ކުޑަކުއްޖާ ރޭޕްކުރި މައްސަލާގައި މަޖިލީހުގެ ކޮމިޓީން ކަނޑުހުޅުދޫ ކައުންސިލާ ސުވާލު ކުރަން ނިންމައިފި

ކަނޑުހުޅުދޫ ކައުންސިލަރުން ރައީސް ސޯލިހާ އެކު ބޭއްވި ބައްދަލުވުމެއްގެ ތެރެއިން --- ފޮޓޯ/ ރައީސް އޮފީސް

އުމުރުން ދެ އަހަރު ވާން ކައިރިވެފައިވާ ކުޑަ އަންހެން ކުއްޖަކު ރޭޕްކުރި މައްސަލައާ ގުޅިގެން ގއ. ކަނޑުހުޅުދޫ ކައުންސިލަރުންނާ ސުވާލު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ހިއުމަންރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ނިންމައިފިއެވެ.

މިރޭ ބޭއްވި އެ ކޮމިޓީގެ ބައްދަލުވުމުގައި ކޮމިޓީގެ މުގައްރިރު، ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހްމޫދު ވިދާޅުވީ ޖިންސީ ގޯނާ ފަދަ މައްސަލަތައް ހުއްޓުވުމުގައި ކައުންސިލްތަކުގެ ޒިންމާއެއް ވެސް އޮންނާނެ ކަމަށެވެ. އެހެންކަމުން ކުޑަކުއްޖާ ރޭޕްކުރި މައްސަލާގައި ކަނޑުހުޅުދޫ ކައުންސިލާ ބައްދަލުކުރަން ނިންމާފައިވާ ކަމަށް ޖީހާން ވިދާޅުވިއެވެ.

ޖީހާން ވިދާޅުވީ މާދަމާ ރޭ 9:00 ގައި ބާއްވާ އެ ކޮމިޓީގެ ބައްދަލުވުމުގައި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކަނޑުހުޅުދޫ ކައުންސިލަރުންނާ ބައްދަލުކުރާނެ ކަމަށެވެ.

ކަނޑުހުޅުދޫ ކައުންސިލަކީ އެމްޑީޕީގެ މެޖޯރިޓީ އޮންނަ ކައުންސިލެކެވެ. އެ ކައުންސިލްގެ ރައީސް އަހްމަދު ޝަހީމާއި ނައިބު ރައީސް ޝިއުމާޒް އަބްދުއްސަމަދަކީ އެމްޑީޕީގެ ބޭފުޅުންނެވެ. ދެން އެ ކައުންސިލްގައި ހިމެނިވަޑައިގަންނަވަނީ ޕީޕީއެމަށް ނިސްބަތްވާ ކައުންސިލަރު ޝާހިދު އިބްރާހިމް ދީދީއެވެ.

ޖީހާން ވިދާޅުވީ ކަނޑުހުޅުދޫ ކައުންސިލްގެ އިތުރުން ކަމާ ގުޅުންހުރި އެހެން މުއައްސަސާތަކާ ވެސް މާދަމާ ރޭ ކޮމިޓީން ބައްދަލުކުރާނެ ކަމަށެވެ.

ކުޑަ އަންހެން ކުއްޖާ ރޭޕްކުރި ކަމަށް ތުހުމަތު ކުރެވޭ މީހުންނާ ގުޅޭގޮތުން މީގެކުރިން ވެސް އެފަދަ ތުހުމަތުތަކެއް ކުރެވިފައިވާއިރު، ކަމާ ބެހޭ ފަރާތްތަކުން އެކަމުގައި ފިޔަވަޅު އަޅާފައިނުވާ ކަމަށް އެރަށުގެ ބައެއް މީހުން ވަނީ ބުނެފައެވެ.

އެ މައްސަލާގައި ދައުލަތުގެ މުއައްސަސާތަކުން އިހުމާލުވެފައިވޭތޯ ބެލުމަށް ހިއުމަންރައިޓްސް ކޮމިޝަނުން ވަނީ ތަހުގީގެއް ހިންގުމަށް ނިންމާފައެވެ.

އެ ކޮމިޝަނުން މިރޭ ނެރުނު ބަޔާނެއްގައި ވަނީ އެ މައްސަލާގައި ދައުލަތުގެ މުއައްސަސާތަކުން އިހުމާލުވެފައިވާ ކަމަށް ތަހުގީގަށް ފާހަގަކުރެވޭނަމަ އެ ބައެއްގެ މައްސަލަ ތަހުގީގު ކުރާނެ ކަމަށެވެ.

comment ކޮމެންޓް