ނަހުލާގެ "ހުވާ" މި މަހު ދައްކާނެ

ހުވާ ސީޒަން ދޭއްގެ ޕޯސްޓަރެއް--- ފޮޓޯ/ ފޭސްބުކް

ދިވެހި ފިލްމީ ދުނިޔެއަށް މުޅިން އަލަށް ތައާރަފްކުރި ފުރަތަމަ ދިވެހި ވެބް ސީރީޒް "ހުވާ"ގެ ފުރަތަމަ ސީޒަން ކާމިޔާބުކަމާއެކު ނިންމާލުމާއެކު ދެން އިވުނީ އެ ސީރީޒްގެ ދެވަނަ ބައެއްގެ ވާހަކައެވެ.

އެވާހަކަ އިއުލާންކުރުމާއެކު ބެލުންތެރިން އިންތިޒާރު ކުރަމުން އައީ އެ ރީތި ވެބް ސީރީޒްގެ ދެވަނަ ބައި ބެލުމަށެވެ. މި އަހަރު ސީރީޒްގެ ދެވަނަ ބައި ގެނެސްދޭނެކަމަށް ޑައިރެކްޓަރު ފާތިމަތު ނަހުލާ (ނަހޫ) ބުނިކަމުގައި ވީނަމަވެސް ވަކި ތާރީހެއް އޭރު ހާމަކޮށްފައެއް ނުވެއެވެ.

ނަމަވެސް ނަހޫ މިވަނީ ހުވާ ދައްކާނެ ތާރީހު ހިއްސާކޮށްފައެވެ. މި މަހު 30 ވަނަ ދުވަހު ހުވާގެ ދެވަނަ ސީޒަން ދައްކާނެ ކަން ނަހޫ ވަނީ ސަން އަށް ކަށަވަރުކޮށްދީފައެވެ.

ފުރަތަމަ ސީޒަނުން ފެނިގެންދިޔަ ތަރިންގެ އިތުރުން ގިނަ އާ ތަރިންތަކެއްވެސް މިފަހަރުގެ ސީޒަންގައި ފެނިގެންދާނެއެވެ. ކުރީގެ އެޕިސޯޑަށްވުރެ މި ފަހަރުގެ އެޕިސޯޑެއްގެ ދިގުމިން ދިގުވާނެ ކަމަށް ނަހޫ ބުންޏެވެ. ނަހުލާގެ "ހުވާ" ނުނިމެއެވެ. އަދި އޮތީ ކުރިއަށެވެ.

"ހުވާ" އަކީ އެންމެންގެ ލޯބި ހޯދަމުން އަންނަ ޑައިރެކްޓަރު ފާތިމަތު ނަހުލާގެ ވާހަކައަކަށް އޭނާ އާއި ފައިސަލް ޑައިރެކްޓްކޮށްފައިވާ ސީރީޒްއެކެވެ.

ހުވާ ބެލޭނީ ބައިސްކޯފު އެޕްލިކޭޝަނުންނެވެ. ބައިސްކޯފު އަކީ އެންޓަޓެއިންމަންޓްގެ ހުރިހާ ދާއިރާތަކެއް ހިމެނިފައިވާ އެޕްލިކޭޝަނެކެވެ. އޯޑިއޯ، ވީޑިއޯ އަދި ދިވެހި ފިލްމު ތަކާއި ގިނަ އަމިއްލަ ސީރީޒްތައްވެސް ބައިސްކޯފު އެޕްލިކޭޝަނުން ބަލައިލެވެއެވެ. އަދި ޓޯކް ޝޯފަދަ ޝޯތަކާއެކު އެންޓަޓެއިންމަންޓް ދާއިރާގައި ހިމެނޭ ދިވެހި ހުރިހާ ފަންނާނުންގެ މައުލޫމާތުތަކާ ހުރިހާ މަސައްކަތެއް ވެސް އެ އެޕްލިކޭޝަނުން ފެންނަން ހުންނާނެ އެވެ.

comment ކޮމެންޓް