ކުއްޖާ "ރޭޕް" ކުރި މައްސަލައިގައި ޝިދާތާ ގޯސްވާން ޖެހޭ ސަބަބެއް ނެތް: މަހްލޫފް

ޔޫތް ސްޕޯޓްސް އެންޑް ކޮމިނިޓީ އެމްޕަވަމެންޓް މިނިސްޓަރު އަހުމަދު މަހްލޫފު --- ސަންފޮޓޯ/

ރާއްޖޭގެ ދެކުނުގެ ރަށެއްގައި ތިން ބަފައިން ވެގެން ދެ އަހަރުގެ ކުޑަ ކުއްޖާ "ރޭޕް" ކުރި މައްސަލައިގައި ޖެންޑާ މިނިސްޓަރު، ޝިދާތާ ގޯސްވާން ޖެހޭ ސަބަބެއް ނެތް ކަމަށް ޔޫތް މިނިސްޓަރު އަހްމަދު މަހުލޫފު ވިދާޅުވެއްޖެ އެވެ.

ކުޑަކުއްޖާއަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތު ކުރެވެނީ އެކުއްޖާގެ ބައްޕަ އަށާއި ކާފަ އަދި މުނި ކާފަ އަށެވެ. އެ މައްސަލަައިގައި ކާފާއާއި މުނި ކާފަ މިއަދު އެ ރަށުން ވަނީ ހައްޔަރުކޮށްފަ އެވެ.

ކުޑަ ކުދިންގެ މިފަދަ މައްސަލަތަކުގައި އާންމުންގެ ފާޑު ކިޔުން އަބަދުވެސް ތަކުރާރުވަމުންދާ މިނިސްޓަރު ޝިދާތާގެ ދިފާއުގައި މަހުލޫފު ކުރެއްވި ޓްވީޓްގައި ވިދާޅުވި، ތިން ބަފައިން ކުއްޖެއް ރޭޕް ކުރުމުން ޝިދާތާ "ގޯސްވާން ޖެހޭ ސަބަބެއް ނެތް" ކަަަމަށެވެ.

"ތުއްތު ކުއްޖާ ރޭޕް ކުރީ އިންސާނުންގެ ސިފައިގައި ތިބި ޖަނަވާރުން. އެންމެ ހަރުކަށި އަދަބު ދޭން ޖެހޭ.... އިސްލާހު ކުރެވޭނީ މުޅި މުޖްތަމައު ބައިވެރިވެގެން،" މަހުލޫފް ވިދާޅުވި އެވެ.

ކުޑަ ކުދިންނަށް ކުރާ މިފަދަ އަނިޔާތަކަށް ފިޔަވަޅު ނޭޅޭތީވެ ޖެންޑާ މިނިސްޓްރީގައި ހުންނަ އިމާރާތުގެ ކުރިމަތީ މިއަދު ހަވީރު ބަޔަކު ދަނީ އިހުތިޖާޖުވެސް ކުރަމުންނެވެ.

ދެ އަހަރުގެ ކުއްޖާއަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި ދެ މީހަކު ހައްޔަރު ކުރި އިރު އެ ކުއްޖާގެ ބައްޕަ އަދި ހައްޔަރެއް ނުކުރެ އެވެ. ބައްޕަ ހުރީ ފިލައިގެން މާލެ އައިސަކަމަށް އާއިލާ އިން ބުނެ އެވެ. ކުޑަ ކުއްޖާ މިވަގުތު ހުރީ ޖެންޑާ މިނިސްޓްރީގެ ބެލުމުގެ ދަށުގައި ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.

މި މައްސަލައިގައި ތުހުމަތު ކުރެވޭ މުނި ކާފަގެ މިފަދަ މައްސަލައެއް މީގެ ކުރިންވެސް ފެންމަތިވި އެވެ. ނަމަވެސް އޭރުވެސް އޭނާއާ މެދު އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާ ކަމަށް އާއިލާއިން ބުނެ އެވެ.

https://sun.mv/130312

comment ކޮމެންޓް