ޖިންސީ ގޯނާގެ މައްސަލަތައް އަވަހަށް ތަހުގީގުކޮށް ދައުވާ ކުރަން ޖެހޭ: ޕީޖީ

ޕީޖީ ޝަމީމް: ޖިންސީ މައްސަލަތައް އަވަހަށް ތަހުގީގުކޮށް ދައުވާ ކުރުން އަވަސްވާން ޖެހޭ ކަމަށް ވިދާޅުވި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކުޑަކުދިންނަށް ޖިންސީގޯނާ ކުރާ ކަމަށް ތުހުމަތު ކުރެވޭ މީހުންގެ މައްސަލަތައް އަވަހަށް ތަހުގީގުކޮށް ދައުވާ ކުރުމަކީ މުހިންމު ކަމެއް ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމް ވިދާޅުވެއްޖެ އެވެ.

ޝަމީމް މިހެން ވިދާޅުވެފައި މިވަނީ، ތިން ބަފައިން ވެގެން ދެ އަހަރުގެ ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފެންމަތިވެފައިވަނިކޮށެވެ.

ޝަމީމް މިއަދު ކުރެއްވި ޓްވީޓްގައި ވިދާޅުވީ، އެފަދަ މައްސަލަތައް އަވަހަށް ތަހުގީގުކޮށް، ދައުވާ ކުރުމަށް ފުލުހުންނާއި ޕީޖީ އޮފީސް ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށެވެ.

"އަވަހަށް ޝަރީއަތް ނިންމުމަކީވެސް އެހާ މުހިންމު ކަމެއް. ނިޒާމު ހިނގާކަން އިހުސާސްވަން ޖެހޭ،" ޝަމީމް ވިދާޅުވި އެވެ.

އާންމު ގޮތެއްްގައި ރާއްޖޭގައި މައްސަލަތައް ތަހުގީގުކޮށް ދައުވާކޮށް ޝަރީއަތް ނިމުމުގެ މަރުހަލާތައް ދިގުލާ ދިޔުމަކީ އާންމުގެ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ. ބައެއް މައްސަލަތަކުގެ ޝަރީއަތް ކުރުމުގައި އެތަށް އަހަރެއްވެ، ތުހުމަތުވާ މީހުން ދޫވެ، އިންސާފު ނުލިބޭ ވާހަކައަކީ އަބަދުވެސް ދައްކާ ވާހަކައެކެވެ.

ކުޑަކުއްޖާއަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތު ކުރެވެނީ އެކުއްޖާގެ ބައްޕަ އަށާއި ކާފަ އަދި މުނި ކާފަ އަށެވެ. އެ މައްސަލަައިގައި ކާފާއާއި މުނި ކާފަ މިއަދު އެ ރަށުން ވަނީ ހައްޔަރުކޮށްފަ އެވެ. ނަމަވެސް އެ ކުއްޖާގެ ބައްޕަ އަދި ހައްޔަރެއް ނުކުރެ އެވެ. ބައްޕަ ހުރީ ފިލައިގެން މާލެ އައިސް ކަމަށް އާއިލާ އިން ބުނެ އެވެ.

މި މައްސަލައިގައި ތުހުމަތު ކުރެވޭ މުނި ކާފަގެ މިފަދަ މައްސަލައެއް މީގެ ކުރިންވެސް ފެންމަތިވި އެވެ. ނަމަވެސް އޭރުވެސް އޭނާއާ މެދު އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާ ކަމަށް އާއިލާއިން ބުނެ އެވެ.

comment ކޮމެންޓް