ކުޑަ ކުއްޖާ ރޭޕްކުރި މައްސަލާގައި ކުއްޖާގެ ބައްޕަ ހައްޔަރުކޮށްފި

ކުއްޖާގެ ބައްޕަ ފިލާ އޮތް ކަމަށް ބުނާ ފްލެޓް ކައިރީ އާންމު އެއްވެ މުޒާހަރާ ކުރަން ފެށުމުން ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވަނީ -- ސަން ފޮޓޯ

އުމުރުން ދެ އަހަރު ފުރެން ކައިރިވެފައިވާ ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި އެ ކުއްޖާގެ ބައްޕަ ވެސް ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ އެ މުއައްސަސާއިން މިހާރު ބަލަމުންދާ ޖިންސީ ގޯނާކުރި މައްސަލައެއްގައި ހުޅުމާލޭ ފުލެޓް ނަންބަރު 108 އިން އުމުރުން 33 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްގެން ދޫނިދުއަށް ގެންގޮސްފައިވާ ކަމަށެވެ.

ދެކުނު ރަށަކުން ދެ އަހަރުގެ ކުއްޖަކަށް އެކުއްޖާގެ އާއިލާގެ މެމްބަރުންތަކެއް ޖިންސީ ގޯނާކުރި ކަމުގެ މައްސަލައެއް ފެންމަތިވީ އިއްޔެގެ ވަގުތެއްގަ އެވެ.

އެ މައްސަލައާއި ގުޅިގެން އެ ކުއްޖާގެ ކާފައާއި މުނިކާފަ މިއަދު މެންދުރުފަހު ވަނީ އެރަށުން ހައްޔަރުކޮށްފަ އެވެ.

އެ މައްސަލައިގެ ތަހުގީގަށް ފުލުހުން އެކުއްޖާގެ ބައްޕަ ހޯދަން ފެށުމުން ފިލައިގެން ހުޅުމާލެއަށް އައި ކަމަށް ކުއްޖާގެ އާއިލާއިން ވަނީ ބުނެފަ އެވެ.

ހުޅުމާލޭ ފުލެޓް ނަންބަރު 108ގެ އެޕާޓްމަންޓެއްގައި އޭނާ ފިލައި ހުރިކަމުގެ މައުލޫމާތު އާންމުވުމާއެކު ގިނަ އަދަދެއްގެ މީހުން މިއަދު މެންދުރު އެ ސަރަހައްދަށް އެއްވެ މުޒާހަރާ ކުރަން ފެށި އެވެ.

އޭނާ ހައްޔަރު ނުކުރެވިގެން އުޅެނީ އެކަމަށް ބޭނުންވާ ކޯޓު އަމުރެއް ނެތުމުން ކަމަށް ފުލުހުން ބުނުމާއެކު މުޒާހަރާގެ ބައިވެރިން ވަނީ އެމީހާ ފިލައި ހުރި ގެއަށް ގާއުކައި، ހަމަނުޖެހުން ހިންގާފަ އެވެ.

މުޒާހަރާ ކޮންޓްރޯލު ކުރަން އެސްއޯ ފުލުހުން އެ ސަރަހައްދަށް ގޮސް ޕެޕާ ސްޕްރޭ ބޭނުން ކުރަން ފެށުމުން ހަމަނުޖެހުން އިތުރުވެ، ފުލުހުންނާއި އާންމުންނާ ދެމެދު ކުރިމަތިލުންތަކެއް ވަނީ ހިނގާފަ އެވެ.

އެ ހަމަނުޖެހުންތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ތިން މީހުން ގެންދިޔައިރު، ފަސް ފުލުހަކަށް އެކިވަރުގެ އަނިޔާ ވަނީ ލިބިފަ އެވެ.

comment ކޮމެންޓް