ކުޑަކުއްޖަކު ރޭޕް ކުރި ސިފައިންގެ ދެ މީހުން ތިބީ އަދިވެސް ވަޒީފާގައި: ރޮޒައިނާ

އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް

ކުޑަކުއްޖަކު ރޭޕް ކުރި ސިފައިންގެ ދެ މީހަކާ މެދު އެއްވެސް ފިޔަވަޅެއް އަޅާފައިނުވާ ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

ދެކުނު ރަށެއްގައި ތިންބަފައިން ދެ އަަހަރުގެ ކުޑަކުއްޖަކު ރޭޕްކުރި މައްސަލައެއް ފެންމަތިވުމާއެކު ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމެޓީން ކުއްލި ބައްދަލުވުމެއް ހުކުރު ދުވަހުގެ ރޭ ވަނީ ބާއްވައިފައެވެ.

އެ ބައްދަލުވުމުގައި ރޮޒައިނާ ވިދާޅުވީ ރޭޕްކުރި ސިފައިންގެ ދެ މީހުންނަށް އެއްވެސް އަދަބެއް ނުލިބި އަދިވެސް ދޫވެފައި ތިބި ކަމަށެވެ.

"އެއްކަލަ ސިފައިންގެ މީހުން ޔުނީފޯމު އަޅައިގެން އޮފީހަށް ގޮސްގޮސް އެ ތިބެނީ. ރޭޕްކުރި ކުއްޖާ އެ ހުރީ ހުރި ގޮތަށް. ކަމެއް ކިޔައި ނުދެވޭ ވަރުގެ ކުއްޖެއް ނޫން. ފަނަރަ އަހަރުގެ ކުއްޖެއްގެ ވާހަކަ މި ދައްކަނީ. އެކަމަކު އަދިވެސް އެ މީހުން ދޫވެފައި އެ ތިބެނީ،" ރޮޒައިނާ ވިދާޅުވިއެވެ.

އެ މައްސަލައިގައި ރޭޕްގެ ޝިކާރައަކަށްވި ކުޑަކުއްޖާގެ މަންމަ ފުލުހުންނަށް މައްސަލަ ހުށަހަޅައިގެން ކޮޅެއްގައި ނުޖެހުމުން ރޮޒައިނާ އިސްނަންގަވައިގެން އަމިއްލައަށް ފުލުހުންގެ އިދާރާއަށް ގޮސް މައްސަލަ ހުށަހެޅުުއްވިކަމަށް އޭނާ ވިދާޅުވިއެވެ.

ދެކުނުގެ ރަށުގައި ރޭޕްކުރުމުގައި ޝާމިލްވި ތިން ބަފައިން މިހާރު ވަނީ ހައްޔަރުވެސްކޮށްފައެވެ. އެ މައްސަލައިގައި ކަނޑުހުޅުދޫ ކައުންސިލަރުންނާ ސުވާލު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ހިއުމަންރައިޓްސް އެންޑް ޖެންޑާއިން މިހާރު ވަނީ ނިންމައިފައެވެ.

އެ މައްސަލާގައި ދައުލަތުގެ މުއައްސަސާތަކުން އިހުމާލުވެފައިވޭތޯ ބެލުމަށް ހިއުމަންރައިޓްސް ކޮމިޝަނުން ވަނީ ތަހުގީގެއް ހިންގުމަށް ވެސް ނިންމާފައެވެ.

އެ ކޮމިޝަނުން މިރޭ ނެރުނު ބަޔާނެއްގައި ވަނީ އެ މައްސަލާގައި ދައުލަތުގެ މުއައްސަސާތަކުން އިހުމާލުވެފައިވާ ކަމަށް ތަހުގީގަށް ފާހަގަކުރެވޭނަމަ އެ ބައެއްގެ މައްސަލަ ތަހުގީގު ކުރާނެ ކަމަށެވެ.

comment ކޮމެންޓް