ރޭޕްގެ ތުހުމަތުގައި ކުއްޖާގެ ކާފަ އާއި މުނި ކާފަ ހައްޔަރުކޮށްފި

ދެ އަހަރުގެ ތުއްތު ކުއްޖާ ރޭޕްކުރި މައްސަލައިގައި ފުލުހުން މިއަދު ހައްޔަރު ކުރި އެ ކުއްޖާގެ ކާފަ -- ފޮޓޯ/ ކިއުންތެރިއެއް

ދެކުނުގެ ރަށެއްގައި ދެ އަހަރުގެ ކުއްޖަކު "ރޭޕް"ކުރި މައްސަލައިގައި ތުހުމަތުވާ ދެ މީހަކު މިއަދު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ، މިއަދު މެންދުރު ފަހު އެ ރަށުން ހައްޔަރުކޮށްފައި ވަނީ އުމުރުން 62 އަހަރުގެ ދިވެހި ފިރިހެނަކާއި 81 އަހަރުގެ މީހަކު ކަމަށެވެ. އެ މައްސަލައިގައި ތުހުމަތު ވަނީ އެދެމީހުންގެ މައްޗަށް ކަމަށް ވެސް ފުލުހުން ބުންޏެވެ.

ރޭޕްގެ ތުހުމަތު ކުރެވޭ، މުނި ކާފަ ހައްޔަރުކޮށްގެން ގެންދަނީ -- ފޮޓޯ/ ކިޔުންތެރިއެއް

އެ ރަށުން ވާހަކަ ދެއްކި ބައެއް މީހުން ކަށަވަރުކޮށްދިން ގޮތުގައި ހައްޔަރު ކުރީ އަނިޔާލިބުނު ކުއްޖާގެ ކާފަ އާއި މުނި ކާފަ އެވެ. ކުއްޖާގެ ކާފައަކީ، މިސްކިތުގެ މުދިމެއްގެ ގޮތުގައި މަސައްކަތް ކުރާ މީހެކެވެ. އޭނާގެ މައްޗަށް ކުޑަކުދިންނާ ބެހުމުގެ ތުހުމަތު މީގެ ކުރިން ވެސް ވަރަށް ބޮޑަށް ކުރެވިފައިވެ އެވެ.

އެކަމުގައި ބައިވެރިވުމުގެ ތުހުމަތު ކުއްޖާގެ ބައްޕައަށް ވެސް ކުރެވެ އެވެ. އެހެން ނަމަވެސް ފުލުހުން މިއަދު ބުނީ ކުއްޖާއާ ބެހުމުގެ ތުހުމަތު ކުރެވެނީ ދެ މީހެއްގެ މައްޗަށް ކަމަށާއި އެދެމީހުން ހައްޔަރުކޮށްފައިވާ ކަމަށެވެ.

ކުއްޖާ އަށް ޖިންސީ އަނިޔާ ލިބިފައިވާ މައްސަލަ ފުލުހުންނާއި ޖެންޑާ މިނިސްޓްރީ އަށް ހުށަހަޅާފައިވަނީ މިދިޔަ ބުދަ ދުވަހު އެވެ. އެފަދަ އަނިޔާއެއް އެކުއްޖާ އަށް ލިބިފައިވާކަން އާއިލާ އަށް އެނގުނީ އެކުއްޖާގެ ބަނޑަށް ތަދުވާތީ ޑޮކްޓަރަށް ދެއްކުމަށްފަހު ހެދި ޓެސްޓުތަކުންނެވެ.

ހޮސްޕިޓަލުން ޓެސްޓުތައް ހެދިއިރު ލިބުނު ނަތީޖާ އަކީ "އިއާދަ ނުކުރެވޭނެ ފަދަ އަނިޔާތަކެއް ކުއްޖާއަށް ލިބިފައިވާ" ކަމެވެ. އެތައް ބޮޑެތި ފިރިހެނުންތަކެއް ވެގެން ކުއްޖާ ރޭޕްކޮށްފައި ހުރިކަން ޑޮކްޓަރު އާއިލާއަށް ކަށަވަރުކޮށްދިން ކަމަށް އާއިލާ އިން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

"ހަ ގަޑިއިރުގެ ޓެސްޓުތައް ހެދި. ޓެސްޓުތައް ދެއްކީ ކުއްޖާ ހުރީ ގަދަޔަށް ރޭޕްކޮށްފައިކަން. އަނބުރާ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުން ލިބިފައި ހުރީ ކުއްޖާއަށް. ޑޮކްޓަރުވެސް އެތަނުން ހެދި ޓެސްޓުތައް ބަލާފައި ޝަހާދަތްކީ. ބުނީ މިއީ އިންސާނުން ކުރާނެ ވަރުގެ ކަމެއް ނޫނޭ. އެހާވަރު ވެފައި ހުރީ،" މިދިޔަ ހަފްތާ ހިނގައިދިޔަ އެ ހާދިސާ އާއި ގުޅޭގޮތުން އެ ވާހަކަ ހިއްސާ ކުރި އާއިލާ މީހަކު "ސަން"އަށް ބުންޏެވެ. "އެ ކުޑަ ކުއްޖާ އަށް ވާހަކަ ދެއްކޭ. ޖެންޑާ އިން އެކުއްޖާގެ ވާހަކަތައް އެބަ ރެކޯޑު ކުރޭ. މައްސަލަ އެބަ ބަލާ. ކުއްޖާ އެބަ ކިޔައިދޭ ބައްޕި މިހެންނޭ ހެދީ، ކާފަ މިހެންނޭ ހެދީ،"

އަމިއްލަ ބައްޕަ އާއި ކާފަ އަދި މުނިކާފަގެ ފަރާތުން ޖިންސީ އަނިޔާ ކުރިމަތިވި ތުއްތު ކުއްޖާ އަށް ނަފްސާނީ ގޮތުންވެސް ވަނީ ގެއްލުންވެފަ އެވެ. ފާހާނާ އަށް ވަނުމަށް އެ ތުއްތު ކުއްޖާ ބިރުގަނެ އެވެ. ނެޕީ ބަދަލުކުރަން ޖެހިލުންވެ އެވެ. އަބަދު ހުންނަނީ ސިހިސިހި، ރޮވިފަ އެވެ.

ޖިންސީ އަނިޔާ ލިބުނު ކުޑަ ކުއްޖާ ޖެންޑާ މިނިސްޓްރީގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް އެ މިނިސްޓްރީ އިން މިއަދު ބުންޏެވެ.

ކުޑަ ކުއްޖާގެ މަންމަ ވެސް މާލެ ގެނެސް ފަރުވާދެމުން އަންނަނީ ޑްރަގް އޯވަޑޯޒްގެ މައްސަލައެއްގަ އެވެ. ކުއްޖާ އަށް ޖިންސީ ގޯނާކުރުމުގައި ބައިވެރިވާ ކަމަށް ތުހުމަތުވާ ކުއްޖާގެ ބައްޕަ "ފިލައިގެން" އައިސް މިހާރު އުޅެނީ މާލޭގައި ކަމަށް ވެސް އެ ރަށު މީހަކު ބުންޏެވެ.

ކުޑަ ކުއްޖަކަށް ޖިންސީ އަނިޔާކުރި މައްސަލަ ފެންމަތިވެ ފިޔަވަޅު އެޅުން ލަސްވިއިރު، އެފަދަ މައްސަލަތަކާ ދެކޮޅަށް އަޑު އުފުލުމަށް މާލޭގައި މިއަދު އެއްވުމެއް ބާއްވަން ވަނީ ނިންމައިފައެވެ.

comment ކޮމެންޓް