ފުލުހުން އަތުގައި މުނިކާފަގެ ކުށުގެ ރެކޯޑު އޮތް، ޖެންޑާއަށް އެނގޭ ކަމަކަށް ނުވި!

ޖެނުއަރީ 18، 2020: ޖިންސީ އަނިޔާ ދިން ކުޑަ ކުއްޖެ މައްސަލައިގައި ފުލުހުންނާއި ޖެންޑާ މިނިސްޓްރީގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދެކުނުގެ އަތޮޅެއްގައި އުމުރުން ދެ އަހަރުގެ ކުޑަކުއްޖަކު ރޭޕް ކުރި މައްސަލާގައި ތުހުމަތުވާ އެ ކުއްޖާގެ މުނިކާފަގެ ޖިންސީ ގޯނާގެ ރެކޯޑެއް އޮތްކަން ޖެންޑާ މިނިސްޓްރީއަށް އެނގިފައި ނުވާ ކަމަށް މިނިސްޓަރު ޝިދާތާ ޝަރީފު މިއަދު ވިދާޅުވެއްޖެ އެވެ.

ކުޑަކުއްޖާ ރޭޕް ކުރި މައްސަލާގައި އެ ކުއްޖާގެ މުނިކާފަ، އުމުރުން 82 އަހަރު އަދި ކާފަ، އުމުރުން 62 އަހަރު، އިއްޔެ ވަނީ ހައްޔަރުކޮށްފަ އެވެ. އެ ދެ މީހުންނަކީ ވެސް ކުއްޖާގެ މައިންބަފައިންނާ އެކު އެއް ގެއެއްގައި އުޅޭ ދެ މީހުން ކަމަށް އާއިލާއިން މީގެ ކުރިން ވަނީ "ސަން"އަށް ބުނެފަ އެވެ.

އެ މައްސަލާގައި އެ ކުއްޖާގެ ބައްޕަ އިއްޔެ ހުޅުމާލޭގައި ހުރި އެޕާޓްމެންޓެއްގެ ތެރޭގައި ހުއްޓައި ފުލުހުން ވަނީ އޭނާ ހައްޔަރުކޮށްފަ އެވެ. އެ ތިން މީހުންގެ ބަންދަށް 15 ދުވަސް ޖަހައި އެ މީހުން މިހާރު ތިބީ ދޫނިދޫގައި ބަންދުކޮށްފަ އެވެ.

އެ މައްސަލާގައި މީޑިއާތަކަށް މައުލުމާތު ދިނުމަށް ޖެންޑާ މިނިސްޓްރީ އާއި ފުލުހުން ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުހުން ބުނީ ކުއްޖާ ރޭޕް ކުރި ކަމުގެ ތުހުމަތު ކުރަނީ ދެ މީހަކަށް ކަމަށެވެ. ބާކީ ހުރި މީހާއަށް ކުރަނީ އިހުމާލުގެ ތުހުމަތު ކަމަށް ފުލުހުން ބުންނެވެ. އެކަމަކު، ވަކި ވަކި ތުހުމަތުތައް ކުރަނީ ކޮން ބަޔަކަށް ކަމެއް ފުލުހުން ހާމައެއް ނުކުރި އެވެ.

ފުލުހުން ބުނީ ކުއްޖާގެ މުނި ކާފަގެ ޖިންސީ ގޯނާގެ ރެކޯޑެއް އޮތް ކަމަށެވެ. އެއީ 2018 ވަނަ އަހަރުގެ މައްސަލައެކެވެ. އެ މައްސަލާގައި އޭނާގެ މައްޗަށް ދައުވާކޮށް، މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައި އަޑުއެހުމެއްވެސް ބޭއްވި އެވެ. އެންމެ ފަހުން ބޭއްވި އަޑުއެހުމަކީ އެއީ އެވެ.

"އުމުރުން 82 އަހަރުގެ ފިރިހެން މީހާ މީގެ ކުރިން ވެސް ކުއްޖަކާ ދޭތެރޭ ޖިންސީ ގޯނާއެއް ކުރި ކަމުގެ ތުހުމަތު އުފުލިގެން ފުލުހުން އެ މައްސަލަ ތަހުގީގުކޮށް ޕްރޮސެކިއުޓާ ޖެނެރަލްއަށް ފޮނުވި ވާހަކަ ދާއޫދު ދެންމެ އެ ފާހަގަ ކުރެއްވީ. އެ މައްސަލާގައި ހިންގި ކަމަށް ހުށަހެޅުނު ކުށުގެ އެ މައްސަލާގައި އަމަލާއި ތުހުމަތު ކުރެވުނު މީހާގެ އުމުރާއި އެކަންކަމަށް ބަލާފައި ފުލުހުން އޭރު ނަގާފައި އޮތް ޑިސިޝަނެއް އެއީ އެ މައްސަލާގައި މި ދެންނެވީ 2018 ވަނަ އަހަަރުގެ ޖޫންގައި ހުށަހެޅުނު މައްސަލާގައި އޭނާ ހައްޔަރު ނުކުރަން. ހައްޔަރުނުކޮށް އެހެންނަމަވެސް އެ މައްސަލަ ތަހުގީގުކޮށް، ދައުވާ ކުރުމަށްޓަކައި ކޯޓަށް ފޮނުވިން،" ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އަބްދުލް މަންނާނު ޔޫސުފް ވިދާޅުވި އެވެ.

ޖެނުއަރީ 18، 2020: ޖިންސީ އަނިޔާ ދިން ކުޑަ ކުއްޖެ މައްސަލައިގައި ފުލުހުންނާއި ޖެންޑާ މިނިސްޓްރީގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކުއްޖާ ރޭޕް ކުރި އިރު މަންމަ ހުރީ އޯވަޑޯޒްވެގެން މާލެ ގެންގޮސްފަ އެވެ. މަންމަ މާލެ ގެނައުމުން، ކުއްޖާ ހުރި ގޭގައި ޖިންސީ ގޯނާގެ މައްސަލައެއްގެ ރެކޯޑު އޮތް މީހަކު އުޅޭ އިރު، ކުއްޖާ ހުރި މާހައުލުގެ ރައްކާތެރިކަން ކަށަވަރު ނުކުރީ ކީއްވެތޯ "ސަން"އިން ސުވާލު ކުރުމުން ޝިދާތާ ވިދާޅުވީ ކުއްޖާގެ ރޭޕްގެ މައްސަލަ ހުށަހެޅި އިރު ކުއްޖާ ހުރީ މައިންބަފައިންގެ ބެލުމުގެ ދަށުގައި ކަމަށެވެ. އޭނާ ވިދާޅުވީ، ރޭޕްގެ މައްސަލަ ހުށަހެޅުނު އިރު ކުއްޖާގެ މައިންބަފައިންނާއި އާއިލާއާ ގުޅޭ ނުރަނގަޅު ރެކޯޑެއް މައްސަލަ ހުށަހެޅުނު އިރު ނެތް ކަމަށެވެ.

"މަންމަގެ ވެސް ބައްޕަގެ ވެސް އެކަހަލަ ހިސްޓްރީއެއް ރެކޯޑެއް އަޅުގަނޑުމެންނަށް ރިޕޯޓުކުރެވިފައެއް ނެތް. އަދި ކުއްޖާގެ އާއިލާއާ ގުޅުންހުރި އެފަދަ މައްސަލައެއް ވެސް އަޅުގަނޑުމެންގެ ރެކޯޑުތަކުން ފެންނާކަށް ނެތް،" ޝިދާތާ ވިދާޅުވި އެވެ.

ރޭޕް ހިނގުމުގެ ކުރިން އެކަން ކަށަވަރު ނުކުރީ ކީއްވެތޯ "ސަން"އިން ތަކުރާރުކޮށް ސުވާލު ކުރުމުން ވެސް ޝިދާތާ ވިދާޅުވީ އެ ކުއްޖާ ދިރިއުޅޭ ގޭގައި ރެކޯޑެއް ހުރި މީހަކު ނެތް ކަމަށެވެ.

"މި ކޭސްގައި އެ މައްސަލަ ހުށަހެޅުމުގެ ކުރިންނެއް އެ ކުއްޖާގެ ރައްކާތެރިކަމަށް ސުވާލު އުފެދޭ އެއްވެސް ކަމެއް އަދި މީގެ ކުރިން ރެކޯޑެއް އޮތް މީހަކު ވެސް އެ ކުއްޖާއާ އެއްކޮށް ދިރިއުޅޭ ކަމުގެ މައުލޫމާތެއް ވެސް އަޅުގަނޑުމެންނާ ހަމައަށް އައިސްފައި ނެތް،" ޝިދާތާ ވިދާޅުވި އެވެ.

ޖެންޑާ މިނިސްޓްރީއަށް މައްސަލަ ހުށަހެޅުމުންނާއި، މިނިސްޓްރީގެ އިސް ނެގުމަށް ވެސް ކުޑަކުދިންނާ ބެހޭ މައްސަލަތައް ހޯދައިގެން ބަލާ ކަމަށް މިއަދު މިނިސްޓަރު ވިދާލުވި އެވެ. އެގޮތުން، ކުއްޖާގެ ރޭޕްގެ މައްސަލަ ރިޕޯޓު ކުރުމާ އެކު ޖެންޑާއާއި ފުލުހުން އަވަހަށް ހަރަކާތްތެރިވެ ދެ ގަޑިއިރެއްހާ އިރު ތެރޭގައި ކުއްޖާ ރައްކާތެރި މާހައުލަކަށް ގެންދެވުނު ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އެ މައްސަލައިގައި އޭނާގެ އިސްތިއުފާއަށް ގޮވިޔަސް މާ ބޮޑު ހާސް ކަމެއް ނެތް ކަމަށެވެ. ޖެންޑާ މިނިސްޓަރުގެ މަސައްކަތް އެންމެ ރަނގަޅަށް ކުރެވޭނެ އެކަކީ އޭނާ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށް އޭނަ ވިދާޅުވި އެވެ.

comment ކޮމެންޓް