ފިންލޭންޑުގެ އެންމެ ބޮޑު ފެއާގައި ރާއްޖެ އިޝްތިހާރު ކުރަނީ

މަޓްކާގައި ރާއްޖެ އިޝްތިހާރުކުރުން -- ފޮޓޯ :އެމްއެމްޕީއާރުސީ

ފިންލެންޑުގެ ހެލްސިންކީގައި ބާއްވާ އެ ގައުމުގެ އެންމެ ބޮޑު ޓޫރިޒަމް ފެއާ، "މަޓްކާ" ގައި ރާއްޖެއިން ބައިވެރިވެއްޖެ އެވެ.

އެމްއެމްޕީއާރުސީ އިން ބުނީ މިމަހުގެ 16 އިން 19 އަށް ހެލްސިންކީގައި ބާއްވާ މި ފެއާގައި އެމްއެމްޕީއާރުސީ އާއެކު މި ފެއާގައި ފަތުރުވެރިކަމުގައި ހަރަކާތްތެރިވާ ހަތް ކުންފުންޏަކުން 11 މަންދޫބުން ބައިވެރިވެފައިވާ ކަމަށެވެ.

އެމްއެމްޕީއާރުސީ އިން ބުނީ ފިންލެންޑުގެ އެންމެ ބޮޑު ޓްރެވަލް އެންޑް ޓޫރިޒަމް ފެއާގައި އުތުރު ޔޫރަޕުގެ ގައުމުތަކުގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާއެކު ގުޅުން ބަދަހި ކުރުމަށް ފުރުސަތު ލިބޭނެ ކަމަށެވެ. އަދި އެ ސަރަހައްދުގެ މީޑިއާތަކަށް ރާއްޖެއާއި ބެހޭ މައުލޫމާތުދިނުމަށްވެސް މި ފެއާ އަކީ މުހިއްމު ދައުރެއް އަދާކުރާނެ ފެއާ އެއް ކަމަށް އެމްއެމްޕީއާރުސީ އިން ބުންޏެވެ.

މިއަހަރުގެ މި ފެއާގައި 90 ގައުމަކުން 935 މަންދޫބުން ބައިވެރިވެއެވެ. މިއީ ފިންލެންޑު ސަރަހައްދުގައި ބާއްވާ މިފަދަ އެންމެ ބޮޑު ފެއާ އެވެ.

މި ފެއާގައި ރާއްޖެ އިޝްތިހާރު ކުރާ ސްޓޭންޑުގައި 60 އަކަފޫޓުގެ ސްޓޭންޑުގައި ރާއްޖޭގެ ހިތްގައިމު މަންޒަރުތައް ފެންނަ ގޮތަށް ޑިސްޕްލޭކޮށްފައި ވާއިރު ރާއްޖޭގެ ސްޓޭންޑުގައި ހުރެ ނަގާ ފޮޓޯ އެއް ސޯޝަލް މީޑިއާގައި ޝެއާކޮށްގެން ރާއްޖޭގައި ޗުއްޓީ ހޭދަކުރުމުގެ ފުރުސަތު ލިބޭ މުބާރަތެއް ވެސް ކުރިއަށް ގެންދެއެވެ.

މި ސްޓޭންޑުގައި ރާއްޖޭގެ ސަގާފީ ހެދުން ދައްކާލާ ދިވެހި ރަހަތައް ބަލައިލުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލައިފައެވެ.

އެމްއެމްޕީއާރުސީ އިން ބުނީ އުތުރު ޔޫރަޕަކީ ރާއްޖޭގެ ފަތުރުވެރިކަމުގައި މުހިއްމު މާކެޓެއް ކަމަށެވެ. މިދިޔަ އަހަރު ރާއްޖެއަށް 1.7 ޓޫރިސްޓުން ޒިޔާރަތްކުރި އިރު، އޭގެ ތެރެއިން 57،370 މީހުންނަކީ އެ ސަރަހައްދުގެ ގައުމުތަކުން ރާއްޖެ ޒިޔާރަތްކުރި މީހުންނެވެ.

comment ކޮމެންޓް