އިމްޕޯޓު އިތުރުވުއިރު، އެކްސްޕޯޓު ދަށްވެއްޖެ

ކަސްޓަމްސްގެ ގްރީން އަދި ރެޑް ޗެނަލް--ފޮޓޯ ކަސްޓަމްސް

މިދިޔަ ޑިސެމްބަރު މަހު ރާއްޖެ އެތެރެކުރި މުދާ މިދިޔަ އަހަރުގެ އެމުއްދަތާ އަޅާ ބަލާއިރު ހަތަރު ޕަސެންޓު އިތުރުވެއްޖެ އެވެ.

ކަސްޓަމްސް އިން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު އެކްސްޕޯޓު ވަނީ 19 ޕަސެންޓު ދަށް ވެފަ އެވެ.

ކަސްޓަމްސް އިން ބުނީ މިދިޔަ ޑިސެމްބަރު މަހު ރާއްޖެއަށް އެތެރެކުރި މުދަލުގެ ސީޕީއައި އަގު އޭގެ ކުރީ އަހަރުގެ އެ މުއްދަތާ އަޅާ ބަލާއިރު އިތުރުވެފައިވާ ކަމަށެވެ. އެގޮތުން ޑިސެމްބަރު 2018 ގައި އެތެރެކުރި މުދަލުގެ ސީޕީއައި އަގު 4.2 ބިލިއަނުގައި ހުރި އިރު މިދިޔަ މަހު އެ އަދަދު ވަނީ 4.4 ބިލިއަނަށް އަރައިފައެވެ.

ކަސްޓަމްސް އަށް ލިބުނު އާމްދަނީ މިދިޔަ ޑިސެމްބަރު މަހު ވަނީ އޭގެ ކުރީ އަހަރުގެ ޑިސެމްބަރާ އަޅާ ބަލާއިރު 10 ޕަސެންޓު އިތުރުވެފައެވެ. މިދިޔަ އަހަރު ކަސްޓަމްސް މެދުވެރިކޮށް 361 މިލިއަން ރުފިޔާގެ އާމްދަނީ ދައުލަތަށް ލިބިފައިވާކަމަށް ކަސްޓަމްސްގެ ތަފާސް ހިސާބުތައް ދައްކައެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވާ ގައުމުތަކަކީ ޗައިނާ، ޔޫއޭއީ އަދި މެލޭޝިއާ އެވެ. ޗައިނާ އިން 753 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު ޔޫއޭއީ އިންވަނީ 654 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައެވެ. މެލޭޝިއާ އިން އެތެރެކުރި މުދަލުގެ އަގު 445 މިލިއަން ރުފިޔާ އަށް އަރައެވެ.

ރާއްޖެ އަށް އެންމެ ގިނައިން އިމްޕޯޓުކޮށްފައިވަނީ ކާބޯތަކެތީގެ ބާވަތްތަކެވެ. އެއީ ޖުމްލަ އިމްޕޯޓުގެ 17 ޕަސެންޓެވެ. މެޝިނަރީ އަދި މެކޭނިކަލް އިކުއިޕްމެންޓުވެސް ގިނަ އަދަދަކަށް އެތެރެކޮށްފައިވާއިރު އެބާވަތްތައްވެސް ޖުމްލަ އިމޕޯޓުގެ 17 ޕަސެންޓު ހިއްސާ ކުރެއެވެ. ޖުމްލަ އިމްޕޯޓުގެ 12 ޕަސެންޓަކީ ތެލުގެ ބާވަތްތަކެވެ، އޭގެ ތެރޭގައި ޖެޓްފިއުލް އާއި ޑީސަލް އަދި ޕެޓްރޯލު ހިމެނެއެވެ.

ރާއްޖެއިން މިދިޔަ މަހު އެންމެ ގިނަ އަދަދެއްގެ މުދާ ބޭރު ކުރީ ތައިލެންޑަށެވެ. އެއީ ޖުލްމަ އެކްސްޕޯޓުގެ 32 ޕަސެންޓެވެ. ދެން އެންމެ ގިނައިން މުދާ ބޭރުކުރި ޖަރުމަނަށް ވަނީ ޖުމްލަ އެކްސްޕޯޓުގެ 14 ޕަސެންޓު މުދާ ބޭރުކޮށްފައެވެ. މީގެ އިތުރުން އެމެރިކާ އަށް ވަނީ ޖުމްލަ އެކްސްޕޯޓުގެ ނުވަ ޕަސެންޓު މުދާ ބޭރުކޮށްފައެވެ.

ރާއްޖެއިން ބޭރަށް އެކްސްޕޯޓު ކުރާ މުދަލުގެ ބޮޑު ޕަސެންޓަކީ މަހުގެ ބާވަތްތަކެވެ. އެގޮތުން މިދިޔަ މަހު 33 މިލިއަން ރުފިޔާގެ ކަނޑު ކުރި ކަންނެލި ރާއްޖެ އިން ބޭރަށް އެކްސްޕޯޓު ކުރި އިރު، 24 މިލިއަން ރުފިޔާގެ ކަޅުބިލަ މަސް ވަނީ އެކްްސްޕޯޓު ކޮށްފައެވެ.

comment ކޮމެންޓް