ ކޮންމެ މުއައްސަސާއެއް އިހުމާލަށް އިއުތިރާފް ވުމެވެ. އެ ތުއްތު ކުއްޖާ ބިރުވެރިކަމާއި ނުރައްކަލުން ނެރެ ރައްކާތެރިކަން ހޯދައިދޭން މުއައްސަސާތައް ފަހަތު ފަޔަށް ބުރަވި މިންވަރެވެ.

ފުލުހުން ވެސް ޖެންޑާއިން ވެސް ބުނީ، މައްސަލަ ހުށަހެޅުނުތާ ދެގަޑިއިރު ތެރޭގައި ކުއްޖާ ރައްކާތެރި މާހައުލަކަށް ގެނެވުނު ކަމަށެވެ. އެކަމަކު އޭރު އޮތީ ކުއްޖާއަށް ލިބެންވާ އަނިޔާއެއް ލިބި، އޭނާގެ މުސްތަގުބަލު އުމުރަށް ބަނަވެފަ އެވެ. އެކަމަކު މުއައްސަސާތަކުން ހަރަކާތްތެރިވާން ޖެހެނީ ކަމެއް ވީމާ ހެއްޔެވެ؟ އެ މީހުންގެ އަމިއްލަ ޒިންމާއިން ކަންކަން ބަލައި ފިޔަވަޅު އެޅުމަކީ އެ މީހުންގެ ގާނޫނީ ޒިންމާއެއް ނޫން ހެއްޔެވެ؟

ޖެނުއަރީ 18، 2020: ޖިންސީ އަނިޔާ ދިން ކުޑަ ކުއްޖެ މައްސަލައިގައި ފުލުހުންނާއި ޖެންޑާ މިނިސްޓްރީގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކުއްޖާ ދިރިއުޅުނީ ކުށުގެ ވެށީގައި، ޖެންޑާއިން އެކަން ނުބަލާ!

މި މައްސަލައިގެ ކުރިތައް އެންމެ ފުރަތަމަ ފެޅީ، ކުއްޖާގެ މަންމަ މަސްތުވާތަކެއްޗަށް އޯވަޑޯޒްވެގެން މާލެއަށް ގެނައި ހިސާބުން ކުއްޖާގެ ދެފަރާތުގެ އާއިލާގެ މެދުގައި ހިނގި ބެލެނިވެރިކަމުގެ ދެބަސްވުމެއްގަ އެވެ.

އިއްޔެގެ ޕްރެސްގައި ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް ވިދާޅުވި ގޮތުގައި، އެ ކުއްޖާއަށް އަނިޔާލިބުމުގެ މައްސަލަ ހުށަހެޅުމުގެ ކުރިން އެ ކުއްޖާގެ މަންމަ އޯވަޑޯޒްވެގެން ހޮސްޕިޓަލްގައި އެޑްމިޓްކުރި ހިސާބުން ޖެންޑާގެ އޮފިޝަލުން އެ ރަށަށް ގޮސް އެ މައްސަލަ ބެލި އެވެ. އެކަމަކު، ތުއްތު ކުއްޖާގެ މައިންބަފައިން އުޅެނީ އެކުގައި ކަމަށް ވުމުން، ތުއްތު ކުއްޖާ ބައްޕަގެ ބެލުމުގެ ދަށުގައި ބެހެއްޓުން ރަނގަޅު ކަމަށް ނިންމީ އެވެ.

އެކަމަކު ސުވާލަކީ، ތުއްތު ކުއްޖާގެ މަންމަ އެ ހާލަތަށް ދިޔުމުން، ކުއްޖާއަށް ނުރައްކާ އޮތް މިންވަރާ މެދު ޖެންޑާއިން ރިސްކް އެސެސްމަންޓެއް ނުހެދީ ކީއްވެ ހެއްޔެވެ؟ އެ ކުއްޖާގެ ބައްޕަވެސް މަސްތުވާތަކެތި ބޭނުން ކުރާ ކަމުގެ ތުހުމަތުތައް އޮތް އިރު އެ ކުއްޖާ ބައްޕަގެ ބެލުމުގައި ދަށުގައި ކުއްޖާ ބެހެއްޓުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ޖެންޑާއިން ނިންމީ ކޮން އަސާސެއްގެ މައްޗަށް ބިނާކޮށްގެން ހެއްޔެވެ؟ އަދި އެ ކުއްޖާ ދިރިއުޅެމުން ދާ ގޭގައި، ޖިންސީ ފުރައްސާރައިގެ ތުހުމަތު އޮތް މީހަކު ހުރިއިރު އެކަމަށް އެ ދުވަހު ރިއާޔަތް ނުކުރީ ކީއްވެ ހެއްޔެވެ؟

ދެ އަހަރު ނުފުރޭ ކުއްޖެއްގެ މަންމައެއް މަސްތުވާތަކެއްޗަށް އޯވަޑޯޒް ވާ ހިސާބަށް ދާނީ ލައްކަ ބައިވަރު މައްސަލަތަކެއް ކުއްޖާ ދިރިއުޅޭ މާހައުލުގައި ހުރުމުން ކަމަށް ޖެންޑާގެ އޮފިޝަލުންގެ ވިސްނުމަކަށް ހަމަ އެއްގޮތަކަށް ވެސްނަ އެވެ.

އޯވަޑޯޒްވެގެން މަންމަ މާލެއަށް ގެނައިއިރު، ކުއްޖާ ދިރިއުޅެމުން ދިޔައީ މަސްތުވާތަކެތީގެ ވަބައިގައި ޖެހިފައި ހުރި އެކުއްޖާގެ ބައްޕައާއި ޖިންސީ ގޯނާ ކުރާ ކަމަށް ރަށު ތެރޭގައި އަޑުފެތުރިފައިވާ އެކުއްޖާ ކާފައާއި އެފަދަ މައްސަލައެއްގެ ދައުވާ މިހާރު ވެސް އެމީހެއްގެ މައްޗަށް އުފުލައި ޝަރުއީ މަރުހަލާގައި މައްސަލަ ކުރިއަށްދާ މުނިކާފައާ އެއް ފުރާޅެއްގެ ދަށުގަ އެވެ. ހުސް ފިރިހެނުންނާއެކުގަ އެވެ.

ކުޑަކުއްޖާއަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވޭ، އަދި ޖިންސީ ފުރައްސާރަ ކުރުމުގެ ކުށުގެ ރިކޯޑު އޮންނަ އެ ކުއްޖާގެ މުނިކާފަ-- ފޮޓޯ/ކިޔުންތެރިއެއް

ކުއްޖާގެ މުނިކާފަގެ މައްޗަށް 2018 ވަނަ އަހަރު ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ މައްސަލައެއްގައި ތުހުމަތުވެ، ޝަރީއަތް މިހާރު ވެސް ހިނގަމުން ދާއިރު އެކަން ވެސް ޖެންޑާއަށް އެނގޭ ކަމަކަށް ނުވި އެވެ.

ކުޑަކުއްޖަކު ނުރައްކަލަށް ހުށަހެޅިފައި ހުރިކަން ޖެންޑާއަށް ރެއަކާލީ ތުއްތު ކުއްޖާގެ އާއިލާއިން ޖެންޑާއަށް ގުޅައި މި މަހުގެ 15 ވަނަ ދުވަހު ޝަކުވާ ކުރީމަ އެވެ. އޭގެ ކުރިން ޖެންޑާއިން ނިންމައިގެން ތިބީ ކުއްޖާ ހުރީ ރައްކާތެރި މާހައުލެއްގައި ކަމަށެވެ.

މި މައްސަލަ ފުލުހުންނާއި ޖެންޑާއާ ގުޅިގެން ތަހުގީގު ކުރަމުންދާއިރު، ކުރިން ދިމާވި މައްސަލަ ޖެންޑާއަށް އެނގޭ ކަމަކަށް ނުވެ އެވެ. މިނިސްޓަރު ޝިދާތާ ވިދާޅުވަނީ، ކުއްޖާގެ އާއިލާގެ އެއްވެސް މީހެއްގެ އެފަދަ އެއްވެސް ރިކޯޑެއް އޮތް ކަމުގެ މައުލޫމާތު އެ މިނިސްޓްރީއަށް ލިބިފައިނުވާ ކަމަށެވެ. އެއް މައްސަލައިގެ މައުލޫމާތު ލިބި، އަނެއް މައްސަލައިގެ މައުލޫމާތު ޖެންޑާއަށް ނޭނގުމަކީ ނިޒާމުގެ މައްސަލަ އެކެވެ. ނޫނީ ގަސްތުގައި ނޭނގޭ ކަމަށް ހެދީ އެވެ.

ޖެނުއަރީ 18، 2020: ޖިންސީ އަނިޔާ ދިން ކުޑަ ކުއްޖެ މައްސަލައިގައި ފުލުހުންނާއި ޖެންޑާ މިނިސްޓްރީގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މި ހާދިސާ ހިނގައިދިޔަ ރަށުން "ސަން"އާ ވާހަކަ ދެއްކި މީހަކު ބުނީ އުމުރުން 82 އަހަރުގެ އެ ކުއްޖާގެ މުނިކާފައާ ގުޅޭގޮތުން ކުރިން ހުށަހަޅާފައިވާ މައްސަލަ ފުލުހުންނަށް ހުށަހަޅައި، ފުލުހުން މެދުވެރިކޮށް ޖެންޑާ މިނިސްޓްރީއަށް ވެސް އެންގި ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

މި މައްސަލައާއި ގުޅިގެން ރޭ ބޭއްވި ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީގެ ބައްދަލުވުމުގައި ވެސް މިނިސްޓަރު ޝިދާތާއަށާއި ފުލުހުންނަށް އަމާޒުކުރި އެއް ސުވާލަކީ ރިސްކް އެސެސްމަންޓް ހެދިފައިވޭތޯ އެވެ.

ޖަވާބު އައީ ވަރަށް ވެސް ނުސީދާކޮށެވެ. ރިސްކް އެސެސްމަންޓްގެ މާނަ ވެސް އެއިން ބޭފުޅަކަށް އެނގިވަޑައިނުގަންނަވާ ފަދަ އެވެ. ހަމަ އެ ސުވާލު ކޮށްލާއިރަށް ޖެނުއަރީ 15 ވަނަ ދުވަހު މި މައްސަލަ ހުށަހެޅުނު ހިސާބުން ފެށިގެން ކުރި ކަންތައް ފަރިތަކަމާ އެކު ވިދާޅުވި އެވެ.

ރައްދުގައި ކޮމިޓީގެ މުގައްރިރު ވެސް ވިދާޅުވީ ޖެނުއަރީ 15 ގައި މައްސަލަ ހުށަހެޅުމުން ކަން ހިނގައިދިޔަ ގޮތް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާ ކަމަށާއި އެ ވާހަކަތައް އިތުރަށް އަޑުއައްސަވަން ބޭނުން ނުވާ ކަމަށެވެ. އަދި މި މައްސަލައިގައި ތުހުމަތު ކުރެވޭ މީހުންގެ ކުރީގެ މައްސަލަތައް ދައުލަތުގެ ލިޔެކިޔުންތަކުން ފެންނަން ހުރި ކަމަށާއި، އެ މައުލޫމާތު ފުލުހުންނާއި ޖެންޑާއަށް ލިބިފައި ނުވޭތޯ ސުވާލު އުފެއްދެވި އެވެ.

އުމުރަށް ބަލާފައި ކުށްވެރިއަކު ދޫކޮށްލީ، ޝަރީއަތް ދިގުލައިގެން!

މި މައްސަލައިގައި ތުހުމަތު ކުރެވޭ ކުއްޖާގެ މުނިކާފަ، 2018 ވަނަ އަހަރު ކުޑަކުއްޖަކަށް ޖިންސީ ފުރައްސާރަކުރި ކަމުގެ މައްސަލައެއްގެ ޝަރީއަތް މިހާރު ވެސް ދަނީ ހިނގަމުން އެވެ. ނަމަވެސް ތުއްތު ކުއްޖާގެ 'ރޭޕް"ގެ މައްސަލަ ފެންމަތިވަންދެން ވެސް އޭނާ ހުރީ މުޖުތަމައަށް ދޫކޮށްލާފަ އެވެ. މިކަމާ ގުޅޭގޮތުން ސުވާލު ކުރުމުން ފުލުހުން ބުނީ އެއީ މައްސަލައިގައި ހިމެނޭ ކަންތައްތަކަށާއި އެމީހާގެ އުމުރަށް ބެލުމަށްފަހު 2018 ގައި ފުލުހުން ނިންމި ނިންމުމެއް ކަމަށެވެ. އަދި އޭރު އޭނާ އަކީ ހައްޔަރުގައި ބަހައްޓަން ޖެހޭ މީހެއް ކަމުގައި ފުލުހުންނަށް ނުފެނުނު ކަމަށް ފުލުހުން އިއްޔެ ހާމަކުރި އެވެ.

https://sun.mv/130355

އެކަމަކު މީހެއްގެ އުމުރެއް ބަލައި ކުށްވެރިއަކު ދޫކޮށްލަނީ ކޮން އުސޫލަކުން ހެއްޔެވެ؟ އަދި މުނިކާފަގެ މައްސަލަ ފުރަތަމަ ކުރިމަތިވި އިރަށް ވުރެ، މިހާރު އޭނާގެ އުމުރު މާ ދޮއްޓެވެ. ދެން އެހެންވީއިރު، އޭނާ މިހާރު ހައްޔަރު ކުރީ ކީއްވެ ހެއްޔެވެ؟ ފުލުހުން އެކަން ކުރީ އާންމުންގެ ރުޅިގަނޑު ފަޅައިގެން ދިޔައިމާ ހެއްޔެވެ؟

ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން އަދި ބުނީ، މުނިކާފަގެ މައްޗަށް މީގެ ކުރިން ތުހުމަތުވާ މި މައްސަލައިގެ ތަހުގީގު ނިންމުމަށްފަހު ދައުވާ ކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވީ 2018 ވަނަ އަހަރުގެ މެއި މަހުގެ 31 ވަނަ ދުވަހުގައި ކަމަށެވެ. ޝަރީއަތުގެ އެއް އަޑުއެހުން 2019 ވަނަ އަހަރުގެ ޖޫން ހިސާބުގައި ބޭއްވި ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. ނަމަވެސް އެ މައްސަލައިގެ ޝަރީއަތުގެ އިތުރު އަޑުއެހުމެއް ބޭއްވި ކަމެއް އެނގިފައި ނުވި ނަމަވެސް، އެއީ އަދިވެސް ޝަރީއަތް ނުނިމޭ މައްސަލައެކެވެ. އެކަމަކު އެ މައްސަލަ އެހާ ދިގުލައިގެން ގޮސް، މުޖުތަމައަށް ނުރައްކާ އޮތް މީހަކު ދޫވެފައި އޮތުމުން ނިޒާމު މަސައްކަތް ކުރާކަމާ މެދު ސުވާލު އުފެދެ އެވެ.

ރަށު ރައްޔިތުންގެ އިހުމާލު އަދި މާ ބޮޑު!

މި މައްސަލައިގައި ތުހުމަތު ކުރެވޭ މީހުންނާ މެދު މީގެ ކުރިން ވެސް ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާކަމުގެ އަޑުތަކެއް ރަށު ތެރޭގައި އޮތީ ފެތުރިފަ އެވެ. ނަމަވެސް އަނގައިން ބުނާނެ މީހެއް އޭރަކު ނުވި އެވެ. އޭގެ ތެރެއިން، ތުހުމަތު ކުރެވޭ އެކަކަކީ މުދިމެކެވެ. އެހެންވެ، ބައެއް މީހުން އޭނާގެ ޝަކުވާ ކުރަން ބޭނުން ވެސް ނުވީ އެވެ.

ދެ އަހަރުގެ ކާފަ ދަރިފުޅު ރޭޕްކޮށްލި ކަމުގެ ތުހުމަތު ކުރާ، ކަނޑުހުޅުދޫ މިސްކިތުގެ މުދިމު އިބްރާހިމް ދީދީ

އެ ރަށުން ވާހަކަ ދެއްކި މީހާ ބުނީ އުމުރުން 62 އަހަރުވެފައިވާ އެ ކުއްޖާގެ ކާފައާއި ގުޅޭގޮތުން އެ ރަށު ތެރޭގައި މީގެ ކުރިން ވެސް ޖިންސީ ގޯނާކުރާ ކަމުގެ އަޑުތަކެއް ފެތުރުނު ކަމަށެވެ.

"އެމީހާއަކީ ރަށުގެ މުދިމަށް ވުމުން ރަށުގެ ޒިންމާދާރު ވެރިޔާ މާލެއަށް ކުރެއްވި ދަތުރެއްގައި މުދިމާ ގުޅޭގޮތުން ރަށުތެރޭގައި ފެތުރުނު އަޑުތަކާ ގުޅޭގޮތުން އިސްލާމިކް މިނިސްޓްރީއަށް ޝަކުވާ ވެސް ހުށަހެޅުއްވި. އެއީ ގާތްގަނޑަކަށް މީގެ ދެ ވަރަކަށް މަސް ކުރިން،" އެމީހާ ކިޔައިދިނެވެ.

މި މައްސަލައިގައި ހިމެނޭ ތިން މީހުންނަކީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ ބައެއް ކަމަށް ތުންތުންމަތިން އަބަދުވެސް ރަށު ތެރޭގައި ވާހަކަ ދެކެވޭ ކަމަށާއި ނަމަވެސް އެކަން ސާބިތު ނުކުރެވޭ ކަމަށް އެމީހާ ބުންޏެވެ. އެހެންވެ، ޔޯލަ ވާހަކައެއް މުއައްސަސާއަކަށް ރިޕޯޓް ކުރަން ރަށު މީހުން ޖެހިލުންވީ އެވެ. މިއީ އެ މީހުންގެ ބަހަނާ އެވެ.

އެކަމަކު، މިއީ ބަހަނާއަކަށް ފުދޭވަރުގެ ކަމެއް ނޫނެވެ. މައުސޫމް ތުއްތު ކުދިންތަކެއް ނުބައި ނުލަފާ ބައެއްގެ ވަކިތަކުގެ ދަށުވާ ކަމަށް ތުހުމަތުވާ ނަމަ، މުއައްސަސާތަކަށް ހުށަހަޅައިގެން އެކަން ކަށަވަރު ކުރަން ޖެހޭނެ އެވެ. އެ ނޫން ގޮތެއް އެކަމުގައި ނޯންނާނެ އެވެ. އެކަމަކު އެ މަރުހަލާއަށް ރަށު މީހުން ނުގޮސް، ބޮޑު ސިއްރެއްގެ ގޮތުގައި ބާއްވައިގެން ތިބީ އެވެ.

ކައުންސިލުގެ ޒިންމާވެސް ބޮޑު!

މި މައްސަލަ ދިރާސާ ކުރަން ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ރޭ ބޭއްވި ބައްދަލުމުގައި އޯޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކައުންސިލް ރައީސް އަހްމަދު ޝަހީމް ދެއްކެވި ވާހަކަތަކުން، މިފަދަ މައްސަލަތަކުގެ ނާޒުކުކަން ކައުންސިލަށް އެނގޭހެން ހިއެއް ނުވެ އެވެ.

ޝަހީމް ވިދާޅުވީ އުމުރުން ދެ އަހަރު ނުވާ އަންހެން ކުއްޖާ ރޭޕްކުރި މައްސަލަ ކައުންސިލަށް އެނގުނީ ފުލުހުންނަށް ވެސް އެ މައްސަލަ ރިޕޯޓު ކުރި ދުވަހު ކަމަށެވެ. އަދި އޭގެ ކުރިން އެ ކުއްޖާގެ އާއިލާގެ މީހުން ޖިންސީ ގޯނާ ކުރާ ކަމުގެ ވާހަކަތަކެއް ރަށު ތެރޭގައި ފެތުރުނު ނަމަވެސް ކައުންސިލުން އެކަމާ އަޅާނުލީ ރަސްމީ ސިފައެއްގައި އެކަން ކައުންސިލަށް ހުށަހަޅަފައި ނުވާތީ ކަމަށް އޭނާ ވިދާޅުވި އެވެ.

ކަނޑުހުޅުދޫގެ ތިން ކައުންސިލަރުން ރައީސް ސޯލިހާއެކު ބޭއްވި ބައްދަލުވުމެއްގެ ތެރެއިން --- ފޮޓޯ/ ރައީސް އޮފީސް

"ރަށުތެރޭ ދެކެވޭ ވާހަކައަކާ ގުޅިގެން ރަސްމީ ސިފައެއްގައި މައްސަލައެއް ހުށަހެޅޭނެ ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން. ކަމެއް ހިނގައިގެން އެއްވެސް ބަޔަކު، އެއްވެސް އާއިލާއަކުން ހުށަހެޅީމަ އަޅުގަނޑުމެން ރަސްމީ ހައިސިއްޔަތުން ހުށަހެޅޭނެ ކަމަށް ގަބޫލު ކުރަނީ،" ޝަހީމް ވިދާޅުވި އެވެ.

ކައުންސިލް ރައީސް ޝަހީމްގެ އެ ވާހަކައިން ވެސް އެނގެނީ މިފަދަ ކަންތައްތަކެއް ރަށު ތެރޭގައި ހިނގާކަމުގެ އަޑުއިވި، އަޅާނުލައި ދޫކޮށްލެއްވުނު ކަމެވެ. ކައުންސިލްގެ ބަހަނާއަކީ، ރަސްމީ ސިފައެއްގައި އެއްވެސް މީހަކު ކައުންސިލަށް ޝަކުވާއެއް ހުށަނޭޅުމެވެ. މިކަން ހިނގައިގެން އުޅެނީ ކުޑަ އާބާދީއެއް އޮތް ރަށެއްގަ އެވެ. އެހެންވީ އިރު ކައުންސިލްގެ ޒިންމާ އަދާކުރެވިފައި އޮތީ ކިހާ ވަރަކަށް ހެއްޔެވެ؟

https://sun.mv/130377

ކަން ހިނގަމުންދިޔަ ގޮތުން ކުއްޖާގެ އާއިލާ މީހަކު ޝަކުވާ ހުށަހަޅާނެ ކަމަކަށް ނުބެލެވެ އެވެ. ކުއްޖާގެ މައިންބަފައިން އުޅުނީ މަސްތުގެ ދުނިޔެއެއްގަ އެވެ. ކާފައާއި މުނިކާފަ އެކުއްޖާއަށް ހިމާޔަތް ދިނުމުގެ ބަދަލުގައި ކުރަމުންދިޔައީ ޖިންސީ ގޯނާ އެވެ. ކުއްޖާގެ މަންމަ ފަރާތު އާއިލާއަށް ވެސް ޝަކުވާ ކުރެވުނީ މަންމަ އޯވަޑޯޒްވެ، ކަންކަން ވަރަށް ބޮޑަށް ގޯހުން ދިޔަފަހުންނެވެ. އެކަމަކު ކައުންސިލުން ކުޑަ ނަމަވެސް، އިޝާރާތެއް މުއައްސަސާތަކަށް ކޮށްލި ނަމަ، މިކަން ހުއްޓުވޭނެ ނޫން ހެއްޔެވެ؟

ޒިންމާ ނަގަން ތިބި ބޭފުޅުން މައްސަލައިން ރެކެނީ!

މި މައްސަލައާއި ގުޅޭގޮތުންނާއި ޕްރެސް ކޮންފަރެންސްގައި ދެއްކި ވާހަކަތަކާ ގުޅޭގޮތުން ނޫސްވެރިން ކުރަމުންދިޔަ ސުވާލުތަކަށް ނުސީދާ ޖަވާބުތަކެއް ދެމުން ގޮސް އެންމެ ފަހުން އެ ބައްދަލުވުން ނިންމާލީ ހުރިޙާ ސުވާލުތަކަށް ޖަވާބު ނުދީ އެވެ. ސުވާލެއް ކުރުމަށް އެދި ނޫސްވެރިންގެ އަތްތައް ހުރީ ހިއްލާލާފަ އެވެ.

ފުރުސަތު ނުދިނުމުން މިނިސްޓަރު ޝިދާތާ އެ މާލަމުން ނިކުންނަވަން ހިނގައިގަތް ވަގުތު ނޫސްވެރިން އެކަމަނާއަށް ސުވާލުތައް އަމާޒު ކުރަން މަސައްކަތް ކުރި އެވެ. ނަމަވެސް ސުވާލުތަކަށް ޖަވާބެއް ދެއްވުމުގެ ބަދަލުގައި އެކަނަމާ ވިދާޅުވީ، ނޫސްވެރިންގެ ސުވާލުތަކުގައި ސިޔާސީ ނުފޫޒު ހުންނާނެ ކަން އެނގިވަޑައިގަންނަވާ ކަމަށެވެ. މިއީ މިވަރުގެ މައްސަލައަކާ ގުޅިގެން ނޫސްވެރިން ސުވާލު ކުރުމުން މިނިސްޓަރު ދެއްވި "ޒިންމާދާރު" ޖަވާބެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ޝިދާތާ ތަކުރާރުކޮށް ވިދާޅުވި އެއް ވާހަކައެއް އެބައޮތެވެ. އެއީ މި ސަރުކާރުން މައްސަލަތައް ހައްލު ކުރާނީ އެކަތިގަނޑަކަށްވެ، ވަރަށް "ކަލެކްޓިވް"ކޮށް ކަމަށެވެ. އެ ވިދާޅުވީ ކަލެކްޓިވް ގޮތަކީ އެ މުއައްސަސާއިން އަނެއް މުއައްސަސާގެ ބޮލަށް ކަންކަން ޖަހައިގެން ރެކެން މަސައްކަތް ކުރުން ހެއްޔެވެ؟ ޖެންޑާއިން އިނގިލި ދިއްކުރަނީ ފުލުހުންނަށެވެ. ފުލުހުން ބުނަނީ މައްސަލަ އޮތީ ޕީޖީ އޮފީހާ ހަމައިން ތާށިވެފައި ކަމަށެވެ. ޕީޖީ އޮފީހުން ބުނަނީ އެ މުއައްސަސާއަށް ކުރެވޭނެ ކަމެއް ނެތް ކަމަށެވެ.

ޖެނުއަރީ 17، 2020: ކަނޑުހުޅުދޫގައި ދެ އަހަރު ނުވާ ތުއްތު އަންހެން ކުއްޖަކު ޖިންސީ އަނިޔާ ދީ ރޭޕް ކުރި މައްސަލައިގައި މާލޭގައި ކުރި އިހުތިޖާޖްގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެނގޭހާ ވެސް ކަމަކީ، ކަލެކްޓިވްކޮށް ވިޔަސް ނޫން ވިޔަސް، މިފަދަ މައްސަލަތަކުން ރެކުމަށާއި ކަންކަން ފޮރުވަން މަތިއެޅުމުގެ ބަދަލުގައި ބޭނުންވަނީ އިހުލާސްތެރި ހައްލެއް ކަމެވެ. މިވަރު ކަމެއް ހިނގައިގެން ގޮސް، މައުސޫމް ކުއްޖެއްގެ ހަޔާތް އެކީ ބަނަވެގެން ދިޔައިރު، ޒިންމާ ނަގާނެ ފަރާތެއް ނެތެވެ.

އާ ޖެންޑާ މިނިސްޓަރެއްގެ ވަޒީފާއަށް އެއް އަހަރުވީއިރު ކުޑަކުދިންގެ އަނިޔާގެ މައްސަލަތައް ރިޕޯޓް ކުރުމުގެ ނިޒާމު ހަރުދަނާ ކުރެވުނީ ކިހާ ވަރަކަށް ހެއްޔެވެ؟ ރަށް ރަށުގައި ތިބި ޖެންޑާގެ އޮފިޝަލުން ތަމްރީންކޮށް މިކަހަލަ ކަންކަމަށް ހޭލުންތެރި ކުރެވުނީ ކިހާ ވަރަކަށް ހެއްޔެވެ؟ އާންމުންނާއި ކައުންސިލުންތައް ހޭލުންތެރި ކުރުވައި، މިފަދަ މައްސަލަތައް ރިޕޯޓް ކުރަން އާންމުންނަށް ހިތްވަރު ދޭން މިނިސްޓްރީއިން ކުރީ ކޮން ކޮން މަސައްކަތެއް ހެއްޔެވެ؟

ތިމަންނާ އިސްތިއުފާ ދީގެން، ކުޑަކުދިންނަށް ގޯނާ ކުރުން ހުއްޓުވޭ ނަމަ، އެކަން ކުރާނެ ކަމަށް ވިދާޅުވެ އެ ޒާތުގެ ވާހަކަ ދައްކައިގެން އެކަކަށް ވެސް ޒިންމާއިން ބޯދަމައި ނުގަނެވޭނެ އެވެ. މުއައްސަސާތަކުން ފުރިހަމަ ޒިންމާނަގަން އެބަ ޖެހެ އެވެ. މުޅި ރާއްޖެއަށް ކުރިމަތިވެފައި މި އޮތް ބަލިމަޑުކަމުގެ އެންމެ ފުނަށް ދެވޭނީ އޭރުންނެވެ.

comment ކޮމެންޓް