ބްރިޖް މަތިން އަޑި ޕާކް ތެރެއަށް ވެއްޓުނު ކާރު ޓޯކޮށްފި

ކާރެއް ކޮންޓްލޯނު ނުވެގޮސް، ސިނަމާލެ ބްރިޖަށް އަރާ ސަރަހައްދުގައި ހަދަމުންދާ ޕާކުގެ ފެންސަށް އަރާފައި ---

ކާރެއް ކޮންޓްލޯނު ނުވެގޮސް، ސިނަމާލެ ބްރިޖް މަތިން ކަހާލައި، އެ ސަރަހައްދުގައި ހަދަމުންދާ އަޑިޕާކްގެ ތެރެއަށް ވެއްޓިއްޖެ އެވެ.

ރޭ ހިނގި މި އެކްސިޑެންޓާ ގުޅޭގޮތުން ފުލުހުން ބުނީ ރޭ 11:50 ހާއިރު މޫންލައިޓް ހިނގުމުން ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލު ނުވެގޮސް ބްރިޖުން ކަހާލައި އެ ސަރަހައްދުގެ ޕާކް ތެރެއަށް ކާރު ވެއްޓިފައިވާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

މި އެކްސިޑެންޓުގައި އެއްވެސް މީހަކަށް އަނިޔާ ނުވި ނަމަވެސް ކާރުގެ ކުރީ ބަފަރުގެ ދެފަރާތު އަރިމަތިން ގޭނި، ހަލާކުވެ ލޮކް ގޮސްފައިވާ ކަމަށާއި ކާރުގެ ފަހަތު ބަފަރުގެ ލޮކުވެސް ނެއްޓިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެކްސިޑެންޓުވި ކާރު ދުއްވަން އިނީ އުމުރުން 32 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި އޭނާގެ އަތުގައި ލައިސަންސް އޮންނަ ނަމަވެސް އެކްސިޑެންޓު ހިނގި ވަގުތު އޭނާގެ އަތުގައި ލައިސަންސް ނެތް ކަމަށެވެ.

އެކްސިޑެންޓު ހިނގި އިރު ކާރު ދުއްވަން އިނީ ކާރުގެ ވެރިފަރާތް ނޫން ކަމަށާއި އެކްސިޑެންޓާ ގުޅިގެން ކާރު މިހާރު ޓޯ ކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

comment ކޮމެންޓް