ރާއްޖެއަކީ ލޯނުތައް އަނބުރާ ދެއްކުމުގައި ނަމޫނާ ގައުމެއް: އޯޕެކް

އޯޕުން ރާއްޖެއަށް 50 މިލިއަން ޑޮަލރުގެ އެހީ ދިނުމުގެ އެއްބަސްވުމުގައި ސޮއިކުރުން -- ފޮޓޯ: ފިނޭންސް މިނިސްޓްރީ

ރާއްޖޭގައި ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް ދޭ ލޯނުތަކަށް ފައިސާ ދެއްކުމުގައި އެއްވެސް މައްސަލައެއް ނޫޅޭ ކަމަށް އޯޕެކް ފަންޑް ފޯ ޑިވެލޮޕްމެންޓުން ބުނެފި އެވެ.

އޯޕެކް ފަންޑުގެ އެހީގައި ފަސް ރަށެއްގެ ބަނދަރުގެ މަސައްކަތް ކުރުމަށް ބޭނުންވާ ފަންޑިން އަދި އަށް ރަށެއްގެ ފެނާއި ނަރުދަމާގެ މަސައްކަތް ކުރުމަށް ދޭ ލޯނު އެހީގެ އެއްބަސްވުމުގައި ސޮއިކުރުމަށް އިއްޔެ ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އޯޕެކް ފަންޑުގެ ޑިރެކްޓާ ޖެނެރަލް ޑރ. އަބްދުލްހާމިދު އަލް ހަލީފާ ވިދާޅުވީ ލޯނު އެހީގައި ހިންގާ މަޝްރޫއުތައް ތަންފީޒު ކުރުމުގައްޔާއި ލޯނު އަނބުރާ ދެއްކުމުގައި ރާއްޖެއަކީ ނަމޫނާ ގައުމެއް ކަމަށެވެ.

އޯޕެކްގެ ޑިރެކްޓާ ޖެނެރަލް ވިދާޅުވީ ރާއްޖެއަށް އެހީ ދޭތާ ގިނަ ދުވަސްތަކެއް ނުވަނީސް މަޝްރޫއުތައް ފަށާ ކަމަށާއި މިއީ އޯޕެކުން އެހީދޭ ގައުމުތަކާ ބަލާއިރު މަދު ގައުމަކުން ނޫނީ ނުފެންނަ މަންޒަރެއް ކަމަށެވެ.

އޯޕެކުން ރާއްޖެއަށް ދިން 50 މިލިއަން ޑޮލަރުގެ ލޯނު އެހީގައި ހިންގާ މަޝްރޫއުތަކުގެ ޓެންޑާރިން ފަށާފައިވާއިރު މި މަޝްރޫއުތަކުގެ ސަބަބުން 20،000 މީހުންނަށް ނަފާ ވާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އިއްޔެ ވިދާޅުވިއެވެ.

ފަސް އަހަރުގެ ގްރޭސް ޕީރިއަޑަކާއެކު ވިހި އަހަރުގެ ތެރޭގައި ދައްކާގޮތަށް ދީފައިވާ މި ލޯނުގެ އިންޓްރެސްޓަކީ 4.6 ޕަސެންޓެވެ.

ފިނޭންސް މިނިސްޓަރު އަމީރު ވިދާޅުވީ އޯޕެކް ފަންޑަކީ ރާއްޖޭގެ ތަރައްގީގެ މުހިއްމު ބައިވެރިއެއް ކަމަށާއި ހާއްސަކޮށް ފެނާއި ނަރުދަމާގެ ޕްރޮޖެކްޓުތައް ހިންގުމުގައި އޯޕެކް ފަންޑުން ބޮޑު އެހީތެރިކަމެއް ދެމުން އަންނަ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއަށް އެންމެ ބޮޑު އެއް އެހީތެރިކަމެއް ދޭ ފަރާތަކީ އޯޕެކް ފަންޑު ކަމަށެވެ.

އޯޕެކް ފަންޑުގެ އެހީގައި މިހާތަނަށް ރާއްޖޭގައި 23 މަޝްރޫއެއް ހިންގާފައިވާއިރު އެ ޖަމްއިއްޔާ އިންވަނީ 200 މިލިއަން ޑޮަލަރަށް ވުރެ ބޮޑު އެހީއެއް އެކި ޕްރޮޖެކްޓުތައް ކުރިއަށް ގެންދިޔުމަށް ދީފައެވެ.

comment ކޮމެންޓް