ދެ އަހަރުގެ ކުއްޖާ ރޭޕްކުރި މައްސަލައިގައި މަޖިލިސް ކޮމެޓީ މިރޭ ބާއްވާނީ

ޖިންސީ ގޯނާގެ ޝިކާރައަކަށްވި ދެ އަހަރުގެ ކުއްޖާގެ ބައްޕަ ފިލައިގެން އުޅޭ ހުޅުމާލެ ފްލެޓް ކައިރީ އިހްތިޖާޖު ކުރަނީ --- ސަން ފޮޓޯ/ ޝަފްނާ ހުސައިން

ދެ އަހަރުގެ ކުއްޖަކަށް ތިންބަަފައިން ވެގެން ޖިންސީ ގޯނާކުރި މައްސަލައިގައި ރައްޔިތުންގެ މަޖިލިސްގެ ހިއުމަން ރައިޓްސް ކޮމެޓީގެ ކުއްލި ބައްދަލުވުމެއް މިރޭ ބާއްވަން ތާވަލްކޮށްފި އެވެ.

ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމެޓީގެ ބައްދަލުވުން ތާވަލްކޮށްފައިވަނީ މިރޭ 08:30 އަށެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުންފަދަ ސީރިއަސް މައްސަލަތައް އާންމުކޮށް ބާއްވަނީ ސިއްރުންނެވެ. ނަމަވެސް މިރޭ އެ ކޮމެޓީގެ ބައްދަލުވުން ކުރިއަށް ގެންދާނީ ސިއްރުންކަމެއް އަދި ނޭނގެ އެވެ.

ދެކުނު ރަށެއްގައި ދެ އަހަރުގެ އަންހެން ކުއްޖަކަށް އޭނާގެ ބައްޕައާއި ކާފަ އަދި މުނިކާފަ ވެގެން ޖިންސީ ގޯނާކޮށް ރޭޕް ކުރި ކަމަށް ތުހުމަތުވާ މައްސަލަ ފެންމަތިވީ މި މަހުގެ 15 ދުވަހު އެވެ. އެ މައްސަލައިގައި ފުލުހުން މިހާރު ވަނީ އެ ކުއްޖާގެ ކާފަ އާއި މުނިކާފަ މިއަދު ހައްޔަރުކޮށްފަ އެވެ.

އެ މައްސަލައާއި ގުޅިގެން ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފުގެ އިސްތިއުފާއަށް ގޮވާލައި، މިއަދު ހަވީރު މާލޭގައި ހިނގާލުމެއް ވެސް ވަނީ ބާއްވާފަ އެވެ. ނަމަވެސް އެ އިޖުތިޖާޖު ކުރާ ސަރަހައްދަށް ވަޑައިގެން ޝިދާތާ ވިދާޅުވީ އިސްތިއުފާ ދޭނީ އިސްތިއުފާ ދީގެން ޖިންސީ ގޯނާ ހުއްޓޭނެ ކަމުގެ ޔަގީންކަން މުޒާހަރާ ކުރާ ފަރާތްތަކުން ދިނުމުން ކަމަށެވެ.

އެ ކުއްޖާ ނިސްވަތްވާ އަތޮޅުގެ އެކި ރަށްތަކުގައި އަންނަނީ އެކަމާ ދެކޮޅަށް މިހާރު މުޒާހަރާ ކުރަމުންނެވެ.

ކުޑަކުއްޖާ ރޭޕްކުރި މައްސަލައިގައި ތުހުމަތު ކުރެވޭ މުނި ކާފަގެ މިފަދަ މައްސަލައެއް މީގެ ކުރިންވެސް ފެންމަތިވި އެވެ. ނަމަވެސް އޭރުވެސް އޭނާއާ މެދު އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާ ކަމަށް އާއިލާއިން ބުނެ އެވެ.

comment ކޮމެންޓް