ފަތުރުވެރިން ރާއްޖޭގައި ހޭދަކުރި ދުވަހުގެ އަދަދަށް ދަށްވުމެއް

ރިސޯޓެއްގައި ފަތުރުވެރިންތަކެއް ހަރަކާތްތެރި ވަނީ: މިދިޔަ އަހަރު ފަތުރުވެރިން އެވްރެޖުކޮށް 6.3 ދުވަސް ރާއްޖޭގައި ހޭދަ ކުރި --- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

ފާއިތުވި 2019 ވަނަ އަހަރު ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިން އެވްރެޖުގޮތެއްގައި ރާއްޖޭގައި ހޭދަކުރީ 6.3 ދުވަސް ކަމަށާއި އެއީ 2018 ވަނަ އަހަރާ އަޅާބަލާއިރު، ކުޑަކުޑަ ދަށްވުމެއްކަން ޓޫރިޒަމް މިިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީ އިން އާންމުކޮށްފައިވާ މިދިޔަ އަހަރުގެ 12 މަސް ދުވަހުގެ ތަފާސް ހިސާބުތަކުގައިވާ ގޮތުގައި 2018 ވަނަ އަހަރު ރާއްޖެ އައި ފަތުރުވެރިން އެވްރެޖުކޮށް ރާއްޖޭގައި ހޭދަކުރީ 6.4 ދުވަހެވެ. އެހެން ނަމަވެސް މިދިޔަ އަހަރު، 2019 ވަނަ އަހަރު ރާއްޖެ އައި ޓޫރިސްޓުން ރާއްޖޭގައި ހޭދަކުރީ، 6.3 ދުވަހެވެ. އެއީ، 0.1 ދުވަހުގެ ދަށްވުމެއް ކަމަށް ތަފާސް ހިސާބުތަކުގައިވެ އެވެ.

މިދިޔަ އަހަރު ރާއްޖޭގައި ޓޫރިސްޓުންނަށް ހިދުމަތް ދިނުމަށް 47،244 އެނދު ހުރި އިރު، އޮކިއުޕަންސީ ރޭޓް ނޫނީ ރާއްޖޭގައި ހުރި އެނދުތައް ޓޫރިސްޓުން ބޭނުން ކުރި ނިސްބަތް އުޅެނީ، 62.3 ޕަސެންޓްގަ އެވެ. އެއީ 2018އާ އަޅާބަލާއިރު، 0.2 ޕަސެންޓްގެ އިތުރު ވުމެއް ކަމަށް ވަނީ ލަފާކޮށްފަ އެވެ.

ތަފާސް ހިސާބުތަކަށް ބަލާއިރު، ރިސޯޓްތަކާއި ގެސްޓްހައުސްތަކާއި ހޮޓާތައް އަދި ސަފާރީ ބޯޓްތަކާ އެކު، 873 ތަނަކުން މިދިޔަ އަހަރު ޓޫރިސްޓުންނަށް ވަނީ ހިދުމަތް ދީފަ އެވެ.

އެނދު ހުރި އަދަދުން، ޓޫރިސްޓުން ރާއްޖޭގައި ޗުއްޓީ ހޭދަކުރި ނިސްބަތް ކަމަށްވާ ބެޑް ނައިޓްސްއަށް ބަލާއިރު، އެ އަދަދަށް ވަނީ 12.8 ޕަސެންޓްގެ ކުރިއެރުމެއް މިދިޔަ އަހަރު ލިބިފަ އެވެ.

މިދިޔަ އަހަރު ނިމުނުއިރު ރާއްޖެއަށް 1.7 މިލިއަން ފަތުރުވެރިން ޒިޔާރަތްކުރިއެވެ. މިއީ ފަތުރުވެރިކަމުގެ ތާރީހުގައި ރާއްޖެއިން ގާއިމްކުރި ބޮޑު ރެކޯޑެކެވެ.

މިއީ 2018 ވަނަ އަހަރާ އާޅާބަލާ އިރު 14.7 ޕަސެންޓުގެ ކުރިއެރުމެއް ކަމަށް ޓޫރިޒަމް މިނިސްޓްރީ އިން ބުންޏެވެ.

މިނިސްޓްރީގެ ހިސާބުތަކަށް ބަލާއިރު، މިދިޔަ އަހަރު އެންމެ ގިނައިން ރާއްޖެ އައީ އަންހެން ޓޫރިސްޓުންނެވެ. އެގޮތުން، 886،804 އަންހެނުން ޓޫރިސްޓުން ރާއްޖެ އައިއިރު، 816،083 ފިރިހެން ޓޫރިސްޓުން މިދިޔަ އަހަރު ރާއްޖެ އައެވެ.

މިދިޔަ އަހަރު އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ޔޫރަޕުންނެވެ. އެއީ ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ 49 ޕަސެންޓެވެ. ދެން އެންމެ ގިނަ ފަތުރުވެރިން އައިސްފައި ވަނީ އޭޝިއާ ސަރަހައްދުންނެވެ. އެއީ ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ 41 ޕަަސެންޓު ކަމަށާއި ދެން އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައީ އެމެރިކާ ސަރަހައްދުންނެވެ. އެ ފަތުރުވެރިންނަކީ ޖުމްލަ ފަތުރުވެރިންގެ ފަސް ޕަސެންޓު ކަމަށް ޓޫރިޒަމް މިނިސްޓްރީ އިން ބުންޏެވެ.

މިދިޔަ އަހަރު ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު

  • ޔޫރަޕުން: 833،904 މީހުން
  • އޭޝިއާ ޕެސިފިކް: 705،117 މީހުން
  • އެމެރިކާ ސަރަހައްދުން: 84،793 މީހުން
  • މެދު އިރުމަތިން: 60،003 މީހުން
  • އެފްރިކާ ސަރަހައްދުން: 18،698 މީހުން

ޓޫރިޒަމް މިނިސްޓްރީ އިން ބުނީ ވަކިވަކި މާކެޓުތަކަށް ބަލާ އިރު އެންމެ ގިނަ ފަތުރުވެރިން އައިސްފައި ވަނީ ޗައިނާ އިން ކަމަށެވެ. ޖުމްލަ ފަތުރުވެރިންގެ 16.7 ޕަސެންޓް ޗައިނާ ފަތުރުވެރިން ހިއްސާ ކުރާއިރު ދެން އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ އިންޑިއާއިންނެވެ. އެއީ ޖުމްލަ ފަތުރުވެރިންގެ 9.7 ޕަސެންޓެވެ.

comment ކޮމެންޓް