ކުއްޖާގެ ހައްގުގައި މުއައްސަސާތައް ޖަވާބުދާރީ ކުރުވާނަން: މަޖިލިސް ރައީސް

އެމްޑީޕީން ބޮޑު ތިލަދުންމައްޗަށް ފުރުމުގެ ކުރިން އެ ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް ނަޝީދު މީޑިއާއަށް މައުލޫމާތު ދެއްވަނީ --- ސަން ފޮޓޯ: ފަޔާޒު މޫސާ

ދެކުނު ރަށެއްގައި ޖިންސީ ގޯނާ ކުރިމަތިވި ދެ އަހަރުގެ ކުޑަ ކުއްޖާގެ ހައްގުގައި އެކި ފަރާތްތައް ޖަވާބުދާރީކުރަން މަޖިލިސްއިން މަސައްކަތް ކުރާނެކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެ މައްސަލައިގައި އެ ކުޑަކުއްޖާގެ ބައްޕަ، ކާފަ އަދި މުނިކާފަވެސް ވަނީ ހައްޔަރު ކޮށްފަ އެވެ. އެ މައްސަލައިގައި ކުއްޖާ ނިސްބަތްވާ ރަށުގެ ކައުންސިލަރުންނާ ސުވާލު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ހިއުމަންރައިޓްސް އެންޑް ޖެންޑާ ކޮމިޓީއިން މިހާރު ވަނީ ނިންމައިފަ އެވެ.

އެ މައްސަލާގައި ދައުލަތުގެ މުއައްސަސާތަކުން އިހުމާލުވެފައިވޭތޯ ބެލުމަށް ރައްޔިތުން މަޖިލީހުގެ ހިއުމަންރައިޓްސް ކޮމިޓީއިން ވަނީ ތަހުގީގެއް ހިންގުމަށް ވެސް ނިންމާފަ އެވެ.

އެ މައްސަލައިގައި ރައީސް ނަޝީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިއީ ވަރަށް ބޮޑު ލަދުވެތި ކަމެއް ކަމަށެެވެ.

" ތުއްތު ކުއްޖަކު އޭނާގެ އަމިއްލަ މުނިކާފަ އަދި ބައްޕަގެ ޖިންސީ ޝިކާރަކއަސް ވީކަމަކީ އިންތިހާއަށް ކަންބޮޑުވުން ހުރި ލަދުވެތިކަމެއް. މިކަމާއި ގުޅޭގޮތުން އެކި އެކި ފަރާތްތަކަށް ޖަވާބުދާރީ ކުރުމަށް މަޖިލިސްއިން މަސައްކަތް ކުރާނެ" ރައީސް ނަޝީދުގެ ޓުވީޓުގައިވެއެވެ.

comment ކޮމެންޓް