ޖިންސީގޯނާގެ މައްސަލާގައި ރައީސް ކަމާ ބެހޭ އިދާރާތަކާ މަޝްވަރާކޮށްފި

ޖިންސީގޯނާގެ މައްސަލައިގައި ރައީސް ކަމާ ބެހޭ އިދާރާތަކުގެ ބޭފުޅުންނާ މަޝްވަރާކުރަނީ-- ފޮޓޯ؛ރައީސް އޮފީސް

ދެކުނުގެ ރަށެއްގައި އުމުރުން ދެ އަހަރުގެ ތުއްތު އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައާ ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކަމާ ބެހޭ އިދާރާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފި އެވެ.

މުލިއާގޭގައި ރޭ ބޭއްވި އެ ބައްދަލުކުރެއްވުމުގައި ޖެންޑަ މިނިސްޓަރު ޝިދާތާ ޝަރީފާއި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲގެ އިތުރުން ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދާއި ސަރުކާރުގެ ބައެއް އިސްވެރިން ހިމެނެ އެވެ.

އެ ބައްދަލުކުރެއްވުމުގައި މަޝްވަރާކުރި ކަންތައްތަކުގެ ތެރޭގައި އެ ހާދިސާއާ ގުޅިގެން އަނިޔާ ލިބިފައިވާ ކުއްޖާއަށް ބޭނުންވާ ސިއްހީ އެހީތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން، އެ ކުއްޖާގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން އަޅަމުންދާ ފިޔަވަޅުތަކާ ބެހޭ ގޮތުން ވަނީ ބައްދަލުވުމުގެ ބައިވެރިން ވަނީ މަޝްވަރާ ކުރައްވައިފަ އެވެ.

ރައީސް ވަނީ އެ އަމަލު އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައިފަ އެވެ. އޭގެ އިތުރުން ވެސް އަނިޔާ ލިބިފައިވާ ކުއްޖާއަށް އިންސާފު ހޯދައިދިނުމަށާއި ކުށްވެރިންނަށް ހައްގު އަދަބު ދިނުމަށް އެ މައްސަލަ ވީހާ ވެސް ރަނގަޅަށް ބައްލަވައިދެއްވުމަށް ރައީސް ވަނީ ކަމާ ބެހޭ އިދާރާތަކުގެ އިސްވެރިންގެ އަރިހުން އެދިވަޑައިގެންނެވި އެވެ.

ކުޑަކުއްޖާއަށް ޖިންސީ ގޯނާ ކުރި މައްސަލާގައި އެ ކުއްޖާގެ ބައްޕައާއި ކާފައާއި މުނިކާފަ ވެސް މިހާރު ވަނީ ހައްޔަރުކޮށްފަ އެވެ.

comment ކޮމެންޓް