ރައްޔިތުންގެ ލޭ ކެކިއްޖެ، ރޭޕިސްޓުންނަށް "ޒީރޯ ޓޮލަރެންސް"

ރޭޕްގެ މައްސަލައިގައި ތުހުމަތުވާ ކުއްޖާގެ ކާފަ (ކ) އާއި މުނިކާފަ (ވ) -- ސަން ފޮޓޯ/ އަހުމަދު އާޒިފް

"ހަވާލުކުރޭ، ހަވާލުކުރޭ"

އިއްޔެ އަސުރުން ފެށިގެން ހުޅުމާލެ 108 ނަމްބަރު ފްލެޓް ކައިރިއަށް ޖަމާވެފައި އޮތް އެންމެން އެއް އަޑަކުން ގޮވަމުން ދިޔައީ މިހެންނެވެ. އުމުރުން އެންމެ ދެ އަހަރުގެ ތުއްތު ދަރިފުޅު ރޭޕް ކުރުމުގައި ބައިވެރިވި ކަމަށް، ތުހުމަތު ކުރެވޭ އެކުއްޖާގެ ބައްޕަ ރަށުން ފުރައިގެން އައިސް "ފިލަން" ވަދެ އޮތީ އެ ފްލެޓުގައި ހުރި އެޕާޓްމަންޓެއްގެ ތެރޭގަ އެވެ.

"ރޭޕިސްޓު" އެ ގޭގައި ހުރިކަން އެނގުމާއެކު އެކަން ފުލުހުންނަށް އަންގައި، އެމީހާ ދެވަނަ ފަހަރަށް ފިލައިގެން ނުދެވޭނެ ގޮތަށް ގިނަ އަދަދެއްގެ ބަޔަކު އެ ފްލެޓް ކައިިރިއަށް އެއްވާން ފެށި އެވެ. ދެ ޖިންސުގެ އެކި އުމުރުގެ މީހުންނެވެ. އެންމެ ގިނައީ ޒުވާނުންނެވެ. އެމީހާ ގެއިން ނުނެރެވި ފާއިތުވި ކޮންމެ ސިކުންތަކާއެކު މީހުންގެ ލޭ ކެކެން ފެށިއެވެ. އަދި ފުލުހުން އެތަނަށް އައިސް، އެއްވެ ތިބި މީހުން ދުރަށް ޖައްސަން މަސައްކަތް ކުރުމުން އެމީހުންގެ ރުޅިގަނޑު ކޮންޓްރޯލުން ނެއްޓި އެވެ.

"ފަތިސް ނަމާދަށް ގޮވިޔަސް އަހަރެމެންން މިތަނަކުން ނުދާނަން،" އެއްވެފައި އޮތް މީހުންގަނޑުގެ ތެރެއިން އެކަކު ފުލުހަކާ ދިމާލަށް ބުންޏެވެ.

އަންހެން ކުއްޖާގެ ބައްޕަ "ފިލާ" އޮތް ފްލެޓް ކަމަށް ބުނެ ބަޔަކު ހުޅުމާލެ ފްލެޓް ކައިރިއަށް އެއްވެ އޭނާ ހައްޔަރު ކުރަން ގޮވާލި މުޒާހަރާގެ ތެރެއިން -- ސަން ފޮޓޯ

ތެދެކެވެ. އެމީހުން ތިބީ އެތަނުން ދާގޮތަަކަށް ނޫނެވެ. އެމީހުން ތިބީ އެއަށްވުރެ ރުޅި އައިސްފަ އެވެ. ކުއްޖާގެ ބައްޕަަ ހައްޔަރުނުކޮށް އެ ގޭގައި "ހިމާޔަތް" ދީފައި ހުރުމުން އެމީހުން ވަރަށް ބޮޑަށް ނުރުހުން ފާޅުކުރި އެވެ. އަދި އަމިއްލަ ދަރިފުޅު ރޭޕްކުރީ ކޯޓުން އަމުރެއް ހޯދައިގެން ނޫން ކަމަށާއި، އެހާ ނުލަފާ މީހަކު ހައްުޔަރު ކުރަން އަމުރެއް ހޯދަން ނުޖެހޭ ކަމަށް ބުނަމުން ދިޔަ އެވެ.

"ކަލޭމެނަށް ނުވަންޏާ އަހަރުންނާ ހަވާލުކުރޭ. މިތަނުން މިތަނަށް ތިކަން ނިންމާލާނަން. ތީ މަރަން ޖެހޭ މީހެއް،" އެކަކު ހަޅޭއްލަވައިގަތް އަޑުއިވުނެވެ.

އެމީހުންގެ އަމަލުތައް ހުރިގޮތުން، ހަމަ ހަގީގަތުގައި ވެސް ކުއްޖާގެ ބައްޕަ އެމީހުންގެ އަތުގައި ޖެހިއްޖެނަމަ، "ނޮޅައިގެން ކާލާނެކަން" ޔަގީނެވެ.

އެ ގެއަށް ވަންނަން އެތައް ގޮތަކުން އެމީހުން މަސައްކަތް ކުރި އެވެ. ކޮޓަރިއެއްގެ ކުޑަދޮރުގެ ބިއްލޫރިތައް ތަޅާލި އެވެ. ކުޑަދޮރުގެ ބިއްލޫރިގަނޑު ތަޅާލީ ޒުވާނަކު އަތުން ޖަހަ އެވެ. އޭނާގެ އަތުން ބޮޑު ތަންގަނޑެއް ކަފައިގެން ދިޔަ ނަމަވެސް ފަރުވާލެއް ނެތެވެ. ޒަހަމްވެ ލޭ ފައިބަމުން ދިޔަ ތަނުގައި ފޮތިގަނޑެއް އޮޅާލައިގެން އަނެއްކާވެސް އެއްވުމުގެ ތެރެއަށް ވަނެވެ.

ޖިންސީ ގޯނާގެ ޝިކާރައަކަށްވި ދެ އަހަރުގެ ކުއްޖާގެ ބައްޕަ ފިލައިގެން އުޅޭ ހުޅުމާލެ ފްލެޓް ކައިރީ އިހްތިޖާޖު ކުރަނީ --- ސަން ފޮޓޯ/ ޝަފްނާ ހުސައިން

ބެލްކަނީގައި ބޮޑު ދޮރާއި ކުޑަ ދޮރުގެ ބިއްލޫރިތައް ތަޅާލި އެވެ. އަދި ބޮޑު ހަރުގަނޑެއް ވެސް ގޭތެރެއަށް އެއްލި އެވެ. ދެން އުކަން ފެށީ ގަލެވެ. އަދި ފޮތިގަނޑެއްގައި ރޯކުރަން ވެސް މަސައްކަތް ކުރި އެވެ. ނަމަވެސް އޭގައި އަލިފާން ނުހިފުމުން އަނެއްކާވެސް އަޑުގަދަކުރަން ފެށީ އެވެ.

"ގޭގައި ތިބި އިތުރު މީހުން ނެރެފަ އަހަރުންނާ ހަވާލުކުރޭ. ރޯކޮށްލާނަން،" އެއްވެ ތިބި މީހުން ގޮވަމުން ދިޔައެވެ.

އެއްވެ ތިބި މީހުންގެ ފަރާތުން ފެނުނީ ބަލައިގަނެވޭނެ ކަންތައްތަކެއް ނޫނެވެ. އެ ގޭގައި ކުޑަކުދިން ވެސް ދިރިއުޅެމުން ދިޔަ އިރު ހަޑިހުތުރު ބަހުން އެެއްޗެހި ގޮވާ، އެކުދިން ބިރުގަންނާނެ ވަރު ނުވިސްނާ ގޭގެ ތެރެއަށް ގަލާ އެއްޗެހި އުކަމުން ދިޔަ އެވެ. އެއް ކުއްޖެއްގެ ދިފާއުގައި، އަދި ޖުމްލަކޮށް ހުރިހާ ކުޑަކުދިންނަށް ހައްގު ހޯދައިދީ އެކުދިންނަށް އަނިޔާދޭ މީހުންނަށް އަދަބު ދޭން ގޮވާލާ ބައެއްގެ ފަރާތުން އިތުރު ކުދިންތަކަކަށް މިފަދަ ބިރުވެރިކަމެއް ކުރިމަތި ކުރުވައިގެން ވެސް ނުވާނެ އެވެ. އަދި އެހެން ބައެއްގެ މުދަލަށް ގެއްލުންދީ، ހުޅުޖަހަން މަސައްކަތް ކުރުމަކީ އެއްގޮތަކަށް ވެސް ކޮށްގެން ވާނެ ކަމެއް ނޫނެވެ.

ގިނަ އަދަދެއްގެ ރައްޔިތުން މިއަދު އެ ފްލެޓް ކައިރިއަށް ޖަމާވެ، އޭނާއަށް ހައްގު އަދަބުދޭން ފަސްނުޖެހޭނެކަން ދައްކުވައިދިނުމުން އަދި އެހެން ކަމެއް ސާފުވެ އެވެ. ބޮޑު މަންޒަރު އަދި މުޅިން ތަފާތެވެ. އެ މީހުންގެ ވާހަކަތަކުންނާއި އެމީހުންގެ އަމަލުތަކުން އެންމެ ބޮޑަށް އިހުސާސް ކުރެވުނީ އިންސާފަށް ރައްޔިތުން އެދިއެދި ތިބި މިންވަރެެވެ. މުއައްސަސާތަކާ މެދު ރައްޔިތުންގެ އިތުބާރު ގެއްލިފައިވާ މިންވަރެެވެ. ކަމާބެހޭ އިދާރާތަކަށް މައްސަލަ ޖައްސައިގެން، ކަމެއްގެ ނަތީޖާ ނުނުކުންނަ ކަމެވެ. އިންސާފު ލިބޭކަން މީހުންނަށް އިހުސާސްވެފައި ނުވާ މިންވަރެވެ.

ކުޑަކުދިންނަށް ކުރާ އަނިޔާއާ ދެކޮޅަށް އިއްޔެ މާލޭގައި ބޭއްވި އެއްވުމަށް ޖެންޑާ، މިނިސްޓަރު ޝިދާތާ ޝަރީފް ވަޑައިގެން -- ސަން ފޮޓޯ/ ނަޖާހު މަސްއޫދު

"އެއް ދޮރުން ވައްދައިގެން އަނެއް ދޮރުން ނެރެން އޭނާ ގެންދާނެ ކަމެއް ނެތް. އަހަރުންނާ ހަވާލުކުރޭ،" އެއްވެ ތިބި ގިނަ މީހުންގެ ވާހަކަ ހުރީ މިހެންނެވެ.

ފްލެޓް ކައިރިއަށް އެއްވި މީހުންގެ ފަރާތުން ފެނިގެން ދިޔައީ ހަމައެކަނި ރުޅިވެރިކަމެއް ނޫނެވެ. އެމީހުން ތިބީ ގޮތްހުސްވެ، ފުން ހިތާމައެއްގަ އެވެ. ބައެއް މީހުން އެ ތުއްތު ކުއްޖާއަށްޓަކައި ކަރުނަ އަޅައި ރުއި މަންޒަރު ފެނުނެވެ.

"އެކުއްޖާއަށް ކޮށްފަ ހުރި ވަރު ފެނުނު މީހަކު ނަަމަ ހިތަށް ކުޅަދާނައެއް ނުވާނެ. މުޅިން ދުޅަވެފަ. މީ އިންސާނުންނެއް ނޫން. ޝައިތޯނުން. ޖަނަވާރުން ވެސް އަމިއްލަ ދަރިން ހިމާޔަތް ކުރޭ،" ރޮމުން އަންހެނަކު ކިޔަމުން ދިޔަ އެވެ. ބެލެވޭ ގޮތުގައި އެއީ ކުޑަ ކުއްޖާއާ ގާތްތިމާގެ ކަމުގެ ގުޅުމެއް އޮތް މީހެކެވެ.

އެއްވެފައި ތިބި މީހުން ހަމައަކަށް އެޅުވޭތޯ ފުލުހުން ވަރަށް މަސައްކަތް ކުރި އެވެ. އެންމެފަހުން ކޮންޓްރޯލް ނުވުމުން މީހުން ދުރުކުރަން ބާރުގެ ބޭނުންކޮށް، ޕެޕާ ސްޕްރޭ ވެސް ޖެހި އެވެ. އޭގެ އަސަރުކުރި މީހުން ދުރަށް ގޮސް މޫނަށް ފެން އަޅައިގެން އަނެއްކާވެސް އެއްވުމުގެ ތެރެއަށް ވަނެވެ. އެކަކު ވެސް އެތަން ދޫކޮށް ދާކަށް ބޭނުމެއް ނުވި އެވެ.

އެއްވެ ތިބި މީހުންގެ އެންމެ ބޮޑު ޝަކުވާއަކަށްވީ "އަމިއްލަ ދަރި ގަޔަށް އެރި ޖަނަވާރަކަށް" ފުލުހުން ހިމާޔަތް ދިނުމެވެ. އެފަދަ މީހަކު ހިމާޔަތް ކުރުމުގެ ބޭނުމެއް ނެތް ކަމަށް އެ މީހުން ގޮވަމުން ދިޔަ އެވެ. ހަމަ ހަވަރަށް ދޭންވީ ކަމަށް ވެސް އަޑުއުފުލި އެވެ. ރައްޔިތުންގެ ލޭ ކެކި، ފުލުހުންނާ ދެމެދު ކުރިމަތިލުންތަކެއް ހިނގި އެވެ. ކުރިމަތިލުންތަކުގައި ބައެއް ފުލުހުންނަށާއި އާންމުންނަށް އެކިވަރުގެ އަނިޔާވެ، އާންމުންގެ ބައެއް މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެވެ.

ކުޑަކުދިންނަށް ކުރާ އަނިޔާއާ ދެކޮޅަށް މާލޭގައި ބޭއްވި އެއްވުމުގެ ތެރެއިން -- ސަން ފޮޓޯ/ ނަޖާހު މަސްއޫދު

އެކުއްޖާގެ ބައްޕަ މިހާރު ވަނީ ހައްޔަރުކޮށްގެން ދޫނިދޫއަށް ގެންގޮސްފަ އެވެ. އޭނާ އެތަނުން ނެރެން ޖެހުނީވެސް، އޭނާއަށް ފުލުހުންގެ ޔުނީފޯމް ލައްވައި އޮޅުވާލައިގެންނެވެ. އެކަން ނުކުރި ނަމަ، ސަލާމަތުން ފުލުހުންނަށް އޭނާ ހައްޔަރެއް ނުކުރެވޭނެ އެވެ.

އޭނާ އެކަނި ހައްޔަރު ކުރުމުން ވެސް އެއްވެ ތިބި މީހުން ނުރުހުން ފާޅުކުރި އެވެ. އޭނާއަށް ހިމާޔަތް ދިން ގޭގައި ތިބި މީހުން ވެސް ހައްުޔަރު ކުރަން އެއް ބަޔަކު ގޮވަމުން ދިޔަ އެވެ. އޭނާ ހައްޔަރުކޮށްގެން ގެންދިޔައީ ރަޔަޓް ފުލުހުން އައިސް އެއްވެ ތިބި މީހުން ވަރަށް ބޮޑަށް ދުރަށް ޖެއްސުމަށްފަހު އެވެ. އޭނާ ގެންދިޔަ ފަހުން ވެސް އެ ސަރަހައްދުގައި ތިބެގެން ގިނަ ބަޔަކު ވަނީ ނުރުހުން ފާޅުކޮށްފަ އެވެ.

އުމުރުން އެންމެ ދެ އަހަރުގެ ކުއްޖާ ރޭޕްކުރި ކަމުގެ ތުހުމަތުގައި އެކުއްޖާގެ ކާފަ (62އ) އަދި މުނިކާފަ (81އ) އިއްޔެ މެންދުރު ވަނީ އެރަށުން ހައްޔަރުކޮށްފަ އެވެ. މި މައްސަލައިގެ ތުހުމަތުގައި ހައްޔަރު ކުރުމުގެ ކުރިން، 81 އަހަރުގެ މީހާ އެރަށުގެ ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ފުރައްސާރަ ކޮށްގެން ފުލުހުންނާއި ޖެންޑާއަށް ވަނީ ރިޕޯޓުކޮށްފަ އެވެ.

ނަމަވެސް އެމީހާއަށް ނަސޭހަތް ދިނުމަށްފަހު މިނިވަނެއްގެ ގޮތުގައި އެރަށު ތެރޭގައި އުޅެން ދޫކޮށްލީ އެވެ. އެ މިނިވަންކަންމަތީގައި އުޅެމުން ދަނިކޮށް ހައްޔަރު ކުރީ އަމިއްލަ ލޭ ހިނގާ ދަރިއަކު ރޭޕްކޮށްގެން އެކަން ފަޅާއަރައި ރައްޔިތުން ރުޅިގަދަވި ފަހުންނެވެ.

މިއަދު އެއްވި މީހުން ދެއްކި ވާހަކަ އަކީ މިއީއެވެ. ކަމާބެހޭ އިދާރާތަކުން އިންސާފު ލިބޭނެ ކަމުގެ އުންމީދެއް ނެތެވެ. މިއަދު ފްލެޓް ކައިރީ ކަންތައްތައް އެހާ ގޯސްވެެގެން ދިޔައީ ވެސް މިހެންވެއެވެ. އެއްވުމުގެ ތެރެއިން ގޮވަަމުން ދިޔައީ އެމީހުން ރޭޕިސްޓުންނާ ދޭތެރޭ ގެންގުޅެނީ "ޒީރޯ ޓޮލަރެންސް" ކަމަށެވެ.

https://sun.mv/130338

އިންސާފަށް އާދޭސް ކުރަމުން މިއަދު ޒުވާނުންތަކެއް ވަނީ ޖެންޑާ މިނިސްޓްރީ ހުންނަ އިމާާރާތް ކައިރީވެސް އިހުތިޖާޖެއް ކޮށްފަ އެވެ. އިހުތިޖާޖުގެ ބައިވެރިންނާ ބައްދަލުކުރުން މިނިސްޓަރު ޝިދާތާ ޝަރީފް އެތަނަށް ވަޑައިގަތުމުން، އެމީހުން ވަނީ ޝިދާތާގެ އިސްތިއުފާއަށް ވެސް ގޮވައިފަ އެވެ. ހަގީގަތުގައި ވެސް ކުދިން ރައްކަލަށް ޖެންޑާއިން އެކަށީގެންވާ ފިޔަވަޅު އަޅާ ކަމަކަށް މިހާރު އާންމުންނަކަށް ގަބޫލެއް ނުކުރެވެ އެވެ. މިނިސްޓަރަށް އިތުބާރު ގެއްލިއްޖެ އެވެ. މައްސަލައަކީ ޖިންސީ މައްސަލަތައް ހިނގުމެއް ނޫނެވެ. އެކަށީގެންވާ ފިޔަވަޅު ނޭޅި މިނިސްޓްރީ ފެއިލްވަމުންދިޔުމެވެ.

ނަތީޖާއަކީ، ދެ އަހަރުގެ ކުއްޖާގެ ދިފާއުގައި އިއްޔެ އެކި ރަށްރަށުގައިވެސް މުޒާހަރާތައް ކުރުމެވެ. އެ ކުއްޖާގެ ކާފަ އާއި މުނި ކާފަ ހައްޔަރުކޮށްގެން ގއ. ގެމަނަފުއްޓަށް ގެންދިޔުމުން އެ ރަށު ޕޮލިސް ސްޓޭޝަން ދޮށަށް އެއްވެ އެ ރަށު މީހުން މުޒާހަރާ ކުރި އެވެ. އެންމެ ފަހުން ފުލުހުންނަށް ޖެހުނީ، އެ މީހުން ކާޑެއްދޫގައި ހުންނަ ސިފައިންގެ މަރުކަޒަށް ބަދަލުކުރާށެވެ. އެހެން ނޫނީ ރަށުގެ މަސްލަހަތު ރޭ ވަރަށް ގޯސްވީހެވެ.

މި ހުރިހާ ކަމަކުން ބުނެދިން ވާހަކައަކީ، ޖިންސީ ގޯނާގެ އަމަލުތައް ދިވެހިން ކުޑަކަމެއްގެ ގޮތުގައި ނުނަގާ ކަމެވެ. އެފަދަ ކަންކަމަށް އިންސާފު ލިބޭކަން ދިވެހިންނަށް އިހުސާސް ނުކުރެވޭ ކަމެވެ. ރައްޔިތުން ގާނޫނުތައް ތަންފީޒު ކުރަން މަގުމައްޗަށް ނިކުންނަން ޖެހެނީ އެހެންވެގެންނެވެ. އިއްޔެ ފެނުނީ އެ މަންޒަރެވެ. މުޅި ރާއްޖެ ބުނީ، ރޭޕިސްޓުންނަށް މާފެއް ނެތް ކަމަށެވެ. އެކަމުގައި އިހުމާލުވި އެންމެންނަށް ފިޔަވަޅު ނޭޅޭ ނަމަ އެކަން ކުރަން ދިވެހިން ނިކުންނާނެ ކަމެވެ.

comment ކޮމެންޓް