ކުޑަކުއްޖާގެ ދިފާއުގައި މުޅި ރާއްޖޭގައި އަޑު އުފުލައިފި

ދެ އަަހަރުގެ ކުއްޖާއަށް ޖިންސީ ގޯނާ ކުރުމަށް އެކަމާ ދެކޮޅަށް ތިނަދޫގައި އިޖުތިޖާޖް ކުރަނީ--

ދެކުނުގެ ރަށެއްގައި އުމުރުން ދެ އަހަރުގެ ތުއްތު އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައާ ގުޅިގެން މުޅި ރާއްޖޭގެ އެކި ހިސާބުތަކުގައި މިއަދުވެސް އެއްވުންތައް ބާއްވައިފި އެވެ.

އެގޮތުން މިއަދު ހަވީރު ގދ. ތިނަދޫގައި ގިނަ އަދަދެއްގެ އަންހެނުން ވަނީ މަގުތަކަށް ނުކުމެ އެމީހުންގެ ޝުއޫރުތައް ފާޅުކޮށްފަ އެެވެ. އެ އިހުތިޖާޖްތައް ރ. ރަސްމާދޫއާއި އައްޑޫ ސިޓީގައިވެސް ކުރިއަށް ދިޔައެެވެ.

"ދެން އެފަދަ ޖިންސީ ގޯނާއެއް ތަކުރާރުނުކުރައްވަމާ" އަދި "ކުޑަަކުއްޖާގެ ޒިންދަގީ އެދިޔައީ" ފަދަ އިބާރާތްތައް ލިޔެފައިވާ ބޯޑުތައް ހިފައިގެން ގިނަ އަދަދެއްގެ ތިނަދޫގެ އަންހެނުން މަގުމަތީގައި މުޒާހަރާކުރި އެވެ.

އޭގެ އިތުރުން އާޓިފިޝަލް ބީޗް ސަރަހައްދުގައި މިއަދު ހަވީރުވެސް ވަނީ މުޒާހަރާތައް ކުރިއަށް ގެންގޮސްފަ އެވެ. އެކި ޝުއޫރުތައް ލިޔެފައިވާ ބޯޑްތައް ހިފައިގެން ތިބެ އާޓިފިޝަލް ބީޗްގައި ކުރިއަށް ގެންދިޔަ އެއްވުމުގައި ބައިވެރިވި ފަރާތްތައް ބުނަމުން ދިޔައީ، އެ ހުތުރު އަމަލު ހިންގި މީހުންނަށް ހައްގު އަދަބު ދެންދެން އިހުތިޖާޖު އެކި ގޮތްގޮތަށް ކުރިއަށް ގެންދާނެ ކަމަށެވެ. އަދި އެކަމަކީ ކުޑަކަމެއްގެ ގޮތުގައި ނުދެކި، ސަރުކާރުން ހަރުކަށި ފިޔަވަޅުތައް އަޅަން ޕްރެޝަރު ކުރުމަށް އެ އެއްވުންތައް ކުރިއަށް ގެންދާނެ ކަމަށް ވެސް އެއްވުމުގައި އިސްކޮށް އުޅުނު ފަރާތްތަކުން ބުންޏެވެ.

ދެ އަަހަރުގެ ކުއްޖާއަށް ޖިންސީ ގޯނާ ކުރުމަށް އެކަމާ ދެކޮޅަށް ތިނަދޫގައި އިޖުތިޖާޖް ކުރަނީ--

އިއްޔެ މާލޭގައި ކުރިއަށް ގެންދިޔަ އިހުތިޖާޖްތައް ވަނީ ޖެންޑާ މިނިސްޓްރީގެ ކުރިމަތީގައި ވެސް ކުރިއަށް ގެންގޮސްފަ އެެވެ. އެ އިހުތިޖާޖުތަކުގައި ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް އިސްތިއުފާއަށް ގިނަ ބަޔަކު ގޮވާލި އެވެ.

ހަމަ އެ މައްސަލައިގައި އިއްޔެ ހުޅުމާލެ 108 ނަންބަރު ފުލެޓު ކައިރީގައި ގިނަ އަދަދެއްގެ ބަޔަކު ކުރި މުޒާހަރާ ވަރަށް ބޮޑަށް ހޫނުވި އެވެ. އެތަނަށް މީހުން އެއްވީ ޖިންސީ ޝިކާރައަށް ވި ތުއްތު ކުއްޖާގެ ބައްޕަ "ފިލައިގެން" އުޅެނީ އެ އިމާތުގެ ފްލެޓެއްގައި ކަމަށް ބުނެ އެވެ.

ހަމަނުޖެހުން ކޮންޓްރޯލު ކުރުމަށްޓަކައި އެސްއޯ ފުލުހުން އެ ސަރަހައްދަށް ދިޔަ ނަމަވެސް، އާންމުން ވަނީ އެ ފްލެޓްގެ ކުޑަ ދޮރުތައް ވެސް ފަޅާލައިފަ އެވެ. ފަހުން އެ މުޒަހާރާ ކޮންޓްރޯލް ކުރަން ފުލުހުން ވަނީ ޕެޕާ ސްޕްރޭ ޖަހައިފަ އެވެ.

އެ މުޒާހަރާތަކާ އެކު އެ ކުއްޖާގެ ބައްޕަ ވަނީ މިހާރު ހައްޔަރުވެސް ކޮށްފަ އެވެ.

އެ މުޒާހަރާގައި 27 މީހުން ހައްޔަރުކުރިއިރު މިހާރު ބަންދުގައި ތިބީ 19 މީހުންނެވެ.

comment ކޮމެންޓް