މަހުގެ އުފެއްދުންތައް ތައްޔާރުކުރަން ދަސްކޮށްދެނީ

ޅ. ފެލިވަރު މަސް ބަންދުކުރާ ފެކްޓްރީ -- ފޮޓޯ: ފެލިވަރު

މަހާއި މަހުގެ އުފެއްދުންތައް ތައްޔާރުކުރަން ދަސްކޮށްދޭ ތަމްރީނު ޕްރޮގްރާމެއް ކުރިއަށްގެންދަން ނިންމައި އެ ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ފިޝަރީޒް މިނިސްޓްރީ އިން ބުނީ މަސްވެރިކަމުގެ ސިނާއަތުގައި މަހާއި މަހުން ތައްޔާރުކުރާ ބާވަތްތައް އިތުރުކޮޮށް، މަތީ އަގު ލިބޭ ބާވަތްތައް އުފައްދާ ޖަމާއަތެއްގެ ގޮތުގައި އެ ބާވަތްތައް މާކެޓުތަކަށް ބޭނުންވާ ގޮތަށް ތައްޔާރުކުރުމުގެ މަގުސަދުގައި "ވިޔަފާރީގެ އުސޫލުން އަގުއެއްކުރި މަހާއި މަހުގެ އުފެއްދުންތައް ތައްޔާރުކުރުން" ގެ ނަމުގައި ތަމްރީން ޕްރޮގްރާމުތަކެއް ބާއްވަން ނިންމާފައިވާ ކަމަށެވެ.

މިތަމްރީން ޕްރޮގްރާމުގެ މަގުސަދަކީ ރަށްރަށުގެ އަމިއްލަ ފަރުދުންނާއި އަމިއްލަ ޖަމާއަތްތަކާއި ޖަމްއިއްޔާތައް މެދުވެރިކޮށް ރަށުފެންވަރު ގައްޔާއި އަތޮޅު ފެންވަރުގައި މަސްވެރިކަމުގެ އުފެއްދުންތައް އުފައްދާ، މިފަދަ އުފެއްދުންތަށް ގަންނަ ފަރާތްތަކާ ހަމަޔަށް ފޯރުކޮށްދިނުމަށް އެފަރާތްތައް އަހިލުވެރިކުރުވުން ކަމަށް މިނިސްޓްރީ އިން ބުންޏެވެ.

މިޕްރޮގްރާމް ކުރިޔަށް ގެންދާނީ ތިއަރީ ސެޝަންތަކަކާއި އަމަލީ މަސައްކަތް ތަކެއްގެ މައްޗަށް ބަހާލައިގެން ކަމަށް ފިޝަރީޒް މިނިސްޓްރީ އިން ބުންޏެވެ.

މި ޕްރޮގްރާމުގެ ބައިވެރިންނަށް މަހުގެ ބާވަތްތައް ފެންވަރު ރަނގަޅުކޮށް ރައްކާތެރިކަމާއެކު ބެލެހެއްޓުމާއި، މަހުގެ އުފެއްދުންތައް ތައްޔާރު ކުރުމުގައި ގެންގުޅެންޖެހޭ ރައްކާތެރި މިންގަނޑުތައް ކިޔައިދޭނެ އެވެ.

މީގެ އިތުރުން ލޭބަލްކުރުމާއި ބަންދުކުރުން، މަސްވެރިކަމުގެ ކުދި ވިޔަފާރިއެއް ހިންގާ ބަލަހައްޓާނޭގޮތާއި، މަސްވެރިކަމުގެ ކުދި ވިޔަފާރި ހިންގުމުގައި ފައިސާ ބަލަހައްޓާނޭގޮތް އަދި އަގު އެއްކުރި މަހުގެ އުފެއްދުންތައް އުފައްދާ ބަންދުކޮށް މާކެޓް ކުރާނެ ގޮތައި އަގުއެއްކުރި މަހުގެ އުފެއްދުންތައް އުފެއްދުމުގެ އަމަލީ މަސައްކަތް ދަސްކޮށްދޭނެއެވެ.

މި ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ކުދި އަދި މެދުފަންތީގެ ވިޔަފަރިކުރާފަރާތްތަކަށާއި ދެޖިންސުގެ ޒުވާނުންނަށް އަދި މަހުގެ އުފެއްދުން ތައްޔާރުކުރުމަށް ބޭނުންވާ ހުރިހާ ފަރާތްތަކަށް ވަނީ ހުޅުވާލައިފިައެވެ.

މި ޕްރޮގްރާމުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން އަންނަ ފެބްރުއަރީ މަހުގެ 27 ގެ ކުރިން ތަމްރީން ޕްރޮގްރާމުގައި ބައިވެރިވުމަށް އެދި ހުށަހަޅާ ސިޓީ ފޮނުވަންޖެހެއެވެ.

comment ކޮމެންޓް