ދެބަފައިންނާ ދެކޮޅަށް ހުވަދޫ ތިން ރަށެއްގައި މުޒާހަރާ ކުރަނީ

ގދ. ތިނަދޫ ބަނދަރަށް އެރަށު އާންމުންތަކެއް އެއްވެފައި-- ފޮޓޯ/ ކިޔުންތެރިއެއް

ދެ އަހަރު ނުފުރޭ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހިމެނޭ އެކުއްޖާގެ ކާފައާއި މުނިކާފައާއި ދެކޮޅަށް ގއ. އަދި ގދ. ރަށްރަށުގައި ރައްޔިތުން މުޒާހަރާ ކުރަން ފަށައިފި އެވެ.

ގެމަނަފުށީ ކައުންސިލްގެ ރައީސް އަބްދުﷲ ޝިޔާން ވިދާޅުވީ މިރޭ އެ ރަށުގެ ރައްޔިތުން އެ ރަށުގެ ބަނދަރު ސަރަހައްދަށް އެއްވެ، މުޒާހަރާ ކޮށްފައިވާ ކަމަށެވެ.

އެ ރަށު ކޯޓުން 15 ދުވަހުގެ މުއްދަތެއް އެ ދެމީހުންނަށް ޖެހުމަށްފަހު އެ ރަށުން ފުރުވާލި ވަގުތު ވެސް ބަނދަރަށް މީހުން އެއްވެފައި ތިބި ކަމަށާއި ނަމަވެސް އެއްވެސް ހަމަނުޖެހުމެއް ހިނގާފައިނުވާ ކަމަށް ޝިޔާން ވިދާޅުވި އެވެ.

މިއަދު ހަވީރު އެ ރަށު ޕޮލިސްޓޭޝަން ދޮށަށް ވެސް އާންމުން ވަނީ އެއްވެފަ އެވެ. އަދި ކޮންމެވެސް ވަރެއްގެ ހަމަނުޖެހުންތަކެއް ހިނގައި، އާންމުންގެ ތެރެއިން ބަޔަކަށް އަނިޔާވެސް ލިބުނު ކަމަށް ކައުންސިލުން ބުނެ އެވެ.

މުއްދަތު ޖެހުމަށްފަހު ބަންދުގައި ބެހެއްޓުމަށްޓަކައި ގެމަނަފުށިން އެހެން ރަށަކަށް ގެންދިޔަ ނަމަވެސް ގެންދިޔައީ ކޮން ރަށަކަށް ކަން އެނގިފައި ނުވެ އެވެ.

އެ ދެމީހުން ތިނަދޫއާއި ވިލިނގިއްޔަށް ގެންނަން އުޅޭކަމުގެ އަޑުތަކެއް ފެތުރުމާއެކު އެ ދެ ރަށުގެ ރައްޔިތުން ވެސް ވަނީ ބަނދަރު ސަރަހައްދަށް ނިކުމެ މުޒާހަރާ ކުރަން ފަށާފަ އެވެ.

ތިނަދޫ މީހަކު "ސަން" އަށް މައުލޫމާތު ދެމުން ބުނީ އެ ދެމީހުން ގެންނަން އުޅޭ ހަބަރުތަކެއް ރަށު ތެރޭގައި ފެތުރިގެން، 200 ވަރަކަށް މީހުން އެ ރަށުގެ ބަނދަރަށް އެއްވެފައިވާ ކަމަށެވެ.

ނަމަވެސް ފުލުހުން ވެސް އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން ދާތީ އެއްވުމުގައި ބައިވެރިން ތިބީ ދުރު ދުރުގައި، އެކި ދިމަދިމާލަށް ބެހިގެން ކަމަށް އޭނާ ބުންޏެވެ.

މީގެ އިތުރުން ވިލިނގިލިން "ސަން"އާ ވާހަކަ ދެއްކި މީހަކު ބުނީ ރައްޔިތުން ވެސް މިއަދު ދެވަނަ ފަހަރަށް އެ ރަށު ބަނދަރު ސަރަހައްދަށް އެއްވެގެން އުޅޭ ކަމަށެވެ.

"ހަވީރު މިރަށަށް ގެންނަން އުޅޭ ވާހަކައެއް އިވިގެން ހަވީރު ވެސް ނިކުތް. މުއްދަތް ޖަހަން ގެމަނަފުއްޓަށް ގެންދިޔައީމަ އޭރު އޮތް އެއްވުން ނިންމާލި. މުއްދަތް ޖަހާފައި މިރަށަށް ގެންނަން އުޅޭ ކަމަށް ބެލެވޭތީ އަނެއްކާ ވެސް ބަނދަރު ކައިރިއަށް މީހުން އެއްވީ." ވިލިނގިލިން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

ދެ އަހަރު ނުފުރޭ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ މައްސަލައެއްގައި އެ ކުއްޖާގެ ކާފައާއި މުނިކާފަގެ ބަންދަށް 15 ދުވަހުގެ މުއްދަތެއް ޖަހާފައިވާއިރު، އެ ކުއްޖާގެ ބައްޕަ ވެސް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.

އޭނާ ހައްޔަރުކުރީ އެ މައްސަލައާއި ގުޅިގެން ފިލައިގެން މާލެއަށް އައުމަށްފަހު ހުޅުމާލެ 108 ނަންބަރު ފުލެޓް ތެރެއިންނެވެ.

އޭނާ ހައްޔަރު ކުރުން ލަސްވެގެން އެސަރަހައްދަށް ވެސް އާންމުން ވަނީ އެއްވެ، މުޒާހަރާ ކޮށްފަ އެވެ.

އެ މުޒާހަރާގައި ހަމަނުޖެހުންތަކެއް ހިނގައި ތިން މީހަކު ހައްޔަރުކުރިއިރު، ފުލުހުންނަށް ވެސް އެކިވަރުގެ އަނިޔާ ވަނީ ލިބިފަ އެވެ. އަދި ކުއްޖާގެ ބައްޕަ ފިލައިގެން ހުރި ގެއަށް ވެސް ގާ އުކައި، އެކިވަރުގެ ގެއްލުންތަކެއް އެއްވި އާންމުންގެ ތެރެއިން މީހުން ވަނީ ދީފަ އެވެ.

comment ކޮމެންޓް