ދެ ލޯންޗެއް ޖެހި ފަތުރުވެރިންތަކަަކަށް އަނިޔާ ވެއްޖެ

ދެ ލޯންޗެއް ޖެހި އެކްސިޑެންޓްވީ ހާދިސާގައި ލޯންޗަށް ގެއްލުންވެފައި-- ފޮޓޯ: ފުލުހުން

ދެ ލޯންޗެއް ޖެހި އޭގެއިން އެއް ލޯންޗުގައި ތިބި މީހުންނަށް އަނިޔާވެއްޖެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ އެ ހާދިސާ ހިނގައިފައި ވަނީ މިއަދު ހެނދުނު 11:10 ކަންހާއިރު އދ. އަތޮޅުގައި ކަމަށެވެ.

ފުލުހުން ބުނީ އެކްސިޑެންޓް ހިނގަން މެދުވެރިވީ އދ. މާމިގިލީ ކައިރީގައި އޮންނަ އަރިޔަދޫ ކަންމަތިން ސަން އައިލެންޑް ރިސޯޓްގެ ލޯންޗެއްގައި ތިބި ގެސްޓުންތަކެއް މޫދަށް ބާލައި އެ ލޯންޗް އެ ސަރަހައްދުގައި މަޑުކޮށްގެން އޮއްވާ ކަމަށެވެ. އަދި އެގޮތަށް މަޑުކޮށްގެން އޮއްވައި އެހެން ލޯންޗެއް އައިސް ކޮންޓްރޯލް ނުވެގެން އައިސް ސަން އައިލެންޑް ރިސޯޓްގެ ލޯންޗްގައި ޖެހުނީ ކަމަށް ފުލުހުން ބުންޏެވެ.

ސަން އައިލެންޑްގެ ލޯންޗްގައި ތިބި ބައެއް ގެސްޓުންނަށް އެކި ވަރުގެ އަނިޔާ ލިބިފައިވާ ކަމަށާއި އަދި އެ ލޯންޗަށް ވެސް އެކިވަރުގެ ގެއްލުން ލިބުނު ކަމަށް ފުލުހުން ބުންޏެވެ.

އަނިޔާ ލިބުނު ގެސްޓުން ފަހުން މާމިގިލީ ސިއްހީ މަރުކަޒަށް ގެންގޮސް ފަރުވާ ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން މިހާރު ދަނީ އެ މައްސަަލަ އިތުުރަށް ތަހުގީގްކުރަމުންނެވެ.

comment ކޮމެންޓް