ކުއްޖާގެ ބައްޕަ ހައްޔަރު ނުކުރުމުން ހަމަނުޖެހުންތަކެއް، ފުލުހެއްގެ ބޯ ފަޅާލައިފި

ޖިންސީ ގޯނާގެ ޝިކާރައަކަށްވި ދެ އަހަރުގެ ކުއްޖާގެ ބައްޕަ ފިލައިގެން އުޅޭ ހުޅުމާލެ ފްލެޓް ކައިރީ އިހްތިޖާޖު ކުރަނީ --- ސަން ފޮޓޯ/ ޝަފްނާ ހުސައިން

އުމުރުން ދެ އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވޭ އެ ކުއްޖާގެ ބައްޕަ ފިލައިގެން އުޅޭ ހުޅުމާލެ 108 ނަންބަރު ފުލެޓު ކައިރީގައި ކުރަމުންދާ މުޒާހަރާގެ ތެރެއިން ފުލުހެއްގެ ބޯފަޅާލައިފި އެވެ.

ދެކުނުގެ ރަށެއްގައި ދެ އަހަރުގެ ކުޑަކުއްޖަކު ރޭޕްކުރި މައްސަލައިގައި ތުހުމަތު ކުރެވޭ، އެ ކުއްޖާގެ ބައްޕަ 108 ނަންބަރު ފުލެޓުގައި ފިލާ އޮތްކަމުގެ މައުލޫމާތު ލިބިގެން މިއަދު މެންދުރުން ފެށިގެން އާންމުން ވަނީ އެ ސަރަހައްދަށް އެއްވެފަ އެވެ.

އެއްވެ ތިބި އާންމުން ހަމަނުޖެހުން ހިންގަން ފެށީ ކޯޓު އަމުރެއް ނުލިބިގެން ފުލުހުންނަށް އޭނާ ހައްޔަރު ނުކުރެވި ލަސްވާތީ ކަމަށް ބުނެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު "ސަން"އަށް ވިދާޅުވީ ހުޅުމާލޭ ފްލެޓެއް ކައިރީގައި މިއަދު ހަވީރުން ފެށިގެން ބަޔަކު އެއްވެގެން އުޅޭ ކަމަށާއި އެ އެއްވުމުގެ ތެރެއިން ފްލެޓަށް ގެއްލުންދީފައިވާ ކަމަށެވެ. އަދި އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވި ފުލުހަކަށް އަނިޔާ ލިބިގެން ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.

އެ ސަރަހައްދުގައި ހަރަކާތްތެރިވި ސަންގެ ނޫސްވެރިޔާ ބުނީ އާންމުންނާއި ފުލުހުންނާ ދެމެދު ހިނގި ހަމަނުޖެހުންތަކުގައި ތިން ފުލުހަކަށް އަނިޔާ ލިބިގެން، އެ ގޭ ތެރޭގައި ފަރުވާ ދެމުން އަންނަ ކަމަށެވެ.

ޖިންސީ ގޯނާގެ ޝިކާރައަކަށްވި ދެ އަހަރުގެ ކުއްޖާގެ ބައްޕަ ފިލައިގެން އުޅޭ ހުޅުމާލެ ފްލެޓް ކައިރީ އިހްތިޖާޖު ކުރަނީ --- ސަން ފޮޓޯ/ ޝަފްނާ ހުސައިން

ހަވީރުގެ ވަގުތެއްގައި ކުއްޖާގެ ބައްޕަ ފިލާ އޮތް ގެއަށް އާންމުން ވަނީ ގާއުކައި، އެ ގޭ ކުޑަދޮރެއްގެ ބިއްލޫރިގަނޑު ތަޅާލާފަ އެވެ.

ހަމަނުޖެހުން ކޮންޓްރޯލު ކުރުމަށްޓަކައި އެސްއޯ ފުލުހުން އެ ސަރަހައްދަށް ދިޔަ ނަމަވެސް، އާންމުން ވަނީ އެ ގޭ ބެލްކަނީގެ ދޮރު ވެސް ވައްޓާލާފަ އެވެ.

ހަމަނުޖެހުން ބޮޑުވީ އެތަނަށް އެއްވެފައި ތިބި އާންމުން ދުރުކުރަން ފުލުހުން ބާރުގެ ބޭނުންކޮށް ޕެޕާ ސްޕްރޭ ޖެހުމުންނެވެ.

އެ ހަމަނުޖެހުންތަކާ ގުޅިގެން ތިން މީހަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

comment ކޮމެންޓް