ކުއްޖާގެ ބައްޕަގެ ބަންދަށް 15 ދުވަސް ޖަހައިފި

ޖެނުއަރީ 17، 2020: ކަނޑުހުޅުދޫގައި ދެ އަހަރު ނުވާ ތުއްތު އަންހެން ކުއްޖަކު ޖިންސީ އަނިޔާ ދީ ރޭޕް ކުރި މައްސަލައިގައި މާލޭގައި ކުރި އިހުތިޖާޖްގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދެކުނުގެ ރަށެއްގައި ކާފަ އާއި މުނިކާފަގެ ފަރާތުން ޖިންސީ ގޯނާތަކެއް ލިބުނު ދެ އަހަރުގެ ތުއްތު ކުއްޖާގެ ބައްޕަގެ ބަންދަށް ކުރިމިނަލް ކޯޓުން 15 ދުވަސް ޖަހައިދީފި އެވެ.

އުމުރުން 33 އަހަރުގެ އޭނާ ހައްޔަރުކޮށްފައި ވަނީ، އެ މައްސަލަ ފަންމަތިވި ފަހުން ކުއްލިއަކަށް ރަށް ދޫކޮށް މާލެ އައިސް އުޅެނިކޮށް، އޭނާ ދިރިއުޅެމުން އައި ހުޅުމާލޭގެ 108 ނަމްބަރު ފްލެޓުން ރޭގެ ވަގުތެއްގަ އެވެ. ފުލުހުން އޭނާ ހައްޔަރު ކުރީ، އެ ފްލެޓު ދޮށަށް މީހުން އެއްވެ މުޒާހަރާކޮށް ބޮޑެތި ހަމަނުޖެހުންތަކެއް ހިނގި ފަހުންނެވެ.

ފުލުހުން ބުނީ 33 އަހަރުގެ އެ މީހާގެ ބަންދުގެ މުއްދަތު އިތުރު ކުރަން މިއަދު ކުރިމިނަލް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދަށް ބަހައްޓައިގެން ތަހުގީގު ހިންގުމުގެ އަމުރެއް ކޯޓުން ފުލުހުންނަށް ދީފައިވާ ކަމަށެވެ.

ފުލުހުން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި ބުނެފައިވާ ގޮތުގައި ކުއްޖާގެ ބައްޕަ ހައްޔަރު ކުރީ، އެ ކުއްޖާގެ މަންމަ ފަރާތު އާާއިލާއާ ކުއްޖާ ހަވާލުކުރުމަށް ދެކޮޅު ހަދައި އެކަމަށް ބައްޕަ ހުރަސްއަޅާފައި ވާތީ އެވެ.

މަންމަ ފަރާތު އާއިލާއިން ތުހުމަތު ކުރާ ގޮތުގައި، ކާފަ އާއި މުނިކާފަ ކުއްޖާއަށް ޖިންސީ ގޯނާ ކުރީ ކުއްޖާގެ ބައްޕައަށް އެނގިގެން އޭނާގެ ބައިވެރިވުމެއް ވެސް އެކަމުގައި އޮވެގެން ރާވައިގެންނެވެ. އަދި މަންމަ ފަރާތުގެ ބޮޑު ދައިތައެއް ކުއްޖާ ގެންގޮސް ބަލަމުން ދަނިކޮށް ރޭގަނޑު ނިންދަވަން ކަމަށް ބުނެ، ކުއްޖާ އަނބުރާ ބައްޕަގެ ގެއަށް ގެންގޮސްފައި ވަނީ ވެސް ކުއްޖާގެ ބައްޕަ ކަމަށް ވެސް އެ އާއިލާއިން ބުނެ އެވެ.

އެ ކުއްޖާއަށް ޖިންސީ ގޯނާކޮށް، ކުއްޖާ ރޭޕްކުރި ކަމަށް ތުހުމަތުވާ ކުއްޖާގެ ބައްޕަ ފަރާތުގެ ކާފަ އާއި މުނި ކާފަ އިއްޔެ ވަނީ ރަށުން ހައްޔަރުކޮށް، މިއަދުގެ ހެނދުނުގެ ވަގުތެއްގައި މާލެ ގެނެސް ދޫނިދޫގައި ބަންދުކޮށްފަ އެވެ. އެދެބަފައިން ހައްޔަރުކޮށް، ބަންދުގެ މުއްދަތު ޖަހަން ގއ. ގެމަނަފުށީ ކޯޓަށް ހާޒިރުކުރުމުން އެ މީހުންގެ ބަންދަށް ވެސް ވަނީ 15 ދުވަސް ޖަހައިދީފަ އެވެ.

އަނިޔާ ލިބުނު ކުއްޖާ މާލެ ގެނެސް، މިހާރު ވަނީ ކުއްޖާގެ މަންމަ ފަރާތުގެ މާމަޔާ ހަވާލުކޮށްފަ އެވެ.

comment ކޮމެންޓް